ޚަބަރު

އުރީދޫގެ ހެޑް އޮފީހުން ފެނަކައިން ކުއްޔަށް ހިފާ އިމާރާތަށް ފެނަކަ އޮފީސް ބަދަލުނުކޮށް, މުއާޒުގެ ގާތް ފަރާތަކަށް އެއިމާރާތް ކުއްޔަށް ދެނީ! އިމާރާތް ކުއްޔަށްދެނީ ކޮންމެ މަހަކުވެސް މުއާޒްއަށް އާމްދަނީ ލިބެމުންދާނެ ގޮތަށް!

ދިޔަވަރު
އުރީދޫގެ ހެޑް އޮފީހުން ފެނަކައިން ކުއްޔަށް ހިފާ އިމާރާތަށް ފެނަކަ އޮފީސް ބަދަލުނުކޮށް, މުއާޒުގެ ގާތް ފަރާތަކަށް އެއިމާރާތް ކުއްޔަށް ދެނީ! އިމާރާތް ކުއްޔަށްދެނީ ކޮންމެ މަހަކުވެސް މުއާޒްއަށް އާމްދަނީ ލިބެމުންދާނެ ގޮތަށް!

ހުޅުމާލާގައި ހުންނަ އުރީދޫ ހެޑް އޮފީސް އިމާރާތުން, ބިޑް ކޮށްގެން, ފެނަކައިން މިހާރު ކުއްޔަށް ނަގާފައިވާ އިމާރާތް, އެކުންފުނީގެ އެމްޑީ މުއާޒު ރަޝީދު ބޭނުންވާ މީހަކަށް ކުއްޔަށް ދިނުމުގެ ބޭނުމުގައި, އެ އިމާރާތަށް ފެނަކަ އޮފީސް ބަދަލުނުކޮށް, އާންމު ފަރާތަކަށް ކުއްޔަށް ދިނުމަށް ނިންމައިފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުން ފެނަކައިން ބިޑް ކޮށްގެން, އެ އިމާރާތުން ބައެއް ކުއްޔަށް ނަގާފައިވަނީ ފެނަކައިގެ އޮފީސް ބަދަލު ކުރުމަށެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ މި ނިންމުން މުއާޒް ބަދަލުކޮށް, އެ އިމާރާތް މިހާރު އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އެ އިމާރާތް ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވަނީ މުއާޒްގެ ގާތް ފަރާތަކަށް ކަމަށާއި, އެ އިމާރާތުގެ އެއްބަސްވުމުގައި މި ހަފްތާގައި ފެނަކައާއެކު ސޮއި ކުރާނެ ކަމުގައެވެ. އެއަށްފަހު އެ އިމާރާތް ކުއްޔަށްދޭން އިއުލާންކޮށް, މުއާޒްގެ ގާތް ފަރާތަކަށް އެތަން ކުއްޔަން ދޭން ނިންމާފައިވަނީ, މަހުންމަހަށް މުއާާޒްގެ ޖީބަށް ފައިސާ ވަންނަ ގޮތަށް ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ބިޑް ކޮށްގެން އުރީދޫން އިމާރާތުން ބައެއް ފެނަކައިން ނަގާފައިވަނީ އެކުންފުނީގެ އޮފީސް ހިންގުމަށް ކަމުގައެވެ. އަދި އަމުދުން ފެނަކައަކީ އިމާރާތްތައް ކުއްޔަށް ދީގެން ވިޔަފާރިކުރާ ކުންފުންޏެއް ނޫންކަމަށާއި, އިމާރާތްތައް ކުއްޔަށްދީގެން އޭގެ ރެންޓުން އާމްދަނީ ހޯދުމަށް, ފެނަކައިން ބިޑް ކޮށްގެން ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމެއް އެއްވެސް އިރަކު ގެންގުޅެފައި ނުވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ އުސޫލު ބަދަލުކޮށް މި އިމާރާތް ކުއްޔަށް ދިނުމަށް މުއާޒް ނިންމާފައިވަނީ އޭނާގެ އަމިއްލަ މަންފާއަށް ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބޭގޮތަކަށްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވިއެވެ.

މުއާޒު ފެނަކަ އެމްޑީކަމާ ހަވާލުވުމަށްފަހު އޭނާވަނީ ފެނަކައިން މީގެކުރިން އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑުކޮށް ކޭޝްކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ނަގަންވެސް ފަށާފައެވެ. އެ މުއާމަލާތުންވެސް އޭނާ ރިޝްވަތުގެ ފައިސާ ނަގަމުންދާއިރު, މި މުއާމަލާތުގައި މެޑަމް ސާޖިދާގެ ބައިވެރިވުން އޮތްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ވެރިކަމަށް އައުމަށް ސަވާދު ވަނީ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދީފައެވެެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.

އޭގެ އިތުރުން މުއާޒްދަނީ ފެނަކައިން އެކި ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކުން އޭނާއަށް ބޮޑެތި ކަޓުތައް ލިބޭގޮތަށް, އޭނާގެ ގާތް ފަރާތްތަކުގެ ދޯނިތަކަށް ދަތުރުތައް ދެމުންނެވެ. އެގޮތުން ފެނަކައިގެ ހުރިހާ ދޯނި ދަތުރުތަކެއްވެސް މިހާރު މުއާޒުއަށް ފައިދާ ލިބޭގޮތަށް ކުރަމުންދާއިރު, ހުރިހާ ދަތުރުތަކެއްވެސް ކުރަމުންދަނީ އިއުލާން ކުރުމަކާވެސް ނުލައެވެ.

އަދި, ފެނަކައިގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދީފައިވާގޮތުގައި މުއާޒު ރަޝީދު ގެންދަނީ އެކުންފުނީގެ ސަޕްލަޔަރުންނަށް ދޫކުރަމުންދާ ޕޭމަންޓްތަކުންވެސް ބޮޑެތި ”ކޮމިޝަން“ތައް ނަގަމުންނެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ އެކުންފުނިން ހިންގާފައިވާ ޕްރޮޖެކްޓްތަކަށް ވެންޑަރ ޕޭމަންޓް ދޫކުރަނީ ކޮންމެ ޕޭމަންޓަކުން %20 މުއާޒްގެ އަމިއްލަ ޖީބަށް ވަންނަ ގޮތަށް ކަމުގައެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކަކީ ސާފުކޮށް ފެންނާންހުރި ހަގީގަތްތައް ކަމުގައިވި ނަމަވެސް, މިހުރިހާ ކޮރަޕްޝަނަކަށްވެސް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.