އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ މެންޑޭޓް އޮތް ކުންފުންޏަށް ކަމަށް ނާގާބިލް ތައުލީމީ ގޮތުން ފޭކް ސެޓްފިކެޓެއް ގެންގުޅޭ ފަރާތެއް އައްޔަން ކުރުމާއި ގުޅިގެން، އެކަމާއި ދެކޮޅަށް ތެދުވެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނާއި، ދިޔަވަރު ނޫހުންނެވެ.
ދިޔަވަރު ނޫހުންނާއި، ހާއްސަކޮށް ހަސަން ކުރުސީގެ މަސައްކަތުން، އެމްއެމްޕީއާރުސީގައި ހިނގަމުން ދިޔަ، ކޮރަޕްޝަނާއި، މިސް މެނޭޖްމެންޓްގެ ވާހަކަތައް ކަމަކަށް ފަހު ކަމެއް ރައްޔިތުންނާއި ހަމަ އަށް ގެނެސްދީ، ކުޑީ ތައުފީގް މަގާމުން ވަކި ކުރަން މުއިއްޒަށް މަޖުބޫރުވާ ހިސާބަށް ހާލަތު ގެނެސްފައި ވަނީ ކުރުސީ އާއި ދިޔަވަރުންނެވެ.
ކުރުސީ އާއި ދިޔަވަރު ނޫހުން އެމްއެމްޕީއާރުސީގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތަކެއް އެކުލެވޭހެން އެމްއެމްޕީއާރުސީގެ ޗެއާޕާސަން އާއިޝާ ނޫރައިން ވަނީ ރިޕޯޓެއް އެކުލަވާލައި މުއިއްޒަށް ފޮނުވުމަށް ފަހު އިސްތިއުފާ ދީފައެވެ.
ކުޑީ ތައުފީގް މި މަގާމުން ވަކި ކުރިނަމަވެސް، ގަބޫލު ކުރެވޭ ގޮތުގައި މުއިއްޒު އޭނާ ސަރުކާރުގެ އެހެން ކޮންމެވެސް އިސް މަގާމަކަށް އައްޔަން ކޮށް، ނާގާބިލު މީހުންގެ މައްޗަށް ޤައުމު ހިންގުމަށް ދޫކޮށްފައިވާ އުސޫލު މުއިއްޒު ދަމަހައްޓާނެއެވެ. އަދި އެމްއެމްޕީއާރުސީ އަށް ރަނގަޅު ފަރާތެއް އައްޔަން ކުރުމަކީ ނާދިރު ކަމެކެވެ.
މުއިއްޒަށް އެއްވެސް ގޮތެއް އޮތް ނަމަ، ކުޑީ ތައުފީގް އެ މަގާމުން ވަކި ނުކުރާނެއެވެ.