ފެނަކައިން އެކި ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކުން އެކުންފުނީގެ މިހާރުގެ އެމްޑީ މުއާޒު ރަޝީދު ބޮޑެތި ކަޓުތައް ނަގަމުންދާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވީ ފެނަކައިގެ ހުރިހާ ދޯނި ދަތުރުތަކެއްވެސް މިހާރު ކުރަމުންދަނީ މުއާޒުއަށް ފައިދާ ލިބޭގޮތަށް ކަމުގައެވެ. އަދި ހުރިހާ ދަތުރުތަކެއްވެސް ކުރަމުންދަނީ އިއުލާން ކުރުމަކާ ނުލާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ދޯނި ދަތުރުތަކަށް ބެކްޑޭޓް ކޮށް ޕީއޯ ހަދައިގެން ދަތުރުތައް މުއާޒްގެ ގާތް މީހުންގެ ދޯނިތަކަށް ދެމުންދާއިރު, ބައެއް ފަހަރަށް އަގުބޮޑުކޮށް ދަތުރުކުރުމަށް ދޯނި އޯނަރަށް ޑިމާންކޮށް އެއިން ކޮންމެ ދަތުރުތަކުން "ކަޓު"ގެ ގޮތުގައި މުއާޒް %20 ޖީބަށް ލާކަމުގައެވެ. އަދި މުއާޒުއަށް ބޮޑު ކޮމިޝަނެއް ލިބޭނަމަ އެ ދޯންޏެއްގެ ދަތުރަށް ވަގުތުން މުއާޒް ޕޭމަންޓް ދޫކުރަމުންދާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފެނަކައިގެ އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން މުއާޒަށް ބޮޑު ކޮމިޝަން ލިބޭ ދަތުރުތަކަށް ބަލާފަ, އަގޮބޮޑު ދަތުރުތަކުގެ ޕޭމަންޓް ވަގުތުން ރިލީސް ކުރުމަށް އޭނާ ވެންޑަރއަށް އަންގާފައި އޮންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރާ ދޯނި ދަތުރުތަކުން, އެކުންފުނި ހިންގުމާ ކުރިން ހަވާލުވެ ހުރި ސައީދުވެސް ކޮރަޕްޝަންގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދިޔަކަމަގެ އެތައް ތުހުމަތުތަކެއް އޭރު ކުރެވިގެން ދިޔައެވެ. އޭގެ ގިނަ މައްސަލަތައް މިހާރުވަނީ އޭސީސީގައިކަންވެސް ފާހަގަ ކޮށްލެވެއެވެ.
އެހެންނަަމަވެސް ހިތާމައަކީ އޭރު އެކުންފުނީގެ އެމްޑީގެ ބޮލުގައި އެޅިފައިވާ ކޮރަޕްޝަންގެ މި ތުހުމަތުތަކުގެ ވާހަކަ މިއަދު ދައްކަވަމުން, މިހާރުގެ އެމްޑީވެސް ހަމަ އެކޮރަޕްޝަން އިތުރު ގިޔަރެއް މަތިކޮށް, ރިޝްވަތުގެ ފައިސާ ޖީބަށް ލަމުންދާކަމެވެ.
މުއާޒު ފެނަކަ އެމްޑީކަމާ ހަވާލުވުމަށްފަހު އޭނާވަނީ ފެނަކައިން މީގެކުރިން އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑުކޮށް ކޭޝްކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ނަގަންވެސް ފަށާފައެވެ. އެ މުއާމަލާތުންވެސް އޭނާ ރިޝްވަތުގެ ފައިސާ ނަގަމުންދާއިރު, މި މުއާމަލާތުގައި މެޑަމް ސާޖިދާގެ ބައިވެރިވުން އޮތްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ވެރިކަމަށް އައުމަށް ސަވާދު ވަނީ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދީފައެވެެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.
ފެނަކަ ކޯޕަރޭޝަންގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކަކީ ސާފުކޮށް ފެންނާންހުރި ހަގީގަތްތައް ކަމުގައިވި ނަމަވެސް, މިހުރިހާ ކޮރަޕްޝަނަކަށްވެސް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.