ޚަބަރު

ކުންފުނީގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފައިގެން ސަސްޕެންޑްކުރި ޑީއެމްޑީއާއި އެމްއެމްޕީއާރުސީގެ ހިންގުން ހަވާލު ކޮށްފި, ކުންފުނީގެ އަންހެން މުވައްޒަފުން ބޮޑު ބިރުވެރިކަމެއްގައި!

ދިޔަވަރު
ކުންފުނީގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފައިގެން ސަސްޕެންޑްކުރި ޑީއެމްޑީއާއި އެމްއެމްޕީއާރުސީގެ ހިންގުން ހަވާލު ކޮށްފި, ކުންފުނީގެ އަންހެން މުވައްޒަފުން ބޮޑު ބިރުވެރިކަމެއްގައި!

ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް ފާއިތުވި މާރިޗްމަހު ކުރީކޮޅު ބާލިންއަށްދިޔަ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ, އެކަމުގެ ޝަކުވާތައް ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅުމާއި ގުޅިގެން އޭނާ މަގާމުން ސަސްޕެންޑް ކުރުމަށްފަހު އަނެއްކާވެސް އޭނާ ވަޒީފާއަށް ނިކުންނަށް ފައްޓާ, އެކުންފުނި ހިންގުމާއި ހަވާލު ވެއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, މުއިއްޒު މިހާރުވަނީ އެކުންފުނި ހިންގުންވެސް އޭނާއާއި ހަވާލު ކޮށްފައެވެ. ބައްސާމް އާދަމްއާއި އެމްއެމްޕީއާރުސީގެ ހިންގުން ހަވާލުކޮށްފައިވަނީ އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުރި ފާތިމަތު ތައުފީގު އެމްޑީކަމުން ވަކި ކުރުމަށްފަހުއެވެ.

ބައްސާމް ސަސްޕެންޑް ކޮށްފައިވަނިކޮށް, އަނެއްކާވެސް އޭނާ އެމްއެމްޕީއާރުސީ ތަމްސީލުކުރަން ފަށާފައިވާކަން އެނގުނީ އެމްއޭސީއެލްއިން ބާއްވާ ޑެސްޓިނޭޝަން ޕާޓްނަރ އޮފް އެއަރ ސާވިސް ވާރލްޑް ކޮންގްރެސް 2024ގައި އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި އޭނާ ސޮއި ކުރުމުންނެވެ.

ޖިންސީ ފުރައްސާރައިގެން މައްސަލާގައި ބައްސާމް އާދަމް ސަސްޕެންޑް ކުރުމަށްފަހު އޭނާ އޮފީހަށް ނިކުންނަން ފެށިކަމެެއް ސަރުކާރުން ހާމަކޮށްފައެއްވެސް ނުވެއެވެ. އެކަން އެނގުނީ އެމްއޭސީއެލްއިން އޭނާ އެއްބަސްވުމުގައި ސޮއިކުރި ފޮޓޯ މިއަދު އާންމު ކުރުމުންނެވެ. އަދި އޭނާއާއި ކުންފުނީގެ ހިންގުން ހަވާލުކުރުމާއެކު އެކުންފުނީގެ އަންހެން މުވައްޒަފުން ބޮޑު ބިރުވެރިކަމެއްގައި މިހާރު ތިބިކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެކުންފުނީގެ ބައެއް މުވައްޒަފުން ބުނެފައި ވެއެވެ.

އަދި އަމުދުން އޭނާ ޖިންސީ ފުރައްސާރަ ކުރި އަންހެން މުވައްޒަފުން މިހާރު ތިބީ ނަފްސާނީ ބަލިމަޑުކަމެއްގައިކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މުވައްޒަފުން ކިޔައިދީފައި ވެއެވެ.

ބައްސާމް އާދަމް މަގާމުން ސަސްޕެންޑު ކުރުމަށްފަހު ތިން ފަހަރެެއްގެމަތިން އެމްއެމްޕީއާރުސީންވަނީ އެކުންފުނީގެ “ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ” ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފައެވެ. ގަބޫލު ކުރެވޭގޮތުގައި އެ ކޮމީޓީއަށް ބަދަލު ގެނައީ އޭނާގެ މައްސަލަ ކޮމިޓީގެ ބޭނުންކޮށްގެން އޮއްބާލުމުގެ ބޭނުމުގައެވެ.

އެމްއެމްޕީއާރުސީގެ “ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ” ގެ ކޮމްޕޮޒިޝަނަށް ފުރަތަމަ ފަހަރަށް ބަދަލު ގެނެސްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެކުންފުނީގެ އަންހެން ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ އެކުދިން ކުންފުންޏަށް ހުށަހެޅުމާއެކުއެވެ.

