ނެޕޮޓިޒަމް، ގާތްތިމާގެ މީހުން ނުވަތަ ރަހުމަތްތެރިންނަށް ފޭވަރ ކުރުމުގެ އާދަ އާންމުކޮށް، ގިނަ ފަހަރަށް ޤާބިލުކަމާއި ކިޔަވާގެންތިބި މީހުން އެއްފަރާތް ކުރުމަކީ ، ކޮންމެ އޯގަނައިޒޭޝަނެއްގެ ބިންގާ ވެސް ހަލާކުވެދާނެ ކެންސަރެކެވެ. ޢާއިލީ ގުޅުންނުވަތަ ފަރުދީ ގުޅުމުގެ މައްޗަށް ބިނާކޮށް މީހުން ވަޒީފާއަށް ނެގުން ނުވަތަ ޕްރޮމޯޓްކުރުމަކީ އެއްވެސް ގެއްލުމެއް ނެތް ނުވަތަ ފަސޭހަކަމަކަށް ވިޔަސް، ދިގު މުއްދަތަކަށް އޭގެ ސަބަބުން އޮގަނައިޒޭޝަނަލް ޕާފޯމަންސާއި ސަގާފަތަށް ގެއްލުންވެދާނެއެވެ.
ނެޕޮޓިޒަމްގެ (ގާތް މީހުންނަށް ނުގަވައިދުން އިސްކަން ދިނުން) އެންމެ ބޮޑު އަސަރަކީ މުވައްޒަފުންގެ މެދުގައި އޮންނަ އިތުބާރާއި ހިތްވަރު ގެއްލުމެވެ. ޕްރޮމޯޝަންތަކާއި ފުރުޞަތުތަކަކީ ބޭއިންސާފުން ދެވޭ ކަމެއްގެ ގޮތުގައި ދެކޭހިނދު، އެކަމުގެ ސަބަބުން އިހުމާލުވާ ނުވަތަ ނިކަމެތިކަން އިޙްސާސްކުރެވޭ މީހުންގެ މެދުގައި ރުޅިވެރިކަމާއި ނުތަނަވަސްކަން އުފެދެއެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ ވިހަ މާހައުލަކަށް މަގުފަހިވެދާނެ ކަމަށާއި، އޭގެ ސަބަބުން ވާހަކަދެއްކުމާއި ތަނުގެ ތުރޭގައި ފިތުނަ ފަސާދު އުފެދުމާއި އެއްބާރުލުން ނުލިބުމުގެ ސަބަބުން އުފެއްދުންތެރިކަމާއި އިނޮވޭޝަނަށް ހުރަސް އެޅެއެވެ.
މީގެ އިތުރުން ނެޕޮޓިޒަމް (ގާތް މީހުންނަށް ނުގަވައިދުން އިސްކަން ދިނުން)ގެ ސަބަބުން ގިނަ ފަހަރަށް މަގާމުތަކަށް ބޭނުންވާ ހުނަރު ނުވަތަ ޤާބިލުކަން ނެތް ފަރާތްތައް މަތީ މަގާމުތަކަށް ދެއެވެ. މުހިންމު ރޯލުތައް ނާޤާބިލު ނުވަތަ ޤާބިލްކަން ނެތް މީހުން ފުރިއްޖެނަމަ، އޯގަނަިޒޭޝަންގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންގޮސް، މަޤްޞަދުތައް ޙާޞިލުކުރުމުގެ ޤާބިލުކަމަށް ބުރޫއަރައެވެ. މިކަމުގެ ސަބަބުން އޮޕަރޭޝަނަލް އެފިޝިއެންސީ ދަށްވުމުގެ އިތުރުން ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންގެ ނަޒަރުގައި އެ އޯގަނައިޒޭޝަންގެ އަގު ވައްޓާލައެވެ.
މި ސިފަ މިއަދު އެންމެ ބޮޑަށް ފެންނަމުންދާ, ދައުލަތުގެ އެއް ކުންފުންޏަކީ ސްޓެލްކޯއެވެ. އެގޮތުން ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާއަށް އެކުންފުންޏަށް ވަނީ އެތައް މުވައްޒަފުންނެއް ވައްދާފައެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުއާ ދިމާކޮށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ރަށްރަށަށް ދިޔަ ކެނޑިޑޭޓުންނަށް ސްޓެލްކޯއިން ވަނީ ބޮޑެތި ޕްރޮމޯޝަންތައް ދީފައެވެ. ސްޓެލްކޯގެ އެޗްއާރު ހެޑްގެ މަގާމުގައި ހުރި ފަރުހާދު އެކުންފުނީގެ މުވައްޒަފުންނަށް އަންގާފައި އޮންނަނީވެސް ޕްރޮމޯޝަން ލިބޭނީ "ސިޔާސީ ގޮތުން ކުޅެގެން" ކަމުގައެވެ. އެހެންނަމަވެސް އޭނާއަކީ ރާއްޖޭގެ އެޗްއާރު ޕްރޮފެޝަނަލް ޖަމިއްޔާގެ މެމްބަރެއްވެސްމެއެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރި މުހައްމަދު އިސްލާމާއިލް (މާފެލޭ) ސްޓެލްކޯގެ އެމްޑީ ފަހުމީއަށް ބިރު ދައްކަގައިގެން މުވައްޒަފަކަށް ޕްރޮމޯޝަން ހޯދި މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ.
