ދިރާސީ އައު އަހަރުގެ ކިޔެވެން މިއަދު ފެށިއިރު، ދަރިވަރުން ބޭނުންވާ ހުރިހާ ފޮތްތަކެއް އެޑިއުކޭޝަނުން ރާއްޖޭގެ ގިނަ ސްކޫލްތަކަށް ފޮނުވާފައިވާ ނުވާކަން "ދިޔަވަރު" އަށް އެނގިެއްޖެ އެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އެޑިއުކޭޝަނުން ފޮތްތައް ފޮނުވާފައި ވަނީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ މި މާލޭގެ ވެސް އެންމެ ހަތަރު ސްކޫލަށެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަށް ފޮތްތައް އަދި ފޮނުވިފައެއް ނުވެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ދިޔަވަރު" އަށް ބުނީ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގައި ލަސްކަމެއް ކުރިމަތިވެފައި ވަނީ މަޖިލިސް އިންތިހާބުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ވެރިން މުއިއްޒުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދޭން އުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ.
މީގެ ކުރިން ކޮންމެ ދިރާސީ އަހަރެއް ފެށުމުގެ ދެމަސްދުވަސް ކުރިން ސްކޫލްތަކަށް އަލަށް ވަންނަ ކުދިންނަށް އެ ފުރުސަތު ހުޅުވައިލި ނަމަވެސް މިފަހަރު މަޖިލިސް އިންތިހާބު އެ ދުވަސްވަރާ ދިމާވުމުން އެކަން ކުރުން ލަސްވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ފޮތްތައް ޕްރިންޓު ކުރަން އޯޑަރު ކުރަންޖެހޭ މުއްދަތުގައި އެކަން ނުކުރެވި ފޮތްތައް އެޑިއުކޭޝަނަށް ލިބުމުގައި ވެސް ފަސްވުމެއް މިފަހަރު އައި ކަމަށް އޭނާ ބުންޏެވެ.
ތާޖުއްދީން ސްކޫލްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ އެ ސްކޫލުން ވެސް އަދި ދަރިވަރުގެ ކިޔެވުމަށް ބޭނުންވާ ބައެއް ފޮތްތައް ދޫކޮށްފައި ނުވާ ކަމަށެވެ. އޭގެއިތުރުން ހުރަވީ ސްކޫލާއި މަޖީދިއްޔާ ސްކޫލުގެ އިތުރުން ކަލާފާނު ސްކޫލުން ވެސް ބައެއް ގުރޭޑުތަކުގައި ކިޔެވުމަށް ބޭނުން ކުރާ ފޮތްތައް ހަމައަށް ދޫކޮށްފައި ނުވާ ކަމަށް އެ ސްކޫލުތަކުގެ ބައެއް ބެެލެނިވެރިން ކިޔައި ދިނެވެ.
އެންމެ ބޮޑަށް ދަތި ކަމެއް ކުރިމަތި ވެފައި ވަނީ ރާއްޖޭގެ ރަށްރަށުގެ ދަރިވަރުންނަށެވެ. މި ސަރުކާރުގެ އަމާޒަކީ ކިޔަވާ ދިނުމަށް ވުރެ، ވެރިކަން ދެމެހެއްޓުމެވެ.