ޚަބަރު

އަންހެން މުވައްޒަފުގަ ފޫކޮޅުގަ ހިފި ޑީއެމްޑީ: ޑީއެމްޑީކަން ހޯދީ ޑިގްރީ އޮތްކަމަށް ޓުވިޓަރ ޕްރޮފައިލްގަ ލިޔެ, ސައްޙަ ނޫން ސީވީއެއް ރައީސް އޮފީހަށް ފޮނުވައިގެން! މިހާރުގެ ޓުވިޓަރ ޕްރޮފައިލްއިން ދައްކާގޮތުގަ އޭނާއަކީ ޑިގްރީ އޮތް މީހެއް ނޫން!

ދިޔަވަރު
އަންހެން މުވައްޒަފުގަ ފޫކޮޅުގަ ހިފި ޑީއެމްޑީ: ޑީއެމްޑީކަން ހޯދީ ޑިގްރީ އޮތްކަމަށް ޓުވިޓަރ ޕްރޮފައިލްގަ ލިޔެ, ސައްޙަ ނޫން ސީވީއެއް ރައީސް އޮފީހަށް ފޮނުވައިގެން! މިހާރުގެ ޓުވިޓަރ ޕްރޮފައިލްއިން ދައްކާގޮތުގަ އޭނާއަކީ ޑިގްރީ އޮތް މީހެއް ނޫން!

ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް ފާއިތުވި މާރިޗްމަހު ކުރީކޮޅު ބާލިންއަށްދިޔަ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ, އެކަމުގެ ޝަކުވާތައް ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅުމާއި ގުޅިގެން އޭނާ މަގާމުން ސަސްޕެންޑް ކުރުމަށްފަހު އަނެއްކާވެސް އޭނާ ވަޒީފާއަށް ނިކުންނަށް ފައްޓާ, އެކުންފުނި ހިންގުމާއި ހަވާލުވެފައިވާއިރު, އޭނާ ޑީއެމްޑީކަމަށް އައުމަށް ތައުލީމީ ފެންވަރު އޮޅުވާލާފައިވާކަން ހާމަ ވެއްޖެއެވެ.

މިހާރު އެމްއެމްޕީއާރުސީ ހިންގުމާ ހަވާލުވެހުރި ބައްސާމް އާދަމް އެމްއެމްޕީއާރުސީގެ ޑީއެމްޑީކަމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހާއި ހަމައަށް އޭނާގެ ޓުވިޓަރ ޕްރޮފައިލްގައިވާގޮތުން އޭނާއަތުގަ ބެޗްލާސް ހޮނާސް ޑިގްރީއެއް އޮވެއެވެ. އެ ޕްރޮފައިލްގައިވާގޮތުން, އޭނާގެ ތައުލީމީ ފެންވަރުގެ ގޮތުގައި އޭނާއަކީ އީކޮމާސްގެ ދާއިރާއިން ތައުލީމު ހާސިލްކޮށް އަދި ފުރަތަމަ ޑިގްރީވެސް ހޮނާސް ފެންވަރުގައި ހާސިލް ކޮށްފައިވާ މީހެކެވެ.

އެހެންނަމަވެސް ޑީއެމްޑީކަން ލިބުމަށްފަހު އޭނާގެ ޓުވިޓަރ ޕްރޮފައިލްގަ މިހާރުވާގޮތުން އޭނާ އަތުގަ ބެޗްލާސް ޑިގްރީއެއް ނޯވެއެވެ. ކުރިން ޓުވިޓަރ ޕްރޮފައިލްގަ ޖަހައިގެން އުޅުނު "Bachelor's Hon degree" މި ބައި މިހާރުވަނީ ޓުވިޓަރ ޕްރޮފައިލްއިން އުނިކޮށްފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މަގާމް ކަށަވަރު ކުރުމަށް ބައްސާމް އާދަމް ރައީސް އޮފީހަށް ހުށަހެޅި އޭނާގެ ސީވީގަވެސް ވަނީ އޭނާއަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހެއްކަމަށް ހިމަނާފައެވެ. އަދި އޭގެ އިތުރުން "އެޑްވާސް ޑިޕްލޮމާ އިން ޓުއަރިޒަމް މެނޭޖްމަންޓް" ޙާސިލްކޮށްފައިވާކަަމަށްވެސް އޭނާގެ ސީވީގައި ލިޔެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުހިފާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ, އެހެންނަމަވެސް މިހާރު އެކުންފުނި ހިންގުމާ ހަވާލުވެހުރި ބައްސާމް އާދަމްގެ އަސްލު ތައުމީލީ ފެންވަރު ހޯދުމަށް "ދިޔަވަރު އޮންލައިން"އިން އިތުރަށް ކުރި ދިރާސާތަކުން އިނގޭ ގޮތުގައި, އިންޓަރނެޓް ވެބްސައިޓްތަކުގައި އޭނާގެ ތައުލީމީ ފެންވަރުގެ ގޮތުގައި އޭނާ އަމިއްލައަށް ބުނެގައިވަނީ އޭނާއަކީ އީ-ކޮމާސް (އޮންލައިންކޮށް ހަދާ ކުރު ސެޓިފިކެޓް ކޯސްތައް) އަދި ބިޒަންސްގެ ދާއިރާއިން, ކުރު އޮންލައިން ކޯސްތައް ހަދާފައިވާ މީހެއްކަމުގައެވެ. މި މައުލޫމާތު, އެކި ފަންނުތަކުގެ މީހުންގެ ކޮންޓެކްޓް މައުލޫމާތު ފޯރުކޮށްދޭ ވެބް-ބޭސްޑް ޕްލެޓްފޯމެއް ކަމުގައިވާ "ރޮކެޓްރީޗް (RocketReach (rocketreach.co)) ގައި ފެންނާން އެބަހުއްޓެވެ. https://rocketreach.co/m-bassam-adam-email_3080465