މާފެލޭގެ ނުޒޫފުން, ނުގަވާއިދުން ޕްރޮމޯޝަން ދީފައިވަނީ ސްޓެލްކޯގެ ޓްރާންސްޕޯޓު ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސީނިއަރ އޮފިސަރެއްގެ މަގާމްގައި ހުރި ޝުފާ ހަނީފްއަށެވެ. އޭނާ އެކުންފުނީގެ ސީނިއަރ މެނޭޖަރުގެ މަގާމަށް ޕްރޮމޯޓު ކޮށްފައިވަނީ މުހައްމަދު އިސްލާއިލް ވިލިމާލޭގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރުމުގެ ބޭނުމުގައި ސްޓެލްކޯގެ އެމްޑީ ފަހުމީއަށް އިންޒާރުދީ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކައިގެން ކަމުގައެވެ.
އޭގެ އިތުރަށްވެސް ފެނަކަ ކޯޕަރޭޝަންއިން ޚިޔާނާތުގެ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފައިވާ, އަބުދުއްالله މައުރޫފަށް, ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް ސްޓެލްކޯއިން އެޗްއޯޑީކަން ދީފައިވެއެވެ.
އޭނާ ފެނަކައިން ވަކިކޮށްފައިވަނީ ޚިޔާނާތުގެ މައްސަލައެއްގައިކަމަށް ވާތީ, އޭނާ އަލުން ފެނަކައަށް ވެއްދުމަަށް އެކުންފުނިންވަނީ އިންކާރު ކޮށްފައެވެ. އެހެންނަމަވެސް, މަޖިލިސް އިންތިޚާބުގެ ހަނިމާދޫ ދާއިރާއަށް ވާދަކުރި އިދުރީސްއަށް މަޖިލިސް ގޮނޑި ހޯދާދިނުމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ, އަބުދުއްالله މައުރޫފުއަށް އެޗްއޯޑިކަން ދީފައިވަނީ އިއުލާން ކުރުމަކާވެސް ނުލައެވެ.
ސްޓެލްކޯގައި ނުހައްގުން ދޭ ޕްރޮމޯޝަންތައް ފަސޭހައިން ޕްރޮސެސް ކުރުމަށްޓަކާ, ސްޓެލްކޯގެ އެމްޑީވަނީ އެކުންފުނީގެ އެޗްއާރުގެ ހުރިހާ ސްޓާފުންނަށްވެސް ބޮޑެތި ޕްރޮމޯޝަންތައް ދީފައެވެ. އެގޮތުން އެކުންފުނީގެ މިހާރުގެ އެމްޑީ ފަހުމީ ގެންދަވަނީ އެއްވެސް ހަމައެއްލަމައެއް ނެތި އެކުންފުނި ސިޔާސީ ގޮތުން ގުރުބާން ކުރަމުންނެވެ.
ފާއިތުވެދިޔަ ސަރުކާރު ތަކުގައިވެސް ސްޓެލްކޯއަށް ސިޔާސީ މުވައްޒަފުން ވައްދާފައިވާކަމީ ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ. ސްޓެލްކޯގެ މިހާރު މުވައްޒަފުން ބުނާ ގޮތުގައި, އެހެންނަމަވެސް އެ ސަރުކާރުތަކުން ކޮންމެވެސް ހަމަތަކެއް ގެންގުޅެފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނި ރައްޔިތުން އިތުބާރުކުރާ ކުންފުންޏެއްގެ ގޮތުގައި ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް ދެމެހެއްޓިފައި ވެއެވެ.
އެއާއި ޚިލާފަށް, ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް ސްޓެލްކޯއަށް އެއްވެސް ހަމައެއް ލަމައެއް ނެތި މުވައްޒަފުން ވެއްދުމުގެ ސަބަބުން ކުންފުނީގެ ބަޖެޓަށް މިހާރު ވަނީ ބާރުބޮޑުވެފައެވެ. އަދި އާދައިގެ އެއްވެސް ތަޖުރިބާއެއް ނެތް މުވައްޒަފުންނަށް އުސޫލާއި ޚިލާފަށް މަޖިލިސް އިންތިޚާބާ ދިމާކޮށް ޕްރޮމޯޝަން ދިނުމުގެ ސަބަބުން ކުންފުނީގަ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ އެތައް މުވައްޒަފުންނެއްގެ ރޫޙު މަރުވެފައި (ޑީ މޯޓިވޭޓް ވެފައި) ވާކަމުގައިވެސް އެކުންފުނީގެ މިހާރުގެ ގިނަ އިސް މުވައްޒަފުން ދަނީ ބުނަމުންނެވެ.
މިސަރުކާރުގައި, ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ މިހާރު ހިމެނިފައިވަނީ އެންމެ ކޮރަޕްޓް އެއް ކުންފުނީގެ ގޮތުގައެވެ. އެގޮތުން, މިހާތަނަށް ދައުލަތުގެ “އޭ ގްރޭޑް”ގެ ކުންފުންޏެއްގެ ގޮތުގައި ދަމަހައްޓަމުން އައި މިކުންފުންޏާ ދޭތެރޭ އާންމުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.