ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް ވޯޓުދީ, ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމަކީ އެއީ ނުހިގާކަމެއްކަމަށް ހެދުމަށް ޔޫއެންގައި ރާއްޖެއިން ވޯޓު ދިނުމުންވެސް, ދީނުގެ ހައްގުގައި ވަކާލާތު ކުރަމުންދާކަމަށް ބުނަމުންދާ ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދުއާއި ސަލަފް ޖަމިއްޔާގެ އިސްވެރިން ހަނު ތިބެއްޖެއެވެ.
ސަލަފް ޖަމިއްޔާގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ޝައިޚް ސަމީރުއާއި އަދި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ އިތުރުން ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދުއަކީވެސް ސޯޝަލް މީޑިއާގައި ދީނީ ކަންކަމުގައި އަޑު އުފުލަމުންދާ ފަރާތްތަކެކެވެ. އަދި މި ބޭފުޅުން ދީނީ ކަންކަމުގައި އެކިއެކި ޝުއޫރުތައް ފާޅުކުރަމުންދާއިރު, މި ބޭބޭފުޅުން ދައްކަވަމުންދާ ދީނީ ވާހަކަތަކުން ސާފުވާން އޮތް އެއް ކަމަކީ, މި ސަރުކާރާ ގުޅުން ނެތްކަންކަމުގައި ހަރު އަޑުން ދީނީގޮތުން އަޑު އުފުލުމަށްފަހު, ސަރުކާރާ ގުޅުން ހުންނަ ކަންކަމުގައި ހަނު ތިބުމެވެ.
އެގޮތުން ޢައްޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިސްރާއީލު ސިފައިން ރާއްޖެއަށް ވަނުން މަނާކުރުމަށް މިސަރުކާރުން ދެކޮޅުހަދަމުންދާ ދިއުމާއި ގުޅޭގޮތުންވެސް މި ބޭފުޅުން ހަނު ތިބެމުންދާއިރު, މިބޭފުޅުންނަކީ ކުރީ ސަރުކާރުގައި މިކަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދިޔަ ފަރާތްތަކެވެ.
ހަމަ އެފަދައިން ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ނުދީ, ބޮސްނިޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމަކީ އެއީ ނުހިގާކަމެއްކަމަށް ހެދުމަށް ޔޫއެންގައި ރާއްޖެއިން ތާއީދު ކޮށްފައިވާއިރު, މި ސަރުކާރުގެ މި ނިންމުމާއި ގުޅޭގޮތުންވެސް އިސްވެ ދެންނެވުނު ދީނީ އިލްމުވެރިން ތިބީ ހަނުއެވެ. މި ސަރުކާރުގެ މި އަމަލު މި ދެންނެވި ދީނީ އިލްމުވެރިން ކުށްވެރި ކޮށްފައެއް ނުވެއެވެ.
1995 ވަނަ އަހަރުގެ ޖުލައިމަހު ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް އޭރުގެ ބޮސްނިއަން ސާބު ލީޑަރުން އިސްވެތިބެ ހިންގި ގަތުލު އާންމުގައި 8,000 މުސްލިމުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރެއިން 2000 މުސްލިމުން ޝަހީދު ކޮށްލާފައިވަނީ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. ޔޫއެންގެ ގަރާރަކުން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 11 ވަނަ ދުވަހަކީ އެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރާ ދުވަސް ކަމުގައެވެ.
އެހެންނަމަވެސް, މި ވޯޓުގައި, ދުނިޔޭގެ ހުރިހާ މުސްލިމް ގައުމަކުންވެސް މި ގަތުލުއާންމު ހިންގި ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމަށް ވޯޓު ދީފައިވާއިރު, ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިން ސަބަބުން އަދިވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ވޯޓާއި ގުޅިގެން މުޅި ސަރުކާރުވެސް އަދިވެސް އޮތީ ހަނުއެވެ.
އެހެންނަމަވެސް, މުސްލިމުންގެ އިހުސާސްތަކާއި ދެކޮޅަށް, އަދި ދުނިޔޭގެ ތާރީޚުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުއާންމު އެއީ ނުވާކަމެއް ކަމަށް ހަދާ, އެކަން ދުނިޔޭގެ ތާރީޚުން ފޮހެލުމަށް, އެވިސްނުމަށް ރާއްޖެއިން ޔޫންއެގައި ތާއީދުކުރި ސަބަބު މިސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެއެވެ.
މި ވޯޓުގައި ޗައިނާއިން ވޯޓު ދީފައިވަނީ ބޮސްނިއާގެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރުމަށް ނުފެންނަކަމަށެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅުންހުރި ކަންކަމަށް ޗައިނާއިންދަނީ ބޮޑެތި ނުފޫޒުތައް ފޯރުވަމުންނެވެ.
ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައްވެސް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ވަކިގޮތަކަށް ވޯޓު ނުދީ ތިބި ގައުމުތަކަކީ ގަރާރު ޔޫއެންގެ އާންމު މަޖިލީހުން ފާސްވިޔަ ނުދިނުމަށް ތާއީދުކޮށްގެން ތިބި ގައުމުތަކެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.
މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް ވެސް މަނާ ކުރުމަށްވެސް ދެކޮޅު ހަދާފައެވެ. މިއަދު ޔޫއެންގައި ވޯޓ މި ދިނީ މުސްލިމުންނާއި ދެކޮޅަށް ހިންގުނު ބޮޑު ގަތުލުއާންމެއް ދުނިޔޭގެ ތާރީޚުން ފޮހެލުމަށް ތާއީދު ކޮށެވެ.
ގިނަ ބަޔަކު ގަބޫލު ކުރަމުންދަނީ, މި ވެރިކަމުގައި ދީނީ ކަންކަމުގައި މުއިއްޒު ދައްކަވަމުން ގެންދަވާ މުނާފިގުކަމުގެ ސިޔާސަތަށް ދީނީ ބައެއް އިލްމުވެރިންނާއި ސަލަފް ޖަމިއްޔާގެ އިސްވެރިންވެސް ތިބީ އާފިލްވެގެން ކަމުގައެވެ.
މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ, ދެޖިންސު މަސްހުނިވެގެން ބާއްވާ މިއުޒިކު އާންމުކޮށް, ހިންގަމުންދާ ލާދީނީ އަމަލުތަކާއި, އޭގެ އިތުރުން ދީނީ ކަންކަމާއި ގުޅޭގޮތުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތާއި ގުޅޭގޮތުންވެސް ސަލަފް ޖަމިއްޔާގެ ވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރުން ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.
އެހެންނަމަވެސް, މި ސަރުކާރުން ގެންގުޅެމުންދާ ދީނީގޮތުން ދެފުށް ދެގޮތް ސާސަތުތަކަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިންނާއި އަލީ ޒައިދުފަދަ ދީނީ ބައެއް އިލްމުވެރިން ދަނީ ތާއީދުކޮށް ހަނު ތިބެމުންނެވެ.