ޚަބަރު

ފެނަކައިގެ އިހުމާލުން، ފެނާއި ކުޅެން ތިބި ކުޑަ ކުދިންތައް ކަރަންޓުގައި ޖެހި، ހާލު ސީރިއަސްވެއްޖެ! ސަރުކާރުން އެމެޖެންސީގައި އެކުދިން މާލެ ގެންނަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ!

ދިޔަވަރު
ފެނަކައިގެ އިހުމާލުން، ފެނާއި ކުޅެން ތިބި ކުޑަ ކުދިންތައް ކަރަންޓުގައި ޖެހި، ހާލު ސީރިއަސްވެއްޖެ! ސަރުކާރުން އެމެޖެންސީގައި އެކުދިން މާލެ ގެންނަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ!

މަގުމަތީގައި ހެދިފައި އޮތް ފެންގަޑަކަށް ކުޅެން އެރުނު ކުދި ބަޔަކު ކަރަންޓުގައި ޖެހި ހާލު ސީިރިއަސްވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ރ. އަތޮޅު އުނގޫފާރުގައެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއްކަމަށް ވަނީ މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުންނެވެ.

މިކަމާ ގުޅިގެން ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މަގުމަތީގައި ހުރި މަގު ބައްތިއަކުން މަގުގައި އޮތް ފެންގަނޑަކަށް ކަރަންޓު ދޫވެފައި ހުއްޓާ ކަރަންޓުގައި ޖެހި ހާލު ސިރިއަސްވެ ހޮސްޕިޓަލަށް ގެންދިޔަކަމަށް މައުލޫމާތު ލިބުނީ މެންދުރުގެ ވަގުތެއްގައި ކަމަށާ އެހާ ހިސާބުން ބެލި ބެލުމުން އެނގިގެން ދިޔައީ ފެން ގަނޑަށް ކުޅެން އެރުނު އެއް ކުއްޖަކު ކަރަންޓުގައި ޖެހުމުން އޭނާ ސަލާމަތްކުރަން ދެން ތިބި ދެ ކުދިން މަސައްކަތް ކުރުމުން އެކުދިންވެސް ކަރަންޓުގައި ޖެހުނީ ކަމަށް ކަމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުނު ތިން ކުދިންގެ ހާލު ވެސް ސީރިއަސްއެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން އާސިފް ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ކުއްޖަކަށް ފަރުވާ ދެނީ އިމަރޖެންސީގައި ކަމަށާ އަނެއް ކުއްޖާއަށް ފަރުވެދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އައިސީޔޫގައި ފަރުވާ ދެމުން ދާ ކުއްޖާގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށާ އިމަރޖެންސީގައި ފަރުވާ ދެމުންދާ ކުދިންގެ ހާލު މިހާރު ކޮންމެ ވެސް ވަރަކަށް ރަގަޅު ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ދެ ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. އަނެއް ކުއްޖާ އަކީ 18 އަހަރު ފުރިފައިވާ މީހެކެވެ.

ކަރަންޓު ޖެހިގެން ތިން ކުދިންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު ފަހު 1:40 ގައެވެ.

ކަރަންޓު ފެންގަނޑަށް ދޫވެފައި ހުރި ހުރުމާ ގުޅިގެން ފެނަކައިގެ އުނގޫފާރު ބްރާންޗުގެ މެނޭޖަރު ސައީދުއާ ސުވާލުކުރުމުން ވިދާޅުވީ މިހާރު އެ ކަމުގެ އިސްޕެކްޝަނެއް ކުރިއަށް ގެންދަމުން ދާ ކަމަށާ އެކަން ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އެރަށުން މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ ފެނަކައިގެ އިހުމާލުންނެވެ. މަގު ބައްތިއަކުން ކަރަންޓް ލީކް ކުރާނަމަ އެކަން ފެނަކައަށް ދެނެގަނެވެން ޖެހޭނެ ކަމަށާއި އެކަމާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. މިކަހަލަ ކަންކަން ކުރީ ސަރުކާރުތަކުން ހިނގާފައި ނުވަނީ ކަންކަމަށް ދޭންވާ އަހަންމިއްޔަތު ދީގެން ރައްޔިތުންނަށް ޚިދުމަތް ކުރާތީ ކަމުގައި އޭނާ ހާމަ ކުރިއެވެ.

ސަރުކާރުން މިކުދިން މާލެ ގެނެސް ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދެއެވެ.