ދައުލަތުގެ މާލިއްޔަތުން 570 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގަނެފައިވާ ޑްރޯންތަކުގެ ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ފަށާފައިވާކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދޮގު ހައްދަވާފައިވާކަން ހާމަވެއްޖެއެވެ.
ތުކުރީގެ “ބައިރަކުތާރު” މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ކަމަށްބުނެ, ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މަސް ކަނޑުތަކާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ފާއިތުވި މާރޗްމަހުގެ 15 ވަނަ ދުވަހުގެ ރޭއެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ރައީސް މުއިއްޒުއެވެ.
އެމްއެންޑީއެފްއިން އޭރު ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު ބެލެހެެއްޓުމުގެ މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯންތައް ކަމަށެވެ.
އަދި ރައީސް މުއިއްޒު މި ރަސްމިއްޔާތުގައި ވިދާޅުވެފައިވަނީ ޑްރޯންގެ ބޭނުން ކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރަހައްދު ދެން ބެލެހެއްޓެމުންދާނެ ކަމުގައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ހެއްދެވީ ދޮގެއްކަން ހާމަވީ, 4 މީހުންނާއެކު ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ 570 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހޯދި ޑްރޯންގެ ބޭނުން ނުކޮށް, މޯލްޑިވިއަންގެ ފްލައިޓެއްގެ ބޭނުން ކޮށްގެންކަމަށް އެމްއެންޑީއެފްއިން މިއަދު ހާމަކުރުމާއި ގުޅިގެންނެވެ.
އިއްޔެ ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ ދޯނި ހޯދުމަށް ވައިގެ މަގުން މިހާރު ބޭނުންކުރަނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ ”AAA-37“ ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑިއެފްއިން ބުނެފައިވަނީ ދޯނީގައި ތިބީ 4 މީހުންނެވެ. އެއީ ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިންގެއިން މެންދުރު 12:00 ހާއިރު ބުނި ގޮތުގައި، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ ރެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 ގުޅައި މައުލޫމާތު ހިއްސާކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެ އެވެ.
4 މީހުންނާއެކު ދޯންޏެއް ގެއްލިގެން އުޅޭރިއުރުވެސް 24 ގަޑިއިރު ޑްރޯންގެ ބޭނުންކޮށް ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުންދާކަމަށް މުއިއްޒު ވިދާޅުވެފައިވާއިރުވެސް, ގެއްލުނު މީހުން ހޯދުމަށް ޑްރޯންގެ ބޭނުން ނުކޮށް, މޯލްޑިވިއަންގެ ބޯޓެއް ބޭނުންކުރަމުންދާ ސަބަބެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް އިއްޔެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އޮތީ ރީނދޫ އެލާޓް ނެރެފި އެވެ. މާލޭ ސަރަހައްދަށް ވެސް އިއްޔެ ވަރަށް ބޮޑަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެސް ވެހުނެވެ.