ޚަބަރު

ކުރީ ސަރުކާރުން ކޮރަޕްޝަނަށް ހިންގާފަ ހުރި ޕްރޮޖެކްޓްތައްކަމަށް ބުނުމަށްފަހު, އެ ޕްރޮޖެކްޓްތަކުގެ ސަޕްލަޔަރުންނަށް ނުދެވިހުރި ޕޭމަންޓުތައް ފެނަކައިން ދޫކުރަމުން ދަނީ މުއާޒުއަށް "ކަޓު" ލިބޭގޮތަށް!

ދިޔަވަރު
ކުރީ ސަރުކާރުން ކޮރަޕްޝަނަށް ހިންގާފަ ހުރި ޕްރޮޖެކްޓްތައްކަމަށް ބުނުމަށްފަހު, އެ ޕްރޮޖެކްޓްތަކުގެ ސަޕްލަޔަރުންނަށް ނުދެވިހުރި ޕޭމަންޓުތައް ފެނަކައިން ދޫކުރަމުން ދަނީ މުއާޒުއަށް "ކަޓު" ލިބޭގޮތަށް!

މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑަށް ދައްކަމުންދާ އެއްވާހަކައަކީ ކުރީ ސަރުކާރުން ފެނަކަ ކުންފުނި މެދުވެރިކޮށް ހިންގާފައިވާކަމަށް, މިސަރުކާރުގެ އިސްވެރިން ބުނަމުންދާ ކޮރަޕްޝަންގެ ވާހަކަތަކެވެ.

އެގޮތުން ފެނަކަ ކުންފުނީގެ އެމްޑީކަމަށް އައްޔަންކުރި މުއާޒު ރަޝީދު އެމްޑީކަމާއި ހަވާލުވުމަށްފަހު ބުނެފައިވަނީ އޭނާ އެކުންފުންޏާއި ހަވާލުވިއިރު އެކުންފުނިވަނީ ރޭޕް ކޮށްފައި ކަމުގައެވެ. އަދި އޭނާ ބުނެފައިވަނީ ކުރީ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގާފައިވަނީ ކޮރަޕްޝަންގެ އުސޫލުން އަގު ބޮޑުކޮށް ކަމުގައެވެ.

އަދި ރައީސް ސާލިހުގެ ސަރުކާރު ނިމިގެންދިޔައިރު ފެނަކައިގެ ސަޕްލަޔަރުންނަށް 3 ބިލިއަން ރުފިޔާ ނުދީހުރިކަމަށް ބުނެ, މިސަރުކާރުން ބުނެފައިވަނީ ކުރީ ސަރުކާރުން ސަޕްލަޔަރުން ހާލުގައި ޖައްސާފައިވާކަމުގައެވެ.

އެހެންނަމަވެސް, ފެނަކައިގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާގޮތުގައި ފެނަކައިގެ އެމްޑީކަމާއި މިހާރު ހަވާލުވެ ހުންނެވި މުއާޒު ރަޝީދު ގެންދަނީ އެކުންފުނީގެ ސަޕްލަޔަރުންނަށް ދޫކުރަމުންދާ ޕޭމަންޓްތަކުން ބޮޑެތި "ކޮމިޝަން"ތައް ނަގަމުންނެވެ.

އެގޮތުން އޮފިޝަލް ވިދާޅުވީ އެކުންފުނިން ހިންގާފައިވާ ޕްރޮޖެކްޓްތަކަށް ވެންޑަރ ޕޭމަންޓް ދޫކުރަނީ ކޮންމެ ޕޭމަންޓަކުން %20 މުއާޒްގެ އަމިއްލަ ޖީބަށް ވަންނަ ގޮތަށް ކަމުގައެވެ.

ފެނަކަ ކޯޕަރޭޝަނުން ސަޕްލަޔަރުންނަށް ފައިސާ ދިނުމުގައި އެކުންފުނި ހިންގުމާ ކުރިން ހަވާލުވެ ހުރި ސައީދުވެސް ކޮރަޕްޝަންގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދިޔަކަމަގެ އެތައް ތުހުމަތުތަކެއް އޭރު ކުރެވިގެން ދިޔައެވެ. އޭގެ ގިނަ މައްސަލަތައް މިހާރުވަނީ އޭސީސީގައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެންނަަމަވެސް ހިތާމައަކީ އޭރު އެކުންފުނީގެ އެމްޑީގެ ބޮލުގައި އެޅިފައިވާ ކޮރަޕްޝަންގެ މި ތުހުމަތުތަކުގެ ވާހަކަ މިއަދު ދައްކަވަމުން, މިހާރުގެ އެމްޑީވެސް ހަމަ އެކޮރަޕްޝަން އިތުރު ގިޔަރެއް މަތިކޮށް, ރިޝްވަތުގެ ފައިސާ ޖީބަށް ލަމުންދާކަމެވެ.

މުއާޒު ފެނަކަ އެމްޑީކަމާ ހަވާލުވުމަށްފަހު އޭނާވަނީ ފެނަކައިން މީގެކުރިން އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑުކޮށް ކޭޝްކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ނަގަންވެސް ފަށާފައެވެ. އެ މުއާމަލާތުންވެސް އޭނާ ރިޝްވަތުގެ ފައިސާ ނަގަމުންދާއިރު, މި މުއާމަލާތުގައި މެޑަމް ސާޖިދާގެ ބައިވެރިވުން އޮތްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ވެރިކަމަށް އައުމަށް ސަވާދު ވަނީ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދީފައެވެެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކަކީ ސާފުކޮށް ފެންނާންހުރި ހަގީގަތްތައް ކަމުގައިވި ނަމަވެސް, މިހުރިހާ ކޮރަޕްޝަނަކަށްވެސް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.