ހަތަރު މީހުންނާއެކު ހުކުރު ދުވަހު ގެއްލުނު ދޯނި ފެނިފައިވާ ކަމަށް ކަންނެލި ދޯންޏެއް ކަމަށްވާ އަސުރުމާ ތިނެއް ދޯނިން ސޯޝަލް މީޑިއާގައި ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި އަސުރުމާ ދޯނިން ވަނީ ގެއްލިގެން ހޯދާ، "AAA-37" ދޯނީގެ ފޮޓޯއާއި އޮތް ސަރަހައްދުވެސް ހިއްސާކޮށްފަ އެވެ.
މި ދޯނި ފެނިގެން އެމްއެންޑީއެފަށް ގުޅުމުން، ސިފައިންނަށް އެ ދޯންޏާ ގުޅިފައިވާ ކަމަށް ބުނެފައިވާ ކަމަށް ކަންނެލި ދޯނިން މައުލޫމާތު ދެއެވެ. ނަމަވެސް އެމްއެންޑީއެފް އިން އެވަގުތާއި ހަމައަށްވެސް އެފަދަ މައުލޫމާތެއް ހާމަ ކޮށްފައި ނުވުމުން، މުއިއްޒުގެ ދޮގު ހަދާ ސަރުކާރުން އެމީހުން ނާގާބިލްކަން ފޮރުވުމަށް އެ މޭރުމުން ވާހަކަ ދެއްކި ކަމަށް އެ ދޯނީގެ ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެ ދޯނި ފެނުނީ ވ. ރަކީދޫ ބޭރުންނެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލުނު ދޯންޏާ ގުޅިފައިވާ ކަމަށާއި މިހާރު ކޯސްޓްގާޑް ޝަހީދު އަލީ އެ ސަރަހައްދަށް ދުއްވަމުންދާ ކަމަށެވެ.
ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ހޮނިހިރު ދުވަހު ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫ އިރުމަތީ ބިތުގެ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ. މި އޮޕަރޭޝަންގައި ޑްރޯންތައް ބޭނުމެއް ނުކުރެ އެވެ. އަދި ޑޯނިޔާވެސް ބޭނުން ކޮށްފައެއް ނުވެއެވެ.
މާޗު މަހު ފަހުކޮޅު މ. އަތޮޅުން ގެއްލުނު ދޯންޏެއް ހޯދީ ޑްރޯން ބޭނުންކޮށްގެން ކަމަށް ބުނެ ސަރުކާރުން އޭރު ދޮގު ހަދާފައި ވާއިރު، އެ ދޯނި ފެނިފައިވަނީވެސް މަސް ދޯންޏަކަށެވެ.
މި ދުވަސްވަރު މުޅި ރާއްޖެ އަށް މޫސުން ގޯސްއިރު، ބޯކޮށް ވާރޭ ވެހި، ވައި ބޮޑަށް ގަދަވެ، ކަނޑުތައް ވެސް ގަދަވެ އެވެ. އެހެންވެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.