ޚަބަރު

އޭއައިއާއި ޑިޖިޓަލްގެ މިޒަމާނުގައި "ޕޭޕަރލެސް"ކުރުމަށް ގައުމުތަކުން އަމާޒު ހިފަމުންދާއިރު, ގައުމިއްޔަތު މިނިސްޓަރ ބޭނުންވަނީ ގައުމީ ޗާޕްޚާނާ ވުޖޫދުކޮށް, ޗާޕްކުރުމަށް އެނބުރި ރުޖޫއަވާން! އާދަމް ނަސީރުގެ ވިސްނުން ހުރީ 80ގެ އަހަރުތަކުގައި!

ދިޔަވަރު
އޭއައިއާއި ޑިޖިޓަލްގެ މިޒަމާނުގައި "ޕޭޕަރލެސް"ކުރުމަށް ގައުމުތަކުން އަމާޒު ހިފަމުންދާއިރު, ގައުމިއްޔަތު މިނިސްޓަރ ބޭނުންވަނީ ގައުމީ ޗާޕްޚާނާ ވުޖޫދުކޮށް, ޗާޕްކުރުމަށް އެނބުރި ރުޖޫއަވާން! އާދަމް ނަސީރުގެ ވިސްނުން ހުރީ 80ގެ އަހަރުތަކުގައި!

ދުނިޔެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާ, ކަރުދާހާއި ދެލި ދޫކޮށް, ދުނިޔޭގެ ހުރިހާ ގައުމެއްވެސް މިއަދު މިސްރާބު ޖަހާފައިވަނީ ޑިޖިޓަލްގެ މުޅިން އާ ޖީލަކަށެވެ.

އެގޮތުން އިލްމުވެރިން ލިޔެފައިވާ ފޮތްތައްވެސް ޑިޖިޓަލްކޮށް ރައްކާކޮށް, ޒަމާނީ އަރުޝީފުތައްވެސް ގައުމުތަކުން މިއަދު ގާއިމް ކުރަމުންދަނީ ޑިޖިޓަލްކޮށެވެ. ހަމައެއާއެކު ކަރުދާހުގައި ހުންނަ ލިޔެކިޔުންތައް ދޫކޮށް, ގަލަމުން ލިޔުމާއި ކަރުދާހުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ގައުމުތަކުން ދަނީ ޑިޖިޓަލްކޮށް ބަދަލު ކުރަމުންނެވެ.

އޭގެ އިތުރަށް, ސަރުކާރުތަކުގެ ރަސްމީ އޮފީސްތަކުންނާއި ކުންފުނިތަކުންވެސް މިހާރު އެކުލަވާލާން ފަށާފައިވަނީ, އަތުން ހިފާ ލިޔަން ގެންގުޅޭ ކަރުދާސްތައް ދޫކޮށް, ހުރިހާ މަސައްކަތްތަކެއްވެސް "ޕޭޕަރލެސް" (ކަރުދާހުން ކުރާންޖެހޭ ހުރިހާކަމެއް ޑިޖިޓަލް) ކުރުމަށެވެ.

އޭގެ މާނައަކީ, ޓެކްނޮލޮޖީގެ އެހީގައި ތަރައްގީވަމުން އަންނަ ޑިޖިޓަލްގެ މި ޒަމާނުގައި ގަލަމުން ކަރުދާހުގައި ލިޔުމަކީވެސް ޑިޖިޓަލްކޮށް ކުރެވިގެންދާނެ މަސައްކަތެކެވެ. އެ ކަރުދާސްތައް އުކުމާއި, ގަނޑުތައް އުގައިގެން ފޮތްތައް ކިޔުމާއި އެ ފޮތްތަކުގައި ނޯޓު ލިޔުމާއި, މި ހުރިހާ މަސައްކަތަކީވެސް އިންސާނާގެ އަމިއްލައަތުން (ފިޒިކަލްކޮށް)އެކަން ކުރުމުން ލިބޭ ތަޖުރިބާއާއި އަދި ފަސޭހަމަކާ އެއްވަރަށް ހަމަ އެގޮތަށް ޑިޖިޓަލްކޮށް ކުރެވެން ހުންނާނެ މަސައްކަތްތަކެވެ.

ޓޮކްނޮލޮޖީގެ މި ކުރިއެރުންތަކާއެކު މުސްތަގުބަލުގައި އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުންގެ މޭޒުމަތީގައި ފޮތްތަކާއި ގަނޑުތައް ފުނިޖެހިފައެއް ނުހުންނާނެއެވެ. ބައްދަލުވުންތަކަށާއި އެފަދަ އެހެންކަމުގައިވެސް ލިޔާނެ ކަރުދާސްތަކާއި ފައިލްތައް ހިފައިގެން މުވައްޒަފުންނާއި ވެރީން ނުދާނެއެވެ. އެ މަސައްކަތް ކުރާނީ ޑިޖިޓަލްކޮށެވެ.