މި ހުރިހާ މައުލޫމާތަކުން އެގެންހުރި ގޮތުގައި ޑީއެމްޑީކަމުގެ މަގާމް ކަށަވަރުކުރުމަށް ބައްސާމް އާދަމް ވަނީ އޭނާގެ ތައުލީމީ ފެންވަރާއި ގުޅޭ ދޮގު މައުލޫމާތު ރައީސް އޮފީހަށް ފޯރުކޮށް ދީފައެވެ.

އެމްއެމްޕީއާރުސީ ފަދަ, ފަންނީ, އަދި ރާއްޖޭގެ އިގްތިސާދުގެ އެއް ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމުގެ މުހިން މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެއްގެ ހިންގުމާއި ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ ބައްސާމް އާދަމްއަކީ އެފަދަ މުހިންމު ކުންފުންޏެއް ހިންގުމުގެ ތައުލީމީ ގާބިލްކަންވެސް އަދި މަސައްކަތުގެ ތަޖުރިބާވެސް އެދާއިރާއިން ނެތް މީހެއްކަން ފާހަގަ ކޮށްލެވެެވެ.

އެގޮތުން އޭނާގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު އޭނާއަކީ އެންމެ ފުރަތަމަ ޑައިންމޯރއށް ސަބްމެރިން ވިއްކަން އުޅުނު މީހެކެވެ. އެއަށްފަހު އޭނާވަނީ ބައިކް މޯލްޑިވްސްގެ ނަމުގައި އެންޖީއޯއެއްވެސް ހަދާފައެވެ. އަދި އޭނާއަކީ, އޭނާގެ ބިޒްނަސް ޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ފޭރިގަނެގެން ފުލުހުން ހައްޔަރުވެސް ކޮށްފައިވެސް ވާމީހެކެވެ.

އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފާ, އަދި އެ ކުންފުނީގެ އެހެން އަންހެން މުވައްޒަފުންނަށްވެސް ޖިންސީ ފުރައްސާރަ ކޮށްފައިވާ ބައްސާމް އާދަމްއާއި އެކުންފުނި ހިންގުން މިއަދު ސަރުކާރުން ހަވާލުކޮށްފައިވާއިރު, އޭނާއަކީ އަޚްލާގީ ގޮތުންނާއި, ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް އެފަދަ މުހިން ކުންފުޏެއް ހިންގުމުގެ ގާބިލްކަން ނެތް ފަރާތެއްކަން މިއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

އެހެންނަމަވެސް މި ހުރިހާ ހަގީގަތްތަކެއްވެސް ސާފުކޮށް ފެންނާން ހުރިއިރު, އަދި އަދި ބައްސާމް އާދަމް އެތައް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް އެކުދިން ޝަކުވާކުރަމުން ދާއިރުވެސް, އެއީ ނުވާކަމަކަށް ހަދައިގެން, މުއިއްޒު މިހާތަނާއި ހަމައަށްވެސް ހުންނަވަމުން ގެންދަވަނީ ކަހާތަން ހިރުވާވެސް ނުލައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ކުންފުނިތަކުގެ އިސްވެރިންނަށް އެމަނިކުފާނުވަނީ ޖިންސީ ފުރައްސާރަކުރާ ފަރާތްތަކާއި, އަދި ބޮޑެތި ވައްކަން ކޮށްފައިވާ މުޖުރިމުން އައްޔަން ކޮށްފައެވެ.