ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ އިސްވެރިން ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރު ނެރުމަށް ތައްޔާރުވަމުންދާއިރު, އެކޯޓުގެ މި އަމަލު ކުށްވެރި ކުރުމަށް މުއިއްޒު ފަސްޖެހިއްޖެއެވެ.
އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި، އަދި 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގާއި އެގައުމުގެ ދިފާއީވަޒީރުގެ އިތުރުން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި އެދިފައިވަނިކޮށް، މުއިއްޒު ކުރެެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އައިސީސީގެ ޕްރޮސެކިއުޓަރު ހުށަހެޅުމުން ރާއްޖެއިން މަރުހަބާ ކިޔާކަމުގައެވެ.
އެހެންނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރުން އެކޯޓުގެ ފަނޑިޔާރުންގެ ކިބައިން މިހާރު އެދިފައި ވީނަމަވެސް, ހަމާސް ޖަމާއަތުގެ ވެރިންގެ މައްޗަށް ނެރުމަށް ތައްޔާރުވަމުންދާ މިއަމުރާއި ގުޅޭގޮތުން މުއިއްޒުގެ އެކްސް ޕޯސްޓުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޖަމާއަތެކެވެ. އެޖަމާއަތުގެ ޗާރޓަރުގައި އޮންނަ އެންމެ މުހިންމު މަގުސަދަކީ ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީ ދައުލަތް ނައްތާލުމެވެ. އަދި އެ ޖަމާއަތުން ކުރަމުންދާ ހަނގުރާމައަކީ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ކުރަމުންދާ ޖިހާދަކަށް ވުމާއެކު, ހަމާސް ޖަމާއަތުން ކުރަމުންދާ ޖިހާދަކީ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެއްގެ ގޮތުގައި ސިފަކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެއެވެ.
އެހެންނަމަވެސް, ހަމާސް ޖަމާއަތުގެ ވެރިން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރު ނެރުން މުއިއްޒު ކުށްވެރި ކޮށްފައި ނުވާއިރު, ފަލަސްތީނުގެ މައްސަލާގައި މުއިއްޒު ދަނީ "މުނާފިގުކަން" ދައްކަމުންނެވެ.
ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޓުވީޓު ކުރުމަށްފަހު, ޓުވީޓުތަކުގެ ނިވަލުގައި ހުންނަވައިގެން ހުޅަނގުގެ ގައުމުތައް ރުހޭގޮތަށް އަމަލުތައް ބެހެއްޓުމެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޓުވީޓު ކުރުމަށްފަހު މުއިއްޒުދަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ރާއްޖެއައުން ހުއްދަ ކޮށްފައި ބާއްވަމުންނެވެ.
އަދި ރާއްޖޭގައިވާ އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ބަންދުކުރުމަށާއި އެގައުމުގެ ޕާސްކޯޓުތައް މަނާކުރުމަށް އެތައް ބަޔަކު އަޑުއުފުލަމުންދާއިރުވެސް އެކަންކަމަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.