ޚަބަރު

މަސްވެރިންގެ 62 މިލިއަން ރުފިޔާ ހިފެހެއްޓުމަށްފަހު, ސަރުކާރުގެ ވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ދަނީ އުދުހެމުން! މުއިއްޒުއާއި ޒަމީރު, ހައިދަރު އަދި ތާރިގު ބާބުޑާއަށް, ފާއިތުވި ހަފްތާގަ ޝިޔާމް ތައިލޭންޑުގަ, އެޑިއުކޭޝަން މިނިސްޓަރ އިނގިރޭސިވިލާތުގަ!

ދިޔަވަރު
މަސްވެރިންގެ 62 މިލިއަން ރުފިޔާ ހިފެހެއްޓުމަށްފަހު, ސަރުކާރުގެ ވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ދަނީ އުދުހެމުން! މުއިއްޒުއާއި ޒަމީރު, ހައިދަރު އަދި ތާރިގު ބާބުޑާއަށް, ފާއިތުވި ހަފްތާގަ ޝިޔާމް ތައިލޭންޑުގަ, އެޑިއުކޭޝަން މިނިސްޓަރ އިނގިރޭސިވިލާތުގަ!

މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން އަނެއްކާވެސް މަސްވެރިންނަށް ފައިސާ ނުދީ ހިފެހެއްޓުމަށްފަހު ސަރުކާރުގެ އިސްވެރިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި, އެއްވެސް ހިފެހެއްޓުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ކުރައްވަމުންނެވެ.

އެގޮތުން މިހަފްތާގައި މުއިއްޒުވަނީ ބޮޑު ވަފުދަކާއެކު, ފަސްޓު ކުލާހުގައި, ދައުލަތގެ ޚަރަދުގައި އެންޓިގާ ބާބުޑާއަށް ދަތުރު ކުރައްވާފައެވެ. މި ދަތުރުފުޅުގައި މުއިއްޒުގެ އަރިހުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާއި ހައުސިން މިނިސްޓަރ ޑރ. ހައިދަރު އަދި ތިމާވެއްޓާބެހޭ ވަޒީރު ތާރިގްގެ އިތުރުން ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ދަތުރު ކުރެއްވިއެވެ.

އޭގެ އިތުރުން ފާއިތުވި ހަފްތާގައި އެޑިއުކޭޝަން މިނިސްޓަރު ވަޑައިގެން އުޅުއްވީ އިނގިރޭސިވިލާތުގައެވެ. އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަޑައިގެން އުޅުއްވީ ތައިލޭންޑުގައެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާގޮތުގައި މި ދަތުރުފުޅުގައި ހުރިހާ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.

އެހެންނަމަވެސް, ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.

ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރުގެ ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން, ފަސްޓު ކުލާހުގައި ދުނިޔޭގެ އެތަން މިތަނަށް އުދުހެމުންދާއިރު, މަސްވެރިންނަށް ހައްގުވާ 62 މިލިއަން ރުފިޔާ މިހާރުވެސް ވަނީ މަސްވެރިންނަށް ދޫނުކޮށް ހިފަހައްޓާފައެވެ.

ފާއިތުވެދިޔަ ފެބްރުއަރީމަހުވެސް މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އެތައްމަހެއް ވަންދެން ހިފެހެއްޓުމަށްފަހު އޭރު ފިޝަރީޒް މިނިސްޓަރ ޝިޔާމު ވިދާޅުވެފައިވަނީ އެއަށްފަހު މަސްވެރިންނަށް ގިނަވެގެން މަސްކިރާތާ ހަފްތާއެއްތެރޭ ފައިސާ ދޭނެ ކަމުގައެވެ.

އެހެންނަމަވެސް އެއަށްފަހުވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެމުއްދަތުގައިވެސް ދީ މިސަރުކާރުން ޚަލާސް ކޮށްފައެއް ނުވެއެވެ. އެގޮތުން މިހާރު ޔަގީންވާ ގޮތުގައި މަސްވެރިންނަށް އޭރު ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ މަޖިލިސް އިންތިޚާބު ކުރިޔަށް އޮތީމައެެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމި, ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު, ސަރުކާރުން އަނެއްކާވެސް މިވަނީ މަސްވެރިންގެ ހަލާލު ފައިސާ ހިފަހައްޓާފައެވެ.

މަސްވެރިން ހާލުގައި ޖެއްސުމަށްފަހު, ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ދުނިޔޭގެ އެތައްމިތަނަށް ދަތުރު ކުރައްވަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. މަސްވެރިން ތިބީ އާ ދިރާސީ އަހަރު ފެށިގެންދިޔައިރު, ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފޮތް ފަންސުރުވެސް ހަމަކުރެވޭނެ ގޮތެއް ނެތިފައެވެ. މިއީ މަސްވެރިން ހަލާލު މަސައްކަތުން ހޯދާ ރިޒުގުން މިސަރުކާރުންކުރާ ބޮޑު ވައްކަމެއްކަމުގައި މެނުވީ ނުވާނެއެވެ.