ޚަބަރު

ސިޓީ ކައުންސިލްގައި މުއިއްޒުއަށް ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގައިދިން, މުއިއްޒުގެ ކޮރަޕްޝަންގެ ބައިވެރިޔާ ސަމާހު, މިފްކޯގެ އެމްޑީކަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

ދިޔަވަރު
ސިޓީ ކައުންސިލްގައި މުއިއްޒުއަށް ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގައިދިން, މުއިއްޒުގެ ކޮރަޕްޝަންގެ ބައިވެރިޔާ ސަމާހު, މިފްކޯގެ އެމްޑީކަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ފަސާދައިގެ ރެކޯޑަކާއެކު މަގާމުން ވަކިކުރި މިފްކޯގެ ސީއީއޯ ސަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފިއެވެ. މިފްކޯގެ ސީއީއޯގެ މަގާމަށް މުއިއްޒު ސަމާހު އައްޔަނުކުރި މައިގަޑު ސަބަބަކީވެސް މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުއަށް އޭނާ ކޮރަޕްޝަން ހިންގައިދިނުމުގެ ކުޅަދާނަކަމުން ކަމުގައި އޭނާގެ ގާތް ފަރާތްތަކުން މީގެކުރިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ސަމާހުގެ ހަގުއަނބި އަމާނީ އާއި މުއިއްޒުގެ ރޯލް މޮޑެލް އަބުދުއްރަހީމްގެ ލޯބީގެ ކުޅިސަމާއަކީވެސް މި މަގާމު ސަމާހުއަށް ލިބުމަށް މެދުވެރިވި އެއްސަބަބެވެ.

މި މެއި މަހުގެ ތެރޭގައި ސަމާހު ވަނީ މިފްކޯގެ ޚަރަދުގައި އޭނާގެ ދަރިފުޅު ޚިތާނުކުރަން ބެންކޮކުގެ އެންމެ އަގުބޮޑު ހޮސްޕިޓަލް، ބަންބުންގަރާޑު ހޮސްޕިޓަލުގެ ޕްރެޒިޑެންޝަލް ސުއިޓެއް ނަގާ, މުޅި އާއިލާ ބިޒްނަސް ކްލާހުގައި ބެންކޮކަށް އުޅެފައެވެ. އެ ދަތުރުގައި އޭނާވަނީ ހޮސްޕިޓަލާއި ކައިރިން ލަގްޒަރީ 2 އެޕާޓްމަންޓް 30 ދުވަހުގެ މުއްދަތަށް ކުއްޔަށްވެސް ނަގާފައެވެ. މި ހުރިހާ ޚަރަދެއް ސަމާހުކޮށްފައިވަނީ ކޮންތާކުން ކޮންގޮތަކަށް ހޯދި ފައިސާއަކުންކަން އޭނާއަށް ސާފުކޮށް ދެވިފައެއް ނުވެއެވެ.

‏މިފްކޯގައި ސަމާހުގެ ކޮރަޕްޝަން މާސްޓަރމައިންޑް މުއާޒު އަލީ ގެ މައްސަލަތަކެއްވެސް ޕީސީބީން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މުއާޒު އަލީއަކީ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށްނުވިނަމަވެސް، މިފްކޯގެ ހުރިހާ ނިންމުންތަކެއް ނިންމަނީ މުއާޒު އަލީގެ ނުފޫޒު އޮވެގެންނެވެ.

މުއާޒު އަލީ އަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރިއިރު ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. އަދި އެމައްސަލަތައް މިހާރުވެސް އޭސީސީގެ ފަރާތުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

ސަމާހުގެ މަގާމު ގެއްލުމާއެކު، މިފްކޯއަށް ސަމާހު ގެ ނުފޫޒުން ވަޒީފާ ދީފައިވާ 105 މީހެއްގެ މައްސަލަވެސް އަންނަނީ ތަހުގީގް ކުރަމުންނެވެ. ނަމަވެސް މި 105 މީހުން މިހާރު ވަނީ ވަޒީފާގެ ދަހިވެތިކަމުގައި ސަމާހުއާ ދެކޮޅަށް ހެކިބަސްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމާހު މިފްކޯގެ ސީއީއޯކަމުން ވަކިކުރީ, އޭނާ ހިންގި ކޮރަޕްޝަންގެ އަމަލުތައް, މުއިއްޒުއަށް ބައި ނޭޅޭގޮތަށް ހިންގަމުންދާކަމުގެ ހެކި މުއިއްޒުއާއި ހަމައަށް ދިއުމުންނެވެ. އެހެންނަމަވެސް އޭއަކީ ސިޓީ ކައުންސިލްގެ ދުވަސްވަރުން ފެށިގެން މުއިއްޒުއަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާދީފައިވާ ފަރާތެއްކަމަށް ވުމާއެކު, އޭނާއަށް ސަރުކާރުގެ ހަމަ އެފެންވަރުގެ މަގާމެއް ދިނުމަށް މުއިއްޒު އޭނާއަށް ދިން ޔަގީންކަމާއެކު, އޭނާ އައްޔަން ކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.

މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އަށަގެންފައިވާއިރު, މުއިއްޒުގެ އަމަލުތަކުން ދޭހަވަނީ, ކޮރަޕްޝަން ނައްތާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ތެރޭގައި ނެތްކަމެވެ.