ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާއިތުވި ހަފްތާގައި ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި, އެގައުމުގެ ރަސްގެފާނު ސަލްމާންގެ އިތުރުން ވަލީއަހުދު މުހައްމަދުއާއިވެސް ބައްދަކުރެއްވުމަށް މުއިއްޒު މަސައްކަތް ކުރެއްވިކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
އެހެންނަމަވެސް ހަފްތާއެއްވަންދެން ސައުދީގައި ހުންނެވިއިރުވެސް, މުއިއްޒުއާއި ބައްދަލުކުރުމުގެ ފުރުސަތު ދެބޭފުޅުންވެސް ނުދެއްވިކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
ސައުދީ އަރަބިއާއަށް ވަޑައިގަންނަވާ ގައުމުތަކުގެ ރައީސުންނާއި އާންމުކޮށް ކިންގ ސަލްމާން ނުވަތަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބައްދަލު ކުރައްވައެވެ. ކިންގ ސަލްމާންގެ އާލާސްކަންފުޅު ހުންނަގޮތުން ގައުމުތަކުގެ ރައީސުންނައި އާންމުކޮށް ބަދަލުކުރައްވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާ (އެމްބީއެސް) އެވެ. ސައުދީ ސަރުކާރު ހިންގެވުމާއި މިހާރު ހަވާލުވެ ހުންނެވީވެސް އެމްބީއެސްއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ސައުދީ އަރަބިއާގެ ވެރިން މުއިއްޒުއާއި ބައްދަލު ކުރައްވަން ދެކޮޅު ހެއްދެވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިސަރުކާރުން ތުރުކީއާއި އާދަޔާ ޚިލާފަށް ގުޅުން ބަދަހި ކުރުމުގެ އިތުރުން ރައީސް ޔާމިން އެކަހެރި ކުރުމުގެ ސަބަބުންނެވެ. ރައީސް ޔާމިންއަކީ ސައުދީ އަރަބިއާއާއި ގާތް ގުޅުމެއް ދެމެހެއްޓެވި ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި އުމްރާގެ އަޅުކަމުގައި ސައުދީ ސަރުކާރުން މުއިއްޒު ބަހައޓާފައިވަނީ ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ބައިތިއްބާ އެންމެ މުސްކުޅި ގަނޑުވަރުގައެވެ. އެއީ ސަފާ ގަނޑުވަރެވެ.
އެގަނޑުވަރުގައި ހުންނަވައިގެން މުއިއްޒުވަނީ ޕްރޮޓޮކޯލްއާއި ޚިލާފަށް އެގަނޑުވަރުގެ ކޮޓަރިކޮޅުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް, އަމިއްލަ ޕްރޮމޯޝަނަށް ފޮޓޯތައް ބޭނުންކުރައްވާފައެވެ. ސަފާ ގަނޑުވަރަކީ ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންވެސް ތިއްބަވާ ގަޑުވަރަކަށް ވާތީ, ސަލާމަތީ ސަބަބުތަކާއި އަދި އެނޫން ސަބަބުތަކާހެދިވެސް, ގަނޑުވަރުގެ އެތެރޭގެ ފޮޓޯތައް އާންމުކުރުން ސައުދީ ސަރުކާރުން އޮންނީ މަނާކޮށްފައެވެ.
އަދި މި ފޮޓޯތައް އާންމު ކުރުމަށްފަހު ރައީސް މުއިއްޒުގެ އެންގެވުމަށް މުއިއްޒު ޕްރޮމޯޓު ކުރަމުންދާ ސޯޝަލް މީޑިއާ އެކައުންޓްތަކުންވަނީ, ގައުމުން ބޭރުގައި ހުންނަވައިގެންވެސް ދައުލަތް ހިންގެވުމުގެ ޒިންމާ މުއިއްޒު އަދާކުރައްވަމުން ގެންދަވާކަމަށް ބުނެ, މުއިއްޒު ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްވެސް ހަދާފައެވެ.