އަމިއްލަފުޅާށާއި އަދި ނާއިބު ރައީސްވެސް, ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު, ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންނެވީ ފަސްޓު ކުލާހުގައިކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
މުއިއްޒު އިއްޔެ އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެކީއެވެ. އެ ވަފުދުގައި ފަސްޓު ކުލާހުގައި މުއިއްޒުގެ އަރިހުގައި ދަތުރުކުރެއްވި ވަޒީރުންގެ ތެރޭގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާއި ހައުސިން މިނިސްޓަރ ޑރ. ހައިދަރު އަދި ތިމާވެއްޓާބެހޭ ވަޒީރު ތާރިގްގެ އިތުރުން ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ހިމެނެއެވެ.
މުއިއްޒު އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންނެވީ ޤަތަރު އެއާވޭސްގެ ފަރސްޓު ކުލާހުގައެވެ. ޤަތަރު އެއަރލައިންސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޤަތަރު އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 18 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.
އެނގިފައިވާ ގޮތުގައި ޤަތަރު އެއަރވޭސްގަ މުއިއްޒުއާއެކީ ދަތުރު ކުރެއްވި ހުރިހާ ވަޒީރުންވެސް ދަތުރު ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.
ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް ޤަތަރު އެއަރވޭސްގެ ފަސްޓު ކުލާހުގައެވެ.
ފަސްޓުކުލާހުގައި އެމަނުކުފާނާ ނައިބު ރައީސް ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް, ނާއިބު ރައީސްވެސް ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްވެސް ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.
މުއިއްޒު ހިމެނޭގޮތުން ސަރުކާރުގެ އިސްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ދަލަތުގެ މާލިއްޔަރުން ޚަރަދު ކޮށްގެން, އެއްވެސް ހިފެހެއްޓުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހެމުންދާއިރު, މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން މިހާރުވަނީ މަސްވެރިންނަށް ހައްގުވާ 62 މިލިއަން ރުފިޔާ ނުދީ ހިފަހައްޓާފައެވެ.
ގިނަ ބަޔަކު މުއިއްޒު ސިފަ ކުރައްވަނީ ބަހާއި އަމަލާ ދިމާނުވާ ރައީސެއްގެ ގޮތުގައެވެ.