މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން، އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ. އޭނާ އަކީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ފަރާތްވެސް މެއެވެ.
ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.
ނޫރައިން މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އޭނާވަނީ, ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނަވާ, ފަހަކަށް އައިސް އެމްއެމްޕީއާރުސީ ތަމްސީލުކުރަންވެސް ފަށާފައެވެ. އެހެންނަމަވެސް އެއީ އޭނާގެ މަސްއޫލިއްޔަތުގައި ހިމެނޭ މަސައްކަތެއް ނޫނެެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ނަމުގައި މީޑިއާތަކަށް އިންޓަވިއު ދިނުމާއި އަދި އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ނަމުގައި ޕެނަލް ޑިސްކަޝަންތަކުގައިވެސް ފަހަކަށް އައިސް އޭނާއަށްވަނީ ބައިވެރިންވާން މަޖުބޫރު ވެފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިމަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ, މީޑިއާތަކަށް އިންޓަވިއު ދިނުމާއި, އަދި އިނގިރޭސިބަހުން ބާއްވާ ޕެނަލް ޑިސްކަޝަންތަކަށް އެރުމަށް އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު އުޒުވެރިވުމާއި ގުޅިގެން, އެމަސްއޫލިއްޔަތު އަދާކުރުމަށް މަޖުބޫރު ވެގެންނެވެ.
ހަމައެއާއެކު, މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް އިނގިރޭސިބަހުން ދެމުންދާ އިންޓަވިއުތަކާއި ގުޅިގެން ރާއްޖޭގެ އަގުބޮޑު ފަތުރުވެރިކަމުގެ ސިނާއަތުގެ މޫނުމަތި ހުތުރުވެ, އެސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ޒިންމާ ނޫރައިން އުފުލަން ބޭނުން ނުވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މިސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.
އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް "ބްރޯކެން އިންގްލިޝް"އިން މީޑިއާތަކަށް ދެމުންދާ އިންޓަވިއުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެ އިންޓަރވިއުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ވުމުގެ ބަދަލުގައި އެ އިންޓަވިއުތައް ވެގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ނެގެޓިވް ކެމްޕޭންއަކަށެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވަނީ މި ކަންބޮޑުވުންތަކާއި ގުޅޭ ރިޕޯޓެއް ނޫރައިންވަނީ މުއިއްޒުއަށް އަރުވާފައެވެ. އަދި ތައުލީމީ ގާބިލް ބޭފުޅުން ފަތުރުވެރިކަމުގެ ވުޒާރާގެ އިސްވެރިއެއްގެ މަގާމަށާއި އަދި އެމްއެމްޕީއާރުސީގެ އެމްޑީގެމަގާމަށްވެސް އައްޔަން ކުރުމަށް ނޫރައިވަނީ އެދިފައެވެ.
އެހެންނަމަވެސް ނޫރައިންގެ އެއްވެސް ކަންބޮޑުވުމަކަށް މުއިއްޒު އަމަލު ނުކުރައްވާ އޭނާގެ ޝަކުވާތަކަށް މުއިއްޒު ބީރުކަންފަތެއް ދިނުމާއެކު, ފަތުރުވެރިކަމުގެ ސިނާއަތު އިނދަޖެހިގެންދާއިރު އޭގެ ޒިންމާ އުފުލުމަށް އޭނާ ބޭނުން ނުވާކަމަށްވެސް "ދިޔަަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.