ޚަބަރު

އެމްޕީއެލްގެ ބޮޑު ކޮރަޕްޝަން: އެންމެ 8 މިލިއަން ރުފިޔާގެ އަގުހުރި, ފުވައްމުލަކު އެމްޕީ ދޮންބެގެ ކޮޅުވެއްޓި އެމްޕީއެލްއަށް ގަނެފައިވަނީ 16 މިލިއަން ރުފިޔާއަށް! އަބުދުއްރަހީމްގެ ނުފޫޒުން ސީއީއޯކަން ހޯދި ވަޖީހުގެ ޖީބަށް ބޮޑު "ކަޓެއް"!

ދިޔަވަރު
އެމްޕީއެލްގެ ބޮޑު ކޮރަޕްޝަން: އެންމެ 8 މިލިއަން ރުފިޔާގެ އަގުހުރި, ފުވައްމުލަކު އެމްޕީ ދޮންބެގެ ކޮޅުވެއްޓި އެމްޕީއެލްއަށް ގަނެފައިވަނީ 16 މިލިއަން ރުފިޔާއަށް! އަބުދުއްރަހީމްގެ ނުފޫޒުން ސީއީއޯކަން ހޯދި ވަޖީހުގެ ޖީބަށް ބޮޑު "ކަޓެއް"!

އެންމެ 8 މިލިއަން ރުފިޔާގެ އަގުހުރި ކޮޅުވެއްޓިއެއް 16 މިލިއަން ރުފިޔާއަށް އަގުކޮށް, ކޮޅުވެއްޓި އެމްޕީއެލްއަށް ގަތުމަށްފަހު, އެ މުއާމަލާތުން އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއަށް އެތައް މިލިއަން ރުފިޔާގެ ނާޖާއިޒު މަންފާ ހޯދައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އެމްޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ 16 މިލިއަން ރުފިޔާއަށް (ނުއަގުގައި) އެކުންފުންޏަށް ގަނެފައިވަނީ ނިމިގެން މިދާ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ކޮޅުވެއްޓިއެއް ކަމުގައެވެ.

ނިމިގެން މިދާ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)އަކީ ފަހަކަށް އައިސް އެމްޑީޕީގެ ވިޕްލައިންއާއި ޚިލާފަށް, މި ސަރުކާރަށް ތާއީދުކޮށް މަޖިލިހުގައި ބައެއް ވޯޓުތައް ދީފައިވާ މެމްބަރެކެވެ. އޭނާ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކޮށްފައެއް ނުވެއެވެ.

އެމްޕީއެލްގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އާއި ހިއްސާކޮށްފައިވާ ލިޔެކިޔުންތަކުން އެގެންހުރި ގޮތުގައި އެކުންފުންޏަށް 16 މިލިއަން ރުފިޔާއަށް ގަނެފައިވާ "ދޮންބެޒް އޮރޭންޖް" ނަމަކަށްކިޔާ ކޮޅުވެއްޓިއަކީ "ދޮންބެޒް ޕްރައިވެޓް ލިމިޓެޑް" (Dhonbez Pvt Ltd) ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮޅުވެއްޓިއެކެވެ. "ދޮންބެޒް ޕްރައިވެޓް ލިމިޓެޑް"އަކީ ނިމިގެން މިދާ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އެމްޕީއެލްގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި, މިހާރުވެސް އެމްޕީއެލްގެ ފަޅުތެރޭގައި އޮތް މިކޮޅުވެއްޓިއަކީ ބާވެފައި އޮތް ކޮޅުވެއްޓިއެއްކަން އެކޮޅުވެއްޓިއަށް ބަލާލުމުންވެސް ސާފުކޮށް އެގެން ހުުރިކަމުގައެވެ. އޭނާ ވިދާޅުވީ ދެގުނަ ބޮޑުކޮށް މިކޮޅުވެއްޓި އެމްޕީއެލްއަށް ވިއްކާލާފައިވަނީ އެކުންފުނީގެ ސީއީއޯއާއި ނިމިގެން މިދާ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)އާއި ޑީލް ހަދައިގެން, ވަޖީހުގެ ޖީބަށް ނާޖާއިޒްގޮތުގައި ބޮޑު ފައިދާއެއް ވަންނަގޮތަށް ކަމުގައެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހުއަކީ ރައީސް މުއިއްޒުގެ ރޯލް މޮޑެލް, އަދި އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅުގެ ބަފާބެއެވެ. އޭބާ އެކުންފުނީގެ ސީއީއޯކަމަށް އައްޔަން ކޮށްފައިވަނީ އަބުދުއްރަހީމްގެ ނުފޫޒުންނެވެ.

މިސަރުކާރުގެ އިސްވެރިން ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތައް ފާޅުގައި ހިންގަމުންދާއިރުވެސް, އޭސީސީ އޮތީ މިއަމަލުތަކަށް ދެލޯ މަރާލައިގެންނެވެ.