މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުނުކުރި ސަބަބު އަޅުވާލުމަށް, މިހާރު ނޫހުގެ ނޫސްވެރިއަކަށް ރިޝްވަތު ދީގެން, ސަރުކާރުން ގޮދު އާރޓިކަލްތައް ލިޔުއްވަން ފައްޓައިފިއެވެ.
ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި މި ގަތުލްއާންމު ހިންގި ދުވަސް ފާހަގަ ކުރުމަށް އ.ދއިން ފާސްކުރި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައިނުވެއެވެ. މިގަރާރަށް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު ޗައިނާއި ވޯޓު ދީފައިވަނީ މިގަރާރާ ދެކޮޅަށެވެ.
ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައްވެސް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ވަކިގޮތަކަށް ވޯޓު ނުދީ ތިބި ގައުމުތަކަކީ ގަރާރު ޔޫއެންގެ އާންމު މަޖިލީހުން ފާސްވިޔަ ނުދިނުމަށް ތާއީދުކޮށްގެން ތިބި ގައުމުތަކެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.
ސަރުކާރުން ސްޕޮންސަރ ކޮށްގެން މިހާރު ނޫހުގެ ނޫސްވެރިޔާ ނާޒިމް ލިޔެފައިވާ އާޓިކަލްއަށް ލީޑް ނަގާފައި ވަނީވެސް "ބޮސްނިއާގެ ގަރާރު: ރާއްޖެއިން ޚިޔާރުކުރީ ގިނަ އިސްލާމީ ގައުމުތަކުގެ ވިސްނުން" ކަމަށް ސަރުކާރުން ބުނެފައިވާކަމަށް ބުނެއެވެ.
އެންމެ ފުރަތަމަކަމަކީ ސަރުކާރުން ރިޝްވަތު ނަގައިގެން އާރޓިކަލް ލިޔުނު ނޫސްވެރިޔާ މި ސަރުކާރުން ހެދި ބޮޑު ދޮގެއް ކެޕިޓަލައިޒް ވާގޮތަށް އާރޓިކަލްގެ ލީޑް ނަގާފައި ވުމެވެ. ބޮސްނިއާގެ ގަތުލުޢާންމު ގަރާރަށް ހުރިހާ އިސްލާމީ ގައުމަކުންވެސް ތާއީދު ކުރިކަން އެއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އެގޮތުން ގަރާރަށް ތާއީދު ކޮށްގައިވާ އިސްލާމީ ގައުމުތަކުގެ އަދަދު 19އަށް އަރައެވެ. ތެރޭގައި, ބަންގަދޭޝްމ ބޮސްނިއާ, މިސުރު, އިންޑޮނޭޝިއާ, އިރާން, އިރާގް, ކުވައިތު, ލީބިޔާ, މެލޭޝިއާ, ޕާކިސްތާން, ޤަތަރު, ސައުދީ އަރަބިއާ, ތުރުކީ, ޔޫއޭއީ, ޔަމަން, އުރުދުން, ޓިއުނީޝިއާ އަދި ޔަމަން ހިމެނެއެވެ.
އިސްލާމީ ގައުމުތަކުގެ ތެރެއިން މި ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ ސީރިއާ އެކަންޏެވެ. އެއީ މިވަގުތު ރަޝިއާގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. މި ގަރާރުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީފައިވަނީ އިސްލާމީ އެންމެ 3 ގައުމަކުންނެވެ. އެއީ އޮމާންއާއި ބަހުރެއިންއާއި ރާއްޖެއިންނެނެވެ.
ކަމުގެ ހަގީގަތް މިބީދައިން އޮތްއިރު, މި ގަރާރަށް ރާއްޖެއިން ވޯޓު ދީފައިވަނީ އިސްލާމީ ގައުމުގެ ވިސްނުމާއި އެއްކޮޅަށްކަމަށް ސަރުކާރުން ބުނެފައި އޮތްކަމަށް ބުނެ, މިހާރު ނޫހުގެ އާރޓިކަލް ލިޔުނު ނޫސްވެރިޔާ ލީޑް ނަގައިގެން, ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ މިންގަޑުތަކާއި ޚިލާފު ދަށު ދަރަޖައިގެން އަމަލެކެވެ.
ހަމައެއާއެކު މިހާރު ނޫހުގެ ނޫސްވެރިޔާ, ސަރުކާރުން ރިޝްވަތު ނަގައިގެން, ކަމުގެ ހަގީގަތް އޮޅުވާލުމަށް ލިޔުނު އާރޓިުކަލްގައި ލިޔެފައިވަނީ, ބޮސްނިއާގެ ގަރާރަކީ އިސްރާއީލުން ޣައްޒާގައި ހިނގާ ޖަރީމާތަކުގެ ފޯކަސް ގެއްލުވާލުމަށް ހުށަހެޅި ގަރާރަކަށް ވާތީ އެ ގަރާރަށް ރާއްޖެއިން ތާއީދު ނުކުރަން ނިންމީ ކަމަށެވެ.
އެހެންނަމަވެސް, މިއީވެސް ކަނޑައެޅިގެން ދޮގެއްކަން ސާބިތުވާން އޮތް އެއް ހެއްކަކީ, މިމަގުސަދު ގަރާރުގައި އޮތްނަމަ އިސްރާއީލުން ވޯޓުގައި ބައިވެރިވެ ގަރާރާ އެއްކޮޅަށް ވޯޓު ދޭނެކަމަށް ވާތީއެވެ. އެހެންނަމަވެސް އިސްރާއީލުން މި ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ.
އަދި އަމުދުން ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާ ތަކަކީ އެއީ ގަތުލުއާންމެއްކަމަށް ޔޫންއިން ރަސްމީކޮށް ނިންމާފައިވާއިރު, މި ވޯޓާއި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކާ އެއްވެސް ގުޅުމެއް ނެތްކަން އެއީ ސާފުވާން އޮތް އެއް ހަގީގަތްވެސް މެއެވެ.
އެހެންކަމުން, ބޮސްނިއާގެ ގަތުލުއާންމުގެ ގަރާރަކީ, ޗައިނާއިން މި ސަރުކާރަށް ނުފޫޒު ފޯރުވައިގެން, މުސްލިމުންގެ އިހުސާސްތަކާއި ދެކޮޅަށް, އަދި ދުނިޔޭގެ ތާރީޚުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުއާންމު އެއީ ނުވާކަމެއް ކަމަށް ހަދާ, އެކަން ދުނިޔޭގެ ތާރީޚުން ފޮހެލުމަށް, ރާއްޖެއިން ކުރި ތާއީދެއްކަން ވަރަށްވެސް ސާފުކޮށް އެގެން އެބައޮތެވެ.
އެހެންނަމަވެސް, ކަންބޮޑުވާންޖެހޭ މައްސަލައަކީ, ދިވެހިރައްޔިތުންގެ އިހުސާސްތަކާވެސް ގުޅުންހުރި ހައްސާސީ މިމައްސަލާގައި ސަރުކާރު އަދިވެސް ހަނު އޮތުމެވެ. ޚާރިޖީވަރުވެސް ހަނު ހުންނެވުމެވެ. އަދި މިމައްސަލާގައި ސަރުކާރުގެ ވެރިން ހަނު ތިއްބެވުމަށްފަހު, ނޫސްވެރިންނަށް ރިޝްވަރު ދީގެން, މިފަދަ ހައްސާސީ މައްސަލަތަކުގެ އަސްލު އޮޅުވާލުމަށް, ދޮގު މައުލޫމާތޫ ނޫސްތައް މެދުުވެރިކޮށް ރިޕޯޓު ކުރުވަމުން ދިއުމަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
1995 ވަނަ އަހަރުގެ ޖުލައިމަހު ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް އޭރުގެ ބޮސްނިއަން ސާބު ލީޑަރުން އިސްވެތިބެ ހިންގި ގަތުލު އާންމުގައި 8,000 މުސްލިމުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރެއިން 2000 މުސްލިމުން ޝަހީދު ކޮށްލާފައިވަނީ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. ޔޫއެންގެ ގަރާރަކުން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 11 ވަނަ ދުވަހަކީ އެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރާ ދުވަސް ކަމުގައެވެ.