ދިޔަވަރު ނޫހުން ގެނެސްދިން ޚަބަރަށް ފަހު، ޕީއެންސީއިން ހިމާޔަތް ދެމުންދިޔަ 13 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހާ ފުލުހުން 5 ދުވަސް ފަހުން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވަނީ 13 އަހަރުގެ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރިކަމުގެ ޔަގީން ކަން ދީފައެވެ.
13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނ. މިލަދޫގައި ޑްރަގް ދީގެން ރޭޕް ކޮށްފިއެވެ. ރޭޕް ކޮށް ވީޑިޔޯކުރަނިކޮށް، އާއިލާއަށް އެކަން އެނގި އެކަން ފުލުހަށް ހުށައެޅުމުން ކުޑަ ކުއްޖާ ރޭޕް ކުރި އަހްމަދު ވިއާމް ހައްޔަރު ނުކުރުމަށް ޕީއެންސީގެ ވެރިން މުއިއްޒު ހިމެނޭހެން ނުފޫޒު ފޯރުވާފައިވާ ވާހަކަ އިއްޔެ ދިޔަވަރު ނޫހުން ވަނީ ގެނެސްދީފައެވެ.
ނ. ހޮޅަދޫ ދާއިރާއަށް، މުއިއްޒުގެ ކެންޑިޑޭޓުގެ ގޮތުގައި ހޮވިފައިވާ މަޖިލީސް މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އަކީ އަހްމަދު ވިއާމްގެ ދޮންތަބެއެވެ. އަބްދުއްސައްތާރު މުއިއްޒު އަރިހުން، އެދިގެން އެރަށުގައި އުޅޭ ފުލުހުންނަށް ނުފޫޒު ފޯރުވައިގެން 13 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މީހާ ހައްޔަރު ކުރުމަށް ފުލުހުންނަށް ނުކުޅެދިފައި ވަނިކޮށް އެކަން ދިޔަވަރު ނޫހުން ވަނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފައެވެ. މީގެ އިތުރުން އަހްމަދު ވިއާމްގެ ބައްޕަ ވަނީ އެރަށު ފުލުހުންނަށް ވަޒީފާގެ ބިރު ދައްކައި، އެރަށުގެ ފުލުހުންގެ އެންމެ އިސް މީހާއަށް އިންޒާރު ދީފައެވެ.
ވިއާމް ވަނީ 13 އަހަރުގެ ކުޑަ ކުއްޖަކަށް ޑްރަގް ދީގެން ރޭޕް ކޮށް، ވީޑިޔޯ ވެސް ކޮށްފައެވެ. ވީޑިޔޯ ކޮށްފައި ވަނި ބްލެކްމެއިލް ކުރުމަށް ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގަނިކޮށް އިރާދަފުޅުން އެކަން އާއިލާއަށް އެނގި އެތަނަށް އާއިލާގެ ބަޔަކު ގޮސް އެ އަންހެން ކުއްޖާ ސަލާމަތް ކުރިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.