ދިރާސީ އާ އަހަރު ފެށުނުއިރު, ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަ ނުވާކަމަށާއި, އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުކޮށް އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުއްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުންކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާކަމަށާއި އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އެމްޑީޕީއަށް ލިބެމުންދާކަމަށް ވަނީ ބުނެފައެވެ.
ދިރާސީކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށް ނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުމަކީ އެދޭ ގޮތް ކަމަށް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން މިފެށޭ އައު ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އެމްޑީޕީން ވަނީ އިލްތިމާޒްކޮށްފައެވެ.
މީގެއިތުރަށް އެމްޑީޕީން ވަނީ މި ފެށޭ އައު ދިރާސީ އަހަރުގެ ތަހުނިޔާ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް އަރިސްކުރާކަމަށާއި އަދި މިފެށުނު ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމުގައި ލެއްވުމަށް އެދިފައެވެ.