ޚަބަރު

އަބުދުއްރަހީމްގެ ދަރިފުޅު ފުރިހަމަ ކުރަންވީ ޕަބްލިކް ސްޕީކިން ކޯހެއް ނޫން, އެއީ ތަފާތު ފަންނެއް! އޭނާ އަކީ ލެކްޗަރތައް ދޭންޖެހިފައިވާ މީހެއް ނޫން, އޭނާ ދަސްކުރަންވީ"އޭބީސީޑީ"!

ދިޔަވަރު
އަބުދުއްރަހީމްގެ ދަރިފުޅު ފުރިހަމަ ކުރަންވީ ޕަބްލިކް ސްޕީކިން ކޯހެއް ނޫން, އެއީ ތަފާތު ފަންނެއް! އޭނާ އަކީ ލެކްޗަރތައް ދޭންޖެހިފައިވާ މީހެއް ނޫން, އޭނާ ދަސްކުރަންވީ"އޭބީސީޑީ"!

ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައި "ބްރޯކެން އިންގްލިޝް"އިން (މާނަ ސާފުނުވާގޮތަށް, ބަހުގެ ހަމަަތައް އޮޅުވާލައިގެން އިނގިރޭސިބަހުން ވާހަކަ ދެއްކުން) އިންޓަވިއުތައްދީ, އަދި ވާހަކަ ދައްކާ, ދިވެހިރާއްޖެ ލަދުގަންނުވާލާ, ރާއްޖޭގެ ފަތުރިވެރިކަމަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުން ދިނުމަށްފަހު, ޕަބްލިކް ސްޕީކިންއާއިބެހޭ ކޯހެއް ހަދާކަމަށް ރައީސް މުއިއްޒުގެ ރޯލްމޮޑެލް އަބުދުއްރަހީމްގެ ދަރިފުޅު ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ކޯޗެއް ނަގައިގެން ހަ މަސް ތެރޭ އޭނާގެ ވާހަކަ ދެއްކުން ރަނގަޅު ކުރާނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ, ބޭރު ގައުމުތަކުގައި އިނގިރޭސީ ބަހުން ވާހަކަ ދައްކާ ކޮންމެ ފަހަރަކު، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ރާއްޖޭގެ ފަތުރުގެރިކަމުގެ މޫނުމަތި ހުތުރު, އެސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ ފަދަ ވުޒާރާއެއްގެ ވަޒީރެއް އިނގިރޭސި ބަހަށް ކޮށިވެ ފެންވަރު ނެތް ކަމަށް ބުނެ، އާންމުންގެ އެތައް ބަޔަލު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

އެކަންކަމާގުޅޭގޮތުން އަބުދުއްރަހީމްގެ ދަރިފުޅު ވިދާޅުވީ ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އޭނާގެ ޕަބްލިކް ސްޕީކިންގެ ފެންވަރު ރަގަޅުކުރާނެ ކަމުގައެވެ.

އެބޭފުޅުން އެ ކިޔާ ފާޑުކިޔުންތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އަޅުގަނޑުގެ ޕަބްލިކް ސްޕީކިން ވެސް އިރާދަކުރެއްވިއްޔާ ކޯޗެއް ހަޔާ ކޮށްގެން އެ މަސައްކަތް ކުރަން. އަޅުގަނޑު ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކުރާނަން.

ފައިސަލް ވިދާޅުވި އެވެ.

