މަޖިލީސް އިންތިހާބަށް ދިން ވަޒީފާތަކުން މީހުން ވަކި ކުރަން މުއިއްޒު ނިންމާފައިވާ ކަމުގެ މައުލޫމާތު "ދިޔަވަރު" އަށް ލިބިއްޖެ އެވެ.
އެ މައުލޫމާތު އެނގޭ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން ޔަގީން ކޮށްދީފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން، ސިޔާސީ މަގާމުތަކަށް ކުރޭ ހޭދަ ކުޑަކުރުމުގެ ނަމުގައެވެ.
ސިޔާސީ މަގާމުތައް މަދުކުރުމުގެ ތެރެއިން އެންމެ ގިނައިން މަދުކުރަނީ ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިބި މީހުންނެވެ. ހަމަ އެހެންމެ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކުންފުނިތަކުން ދިން ވަޒީފާތަކުން ވެސް މީހުން ވަކިކުރަން ނިންމާފައިވާ ކަމަށް ވެސް މައުުލޫމާތު ލިބިފައިވެ އެވެ.
މީގެ ތެރެއިން މަގާމުން ވަކި ކުރުމަށް ހަދާފައިވާ ބައެއް ލިސްޓްތައް ދިޔަވަރު ނޫހަށް ލިބިފައިވާއިރު، މިކަން މިގޮތަށް ހިނގާނެ ކަމަށާއި، ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ނުދޭން އެމްޑީޕީއިން އެދިފައިވެއެވެ. ނަމަވެސް ރައްޔިތުން ތެރެއިން ބަޔަކު މީހުން ވަޒީފާގެ ދަހިވެތި ކަމުގައި ޖެހިގެން ސިޔާސީ މަގާމުތައް ބޭނުން ވެގެން މުއިއްޒުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނެވެ.
ސިޔާސީ ވަޒީފާތައް މަދުކުރަން ނިންމާފައިވާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަވެ ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ފިނޭންސުގެ ރެކޯޑުތަކުން ވެސް ދައްކަނީ ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށެވެ. ގާތްގަޑަކަށް 3500 މީހުންނަށް ސިޔާސީ ވަޒީފާ މުއިއްޒު އިންތިހާބަށް ދީފައި ވެއެވެ.
މިއަދާ ހަމައަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު ސަރުކާރުން ހާމަ ނުކުރަނީ، ރާއްޖޭގެ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތައް ދީފައި ވާތީއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ވޭތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބައެއް މަގާމުތަކުން މީހުން ވަކިކޮށް، އެހެން މަގާމުތައް ދީ، ބައެއް ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފައިވެ އެވެ.