ޚަބަރު

ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އުޢާންމު އެއީ ނުވާކަމެއްކަމަށް ހެދުމަށް ޔޫއެންގައި ރާއްޖެއިން ތާއީދުކުމަށް ޒަމީރު ސާބިއާގެ ސިޔާސީ އިސް ފަރާތްތަކުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ! އިސްލާމީ ހުރިހާ ގައުމަކުންވެސް ގަރާރަށް ތާއީދުކުރި!

ދިޔަވަރު
ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އުޢާންމު އެއީ ނުވާކަމެއްކަމަށް ހެދުމަށް ޔޫއެންގައި ރާއްޖެއިން ތާއީދުކުމަށް ޒަމީރު ސާބިއާގެ ސިޔާސީ އިސް ފަރާތްތަކުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ! އިސްލާމީ ހުރިހާ ގައުމަކުންވެސް ގަރާރަށް ތާއީދުކުރި!

ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް ވޯޓުދީ, ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމަކީ އެއީ ނުހިގާކަމެއްކަމަށް ހެދުމަށް ޔޫއެންގައި ރާއްޖެއިން ވޯޓު ދީފައިވަނީ, ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސާބިއާގެ ސިޔާސީ އިސް ފަރާތްތަކުން ވޯޓު ނަގައިގެންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މި ސަރުކާރުގެ އިސް ބައެއް ފާރާތްތަކުން ބުނެފައިވަނީ, އިސްލާމީ ހުރިހާ ގައުމަކުންވެސް މިގަރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު, ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދީފައިވަނީ ސާބިއާގެ ސިޔާސީ ފަރާތްތަކުން މޫސާ ޒަމީރު ރިޝްވަތު ނަގައިގެން ކަމުގައެވެ. އަދި އެ ގަތުލުއާންމަކީ ނުވާކަމެއްކަމަށް ހެދުމަށް ރާއްޖެއިން ޗައިނާގެ ވިސްނުމަށް ތާއީދުކޮށް, އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވަނީ ޗައިނާގެ ނުފޫޒުވެސް ރާއްޖޭގެ މި ނިންމުމަށް ފޯރާފައި އޮތުމުންކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

މި ގަރާރު ފާސްކުރުމަށް ރާއްޖެއިން ތާއީދު ނުކުރުމުން, އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަހީދު ކުރެއްވި އެކްސް ޕޯސްޓެއްގައި އޭނާ ވަނީ "އަޅުގަނޑު ހަމަ އަހާލަން ބޭނުން، ބޮސްނިޔާގެ ސާބުން، އެތައް ހާސް މުސްލިމުން މަރާލައި ގަތުލު އާއްމެއް ހިންގި މައްސަލައިގާ ދިވެހިރާއްޖެއިން ވޯޓު ނުދިނީ ކީއްވެތޯ؟ ކިތައް މިލިއަން ލިބިލައްވައިގެން ތޯ؟" ސުވާލު ކުރައްވާފައެވެ.

މި ވޯޓު ވަރަށް ގާތްވެފައި ވަނިކޮށް މޫސާ ޒަމީރު ދުނިޔޭގެ އެކި ގައުމުތަކަށް ވަަރަށް އަވަސް ދަތުރުތަކެއް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

1995 ވަނަ އަހަރުގެ ޖުލައިމަހު ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް އޭރުގެ ބޮސްނިއަން ސާބު ލީޑަރުން އިސްވެތިބެ ހިންގި ގަތުލު އާންމުގައި 8,000 މުސްލިމުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރެއިން 2000 މުސްލިމުން ޝަހީދު ކޮށްލާފައިވަނީ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. ޔޫއެންގެ ގަރާރަކުން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 11 ވަނަ ދުވަހަކީ އެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރާ ދުވަސް ކަމުގައެވެ.

އެހެންނަމަވެސް, މި ވޯޓުގައި, ދުނިޔޭގެ ހުރިހާ މުސްލިމް ގައުމަކުންވެސް މި ގަތުލުއާންމު ހިންގި ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމަށް ވޯޓު ދީފައިވާއިރު, ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިން ސަބަބުން އަދިވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ވޯޓާއި ގުޅިގެން މުޅި ސަރުކާރުވެސް އަދިވެސް އޮތީ ހަނުއެވެ.

އެހެންނަމަވެސް, މުސްލިމުންގެ އިހުސާސްތަކާއި ދެކޮޅަށް, އަދި ދުނިޔޭގެ ތާރީޚުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުއާންމު އެއީ ނުވާކަމެއް ކަމަށް ހަދާ, އެކަން ދުނިޔޭގެ ތާރީޚުން ފޮހެލުމަށް, އެވިސްނުމަށް ރާއްޖެއިން ޔޫންއެގައި ތާއީދުކުރި ސަބަބު މިސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެއެވެ.

މި ވޯޓުގައި ޗައިނާއިން ވޯޓު ދީފައިވަނީ ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނުފެންނަކަމަށެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅުންހުރި ކަންކަމަށް ޗައިނާއިންދަނީ ބޮޑެތި ނުފޫޒުތައް ފޯރުވަމުންނެވެ.

އަދި ސާބިއާގެ ސަރުކާރުންވަނީ މިގަރާރު ފާސްނުކުރުމަށް އެދި ޔޫއެންގައި ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.

ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައްވެސް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ވަކިގޮތަކަށް ވޯޓު ނުދީ ތިބި ގައުމުތަކަކީ ގަރާރު ޔޫއެންގެ އާންމު މަޖިލީހުން ފާސްވިޔަ ނުދިނުމަށް ތާއީދުކޮށްގެން ތިބި ގައުމުތަކެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.

މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް ވެސް މަނާ ކުރުމަށް ދެކޮޅު ހަދާފައެވެ. މިއަދު ޔޫއެންގައި ވޯޓ މި ދިނީ މުސްލިމުންނާއި ދެކޮޅަށް ހިންގުނު ބޮޑު ގަތުލުއާންމެއް ދުނިޔޭގެ ތާރީޚުން ފޮހެލުމަށް ތާއީދު ކޮށެވެ.