އެހެންނަމަވެސް ލިންގުއިސްޓިކްއާއި ގުޅޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަބުދުއްރަހީމްގެ ދަރިފުޅަށް ކުރިމަތިވެގެން އުޅެނީ ޕަބްލިކް ސްޕީކިން ނުވަތަ ވާހަކަ ދެއްކުންތެރިކަމުގެ މައްސަލައެއް ނޫނެވެ. އޭނާއަށް ކުރިމަތިވެގެން އުޅެނީ އިނގިރޭބަސް ދަސްވެފައި ނެތުމުގެ މައްސަލައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ ވާހަކަ ދައްކަމުންދަނީ "ބްރޯކެން އިންގްލިޝް"އިންނެވެ. އެއީ ބަހުގެ މާނަ ސާފުނުވާގޮތަށް, ބަހުގެ ހަމަަތައް އޮޅުވާލައިގެން އިނގިރޭސިބަހުން ވާހަކަ ދެއްކުމެވެ. އެއީ އެއްވެސް ވަރަކަށް އިނގިރޭސިބަސް އުނގެނި ދަސްކޮށްފައި ނުވާމީހުން, އެތައް މިތަނުން އިވޭ ބަސްތައް ގުޅުވައިގެން އެބަހުން ވާހަކަ ދައްކާ ގޮތެވެ.

އޭގެ އެއް މިސާލަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުން ދިވެހިބަހުން ވާހަކަ ދެއްކުމެވެ. އެމީހުން ދުވަހަކު ދިވެހި ބަސް ކިޔަވާފަ ނެތަސް އިވޭ ބަސްތައް ގުޅުވައިގެން, ހަމަނުޖެހޭގޮތަށް ބަސްތައް ގުޅުވައިގެން ވާހަކަ ދައްކައެވެ. އެއީ ބްރޯކެން ދިވެހި ބަސްކަމުގައިވެސް ބުނެވިދާނެއެވެ.

އެހެންކަމުން, ތިމާއަށް އިނގިރޭސި ބަސް ނޭގޭކަމަށް އަދިވެސް ގަބޫލުކުރަން ބޭނުންނުވެ, ޕަބްލިކް ސްޕީކިންއާބެހޭ ކޯހެއް ހަދާކަމަށް އަބުދުއްރަހީމްގެ ދަރިފުޅު މީޑިއާގައި ވިދާޅުވަމަކީ އަދިވެސް އޭނާ ހަގީގަތް ގަބޫލުކުރުމަށް ދެކޮޅު ހަދަމުންދާކަމުގެ ހެއްކެކެވެ.

އެހެނީ ޕަބްލިކް ސްޕީކިން ކޯސްތަކުގައި ކިޔަވާދޭނީ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރެވެ. ނުވަތަ އޯޑިއެންސްއަކާ ކުރިމަތިލާ, ބިރު ކަނޑުވާލާ, އޯޑިއަންސްގެ ސަމާލުކަން ދަމާގަތުމުގެ އުކުޅުތަކެވެ.

އެހެންނަމަވެސް އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް ކޮށިވެގެން އުޅެނީ އިނގިރޭސިބަހަށެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ އޭނާ ދަސްކުރަންވީ "އޭ" "ބީ" "ސީ" "ޑީ"އެވެ. އޭނާ ދަސްކުރަންވީ އިނގިރޭސިބަހިގެ ހަމަތަކާއި އެބަހުގެ ގަވާއިދެވެ. ޕަބްލިކް ސްޕީކިންއަކީ އޭނާ އަދާކުރަމުންދާ މަގާމާ އަދި ކުރަންޖެހޭ މަސައްކަތްތަކާ ގުޅުންހުރި ކަމެއް ނޫނެވެ. އޭނާއަށް ޖެހިފައިވަނީ ބޮޑެތި ލެކްޗަރތައް ދޭކަށް ނޫނެވެ. އޭނާއަކީ ޕްރޮފެސަރއެއް ނޫނެވެ.

އޭނާއަށް ކުރަންޖެހިފައިވާ މަސައްކަތަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ގައުމެއް ތަމްސީލު ކުރުމެވެ. އަގުބޮޑު އިންޑަސްޓްރީއެއް ތަމްސީލުކުރުމެވެ. އޭނާގެ ކިބައިގައި ނެތިގެން, ގައުމަށް އުޅޭންޖެހިފައި މިވަނީ ގާބިލްކަމާއި އިލްމާއި ހިލްމެވެ.