އެފަހަރު އެކޮމިޓީގައި ކުރިން ތިބި ބައެއް މީހުން ވަކިކޮށް, ކުނފުނީގެ އެމްޑީ ބޭނުންވާ ބަޔަކު ވަނީ ކޮމިޓީގައި ހިމަނާފައެވެ. އެއަށްފަހުވެސް އެމްއެމްޕީއާރުސީގެ އެމްޑީކަމުން މިއަދު ވަކިކުރި ފާތިމަތު ތައުފީގު އެ ކޮމިޓީގެ ހުރިހާ މެމްބަރުންނަށް އެޑްރެސްކޮށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އެ ކޮމިޓީއަށް އައްޔަން ކުރެވުނު 2 މެމްބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެން އާ މެމްބަރުން ކޮމިޓީއަށް އައްޔަން ކޮށްފައިވާ ކަމުގައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު އޭރު ލިބުނު ގޮތުގައި އެމްއެމްޕީއާރުސީގެ މިއަދު މަގާމުން ވަކިކުރި އެމްޑީ ފާތިމަތު ތައުފީގު ދިޔައީ ސަސްޕެންޑް ކުރި ޑީއެމްޑީގެ މައްސަލައެއް ނެތްކަމަށް “ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ”އިން ނިންމާ އޭނާ އަލުން ވަޒީފާއަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމްއަކީ ރާއްޖެއިން ބޭރުގައި ދިވެހުރާއްޖެ ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި ކަމުގައިވާ އެމްއެމްޕީއާރުސީގެ ދެވަނައަށް އެންމެ އިސްފަރާތެވެ. އޭނާ ކުންފުނީގެ ސްޓާފެއްގެ ފޫކޮޅުގައި ހިފިއިރުވެސް އައި އޭނާ ގެންދިޔައީ ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކޮށް, އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުވެސް ކުރަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އެމްއެމްޕީއާރުސީގެ އޮފިޝަލަކު އޭރު ކިޔައިދިން ގޮތުގައި, ބައްސާމް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއް ކަމުގައިވާ, މެނޭޖަރ ސޯޝަލް މީޑިއާގެ މަގާމުގައިހުރި އައިޝަތު ލަތީފްއަށެވެ. އަދި ބާލިން ފެއަރއަށް ދިއުމަށްފަހު އެނބުރި މާލެ އައިސް އައިޝަތު ލަތީފް ތައްޔާރުކުރި ”ޓްރިޕް ރިޕޯޓް“ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ތަފްސީލް ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައި އައިޝަތު ލަތީފް ބުނެފައިވާ ގޮތުގައި ބައްސާމް ވަނީ ގުރޫޕް ފޮޓޯއެއް ނަގަމުން ދިޔައިރު އޭނާގެ ފޫކޮޅުގައި އަތްލާ, ހިފާ ހަދާފައެވެ. އަދި އައިޝަތު ލަތީފްގެ ފޫކޮޅުގައި ހިފުމަށްފަހު, ”ހާދަ ޝޭޕް ރީއްޗޭ“ ބުނެ, އޭނާ ސޫރައަށް ނިސްބަތްކޮށްވެސް ބައްސާމްވަނީ ޖިންސީ ފުރައްސާރަ ކޮށްފައެވެ. އެހެންނަމަވެސް އެ ޝަކުވާތަަކަށް އެކަށީގެންވާ އިޖާބައެއް މެނޭޖްމަންޓުން ނުދިނުމާއި ގުޅިގެން އައިޝަތު ލަތީފް މިހާރުވަނީ އޭނާގެ ވަޒީފާއިން އިސްތިއުފާވެސް ދީފައެވެ.

މީގެ އިތުރުންވެސް, ބާލިން ފެއަރއަށް ދިޔަ އިތުރު 3 އަންހެން މުވައްޒަފަކުވެސް ވަނީ ބައްސާމް އެކުދިންނަށްވެސް ޖިންސީ ފުރައްސާރަ ކުރިކަމަށް ”ޓްރިޕް ރިޕޯޓު“ގައި ލިޔެފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވަޒީފާގައި މިހާރުވެސް ތިބި މި 3 މުވައްޒަފުންގެ ”ޓްރިޕް ރިޕޯޓު“ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް ލިޔުމުން އެމްއެމްޕީއާރުސީގެ, މިއަދު މަގާމުން ވަކިކުރި އެމްޑީ ފާތިމަތު ތައުފީގުވަނީ, ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް އެ 3 ކުދިން ލިޔުނު ރިޕޯޓުން އުނިކުރުމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އެ 3 ކުދިންވެސް ވަނީ ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަ ރިޕޯޓުތަކުން އުނިކުރުމަށް ދެކޮޅު ހަދާފައެވެ.

އަދި އެކުދިން ވަޒީފާއިން ކަނޑާލާނެތީ, ރިޕޯޓުތައް އާންމުކުރަން އެކުދިން ޖެހިލުންވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އެމްއެމްޕީއާރުސީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ އެ ކޯޕަރޭޝަންގެ އެތައް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން އެކުދިން ޝަކުވާކުރަމުން ދާއިރުވެސް, އެއީ ނުވާކަމަކަށް ހަދައިގެން, މުއިއްޒު މިހާތަނާއި ހަމައަށްވެސް ހުންނެވީ ކަހާތަން ހިރުވާވެސް ނުލައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ކުންފުނިތަކުގެ އިސްވެރިންނަށް އެމަނިކުފާނުވަނީ ޖިންސީ ފުރައްސާރަކުރާ ފަރާތްތަކާއި, އަދި ބޮޑެތި ވައްކަން ކޮށްފައިވާ މުޖުރިމުން އައްޔަން ކޮށްފައެވެ.