އެގޮތުން މުސްތަގުބަލުގައި ފޮތްތަކެއް ޗާޕެއް ނުކުރާނެއެވެ. އަދި ތާރީޚީ ފޮތްތައްވެސް ޑިޖިޓަލްކޮށް, ޑިޖިޓަލް އަރުޝީފުތަކުގައި ދަނީ ރައްކާކުރަމުންނެވެ. އެއީ ދިގުޒަމާންތަކަށް ނެތިގެން ނުދާނޭ ބީދައިއަކުން ތާރީޚަށްޓަކާ އެތަކެތި ރައްކާކުރުމުގެ އިތުރުން ކުރާންޖެހޭ ޚަރަދުގެ ގޮތުންނާއި ގެންގުޅުމާއި, ހުރިހާ ގޮތަކުންވެސް ލުއިފަސޭހަވެގެން ދާނެތީވެސްމެއެވެ.

އެހެންނަމަވެސް, ކުރިއަރާފައިވާ ތަރައްގީގެ މި ޒަމާނުގައި, މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގައުމިއްޔަތު މިނިސްޓަރ މިހާރު ނިންމަވާފައިވަނީ ރާއްޖޭގެ ގައުމީ ޗާޕްޚާނާ އަނބުރާ އިއާދަކުރުމަށެވެ. ފޮތްތަކާއި, ޓެސްޓް ޕޭޕަރުތަކާއި އެހެނިހެން ލިޔެކިޔުންތައްވެސް ޗާޕް ކުރުމަށް ފެށުމަށެވެ. ހުރިހާ ލިޔެކިޔުމެއްވެސް ކަރުދާހަށް ބަރޯސާ ކުރާށެވެ. ޗާޕްކޮށްގެން ފޮތަތައް ލައިބްރަރީތަކުގައި އެތުރުމަށެވެ. ދިވެހިން އެނބުރި 80ގެ އަހަރުތަކަށް ރުޖޫއަކުރުމަށެވެ.

ގައުމިއްޔަތު މިނިސްޓްރީން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ނަސީރު ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ފޮތްތައް އެ ޗާޕްޚާނާއިން ޗާޕްވެސް ކޮށްދޭނެ ކަމުގައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއެއް އުފައްދައި، އެ އިދާރާގެ މިނިސްޓަރަކަށް މުއިއްޒު އައްޔަން ކުރެވި އާދަމް ނަސީރު އިބްރާހިމް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާ ގާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައެވެ.

މިއީ, ނަފްސާނީ މައްސަލަތަކަށް ބޭނުންވާ ޑޮކްޓަރީ ފަރުވާ ދޫކޮށް, އެބަލިތަކަށް ދިވެހި ޅެމުން ފަރުވާ ދިނުމުގެ ވިސްނުން މުއިއްޒުގެ ސިކުނޑިއަށް ވައްދާ, ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން އެކަމަށްޓަކާއި ދިރާސާއެއްވެސް ކުރަން ފެއްޓެވި ވަޒީރެވެ.

އާދޭހެވެ. އެނގުމާއި ނޭނގުމުގެ ތަފާތަކީ އަބަދުވެސް ބޮޑު ތަފާތެކެވެ. އާދަމް ނަސީރަކީ ދުވަހަކުވެސް ރަސްމީ ތައުލީމު ހާސިލްކުރި މީހެއް ނޫނެވެ. އޭނާއަކީ އޭނާ ހަދަމުން އައި ޅެމުން, އޭނާގެ ނަމަށް މަޝްހުރުކޮށް ހޯދާފައިވާ މީހެކެވެ. ޒަމާނީ ތައުލީމުގެ ވިސްނުމެއް އޭނާގެ ސިނކުޑީގައި ދައުރަވަމުން ނުދެއެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އޭނާ ބުއްދި ހުޅުވިފައެއް ނުވެއެވެ. ވަޒީރުކަން ލިބުމާ ހަމައިން އޭނާއަށް ހުރެވެނީ ވާނުވާގައެވެ.

އޭނާއަކީ "އޭ މިހިރަ ދިދަޔާއޭ" ވިދާޅުވެ ދިވެހި ދިދަޔަށް އިޝާރާތްކުރުމަށް މުއިއްޒުއަށް ލަފާދީ, ލައްގަޑެއްގެ ގޮތުގައި އެކަން މުއިއްޒުއަށް ނިސްބަތްވާން މެދުވެރިވީ ސަބަބެވެ. މުއިއްޒުއަށް ހީފުޅުވެގެން އުޅުއްވަނީ މިއީ އާދަޔާ ޚިލާފް މޮޅު ސިނކުޑިތަކެއް ކަމުގައެވެ. އެހެންނަމަވެސް މި ބޭބޭފުޅުންނަކީ ތަރައްގީގެ މި ޒަމާނުގައި ގައުމުތަކުގެ ވަޒީރުކަމަށް ކުފޫހަމަ ނުވާ މީހުންނެވެ. އެކަން މިދަނީ މިއަދު އަމަލުން ސާބިތުވަމުންނެވެ.