ޚަބަރު

ފަލަސްތީނުގެ ނަން ބޭނުންކޮށްގެން, ބޮސްނިއާގެ ގައުތުލުއާންމުގެ ވޯޓުން ބޯދަމައިގަންނަން ސަރުކާރުން ހެދީ ބޮޑު ދޮގެއް! ޣައްޒާގެ އަޑު ފަނޑުކޮށްލަން ނެގި ވޯޓެއްނަމަ އިސްލާއީލުން ގަރާރަށް ވޯޓު ދިނީސް, އިސްރާއީލުން ވޯޓުގައި ބައިވެރި ވެފައެއް ނުވޭ!

ދިޔަވަރު
ފަލަސްތީނުގެ ނަން ބޭނުންކޮށްގެން, ބޮސްނިއާގެ ގައުތުލުއާންމުގެ ވޯޓުން ބޯދަމައިގަންނަން ސަރުކާރުން ހެދީ ބޮޑު ދޮގެއް! ޣައްޒާގެ އަޑު ފަނޑުކޮށްލަން ނެގި ވޯޓެއްނަމަ އިސްލާއީލުން ގަރާރަށް ވޯޓު ދިނީސް, އިސްރާއީލުން ވޯޓުގައި ބައިވެރި ވެފައެއް ނުވޭ!

މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުނުކުރި ސަބަބު އޮޅުވާލުމަށް, ނޫސްވެރިންނަށް ރިޝްވަތު ދީގެ ސަރުކާރުން ބޮޑެތި ދޮގިތައް ހަދަން ފަށައިފިއެވެ.

އެގޮތުން މިހާރުގެ ނޫސްވެރިއަކަށް ރިޝްވަތު ދީގެން, ސަރުކާރުން ލިޔުއްވާފައިވާ އާރޓިކަލްގައި ބުނެފައިވަނީ ބޮސްނިއާ ގައުތުލުއާންމުގެ ގަރާރަށް ރާއްޖެއިން ވޯޓު ދީފައި ނުވަނީ މި ވޯޓުގެ ސަބަބުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކުގެ އަޑު ފަނޑުވެދާނެތީ ކަމުގައެވެ.

އެގޮތުން މިހާރު ނޫހުގެ ނޫސްވެރިޔާ, ސަރުކާރުން ރިޝްވަތު ނަގައިގެން, ކަމުގެ ހަގީގަތް އޮޅުވާލުމަށް ލިޔުނު އާރޓިުކަލްގައި ލިޔެފައިވަނީ, ބޮސްނިއާގެ ގަރާރަކީ އިސްރާއީލުން ޣައްޒާގައި ހިނގާ ޖަރީމާތަކުގެ ފޯކަސް ގެއްލުވާލުމަށް ހުށަހެޅި ގަރާރަކަށް ވާތީ އެ ގަރާރަށް ރާއްޖެއިން ތާއީދު ނުކުރަން ނިންމީ ކަމަށެވެ.

އެހެންނަމަވެސް, މިއީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުވާން އޮތް އެއް ހެއްކަކީ, މިމަގުސަދު ގަރާރުގައި އޮތްނަމަ އިސްރާއީލުން ވޯޓުގައި ބައިވެރިވެ ގަރާރާ އެއްކޮޅަށް ވޯޓު ދޭނެކަމަށް ވާތީއެވެ. އެހެންނަމަވެސް އިސްރާއީލުން މި ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ.

އަދި އަމުދުން ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާ ތަކަކީ އެއީ ގަތުލުއާންމެއްކަމަށް ޔޫއެންއިން ރަސްމީކޮށް މާކުރިން ނިންމާފައިވާއިރު, މި ވޯޓާއި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކާ އެއްވެސް ގުޅުމެއް ނެތްކަން އެއީ ސާފުވާން އޮތް އެއް ހަގީގަތްވެސް މެއެވެ.

ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި މި ގަތުލްއާންމު ހިންގި ދުވަސް ފާހަގަ ކުރުމަށް އ.ދއިން ފާސްކުރި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައިނުވެއެވެ. މިގަރާރަށް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު ޗައިނާއި ވޯޓު ދީފައިވަނީ މިގަރާރާ ދެކޮޅަށެވެ.

ބޮސްނިއާގެ ގަތުލުއާންމު ބައިނަލްއަގްވާމީގޮތުން ފާހަގަކުރުމަށް ފެންނަކަމަށް 84 ގައުމަކުން ވޯޓު ދިނެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިޓަލީ އަދި ޖަޕާން ފަދަ ގައުމުތައްވެސް ހިމެނެއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 19 ގައުމަކުންނެވެ. ވަކި ގޮތަކަށް ނުފެންނަކަމަށް 68 ގައުމަކުން ވޯޓު ދިނެވެ. ވަކިގޮތަކަށް ވޯޓު ނުދީ ތިބި ގައުމުތަކަކީ ގަރާރު ޔޫއެންގެ އާންމު މަޖިލީހުން ފާސްވިޔަ ނުދިނުމަށް ތާއީދުކޮށްގެން ތިބި ގައުމުތަކެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގައެވެ.

ސަރުކާރުން ސްޕޮންސަރ ކޮށްގެން މިހާރު ނޫހުގެ ނޫސްވެރިޔާ ނާޒިމް ލިޔެފައިވާ އާޓިކަލްއަށް ލީޑް ނަގާފައި ވަނީވެސް ”ބޮސްނިއާގެ ގަރާރު: ރާއްޖެއިން ޚިޔާރުކުރީ ގިނަ އިސްލާމީ ގައުމުތަކުގެ ވިސްނުން“ ކަމަށް ސަރުކާރުން ބުނެފައިވާކަމަށް ބުނެއެވެ.

ސަރުކާރުން ރިޝްވަތު ނަގައިގެން އާރޓިކަލް ލިޔުނު ނޫސްވެރިޔާ މި ސަރުކާރުން ހެދި ބޮޑު ދޮގެއް ކެޕިޓަލައިޒް ވާގޮތަށް އާރޓިކަލްގެ ލީޑް ނަގާފައިވަނީވެސް ކަމުގެ ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައެވެ. ބޮސްނިއާގެ ގަތުލުޢާންމު ގަރާރަށް ހުރިހާ އިސްލާމީ ގައުމަކުންވެސް ތާއީދު ކުރިކަން އެއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

އެގޮތުން ގަރާރަށް ތާއީދު ކޮށްގައިވާ އިސްލާމީ ގައުމުތަކުގެ އަދަދު 19އަށް އަރައެވެ. ތެރޭގައި, ބަންގަދޭޝްމ ބޮސްނިއާ, މިސުރު, އިންޑޮނޭޝިއާ, އިރާން, އިރާގް, ކުވައިތު, ލީބިޔާ, މެލޭޝިއާ, ޕާކިސްތާން, ޤަތަރު, ސައުދީ އަރަބިއާ, ތުރުކީ, ޔޫއޭއީ, ޔަމަން, އުރުދުން, ޓިއުނީޝިއާ އަދި ޔަމަން ހިމެނެއެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން މި ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ ސީރިއާ އެކަންޏެވެ. އެއީ މިވަގުތު ރަޝިއާގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. މި ގަރާރުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީފައިވަނީ އިސްލާމީ އެންމެ 3 ގައުމަކުންނެވެ. އެއީ އޮމާންއާއި ބަހުރެއިންއާއި ރާއްޖެއިންނެނެވެ.

ކަމުގެ ހަގީގަތް މިބީދައިން އޮތްއިރު, މި ގަރާރަށް ރާއްޖެއިން ވޯޓު ދީފައިވަނީ އިސްލާމީ ގައުމުގެ ވިސްނުމާއި އެއްކޮޅަށްކަމަށް ސަރުކާރުން ބުނެފައި އޮތްކަމަށް ބުނެ, މިހާރު ނޫހުގެ އާރޓިކަލް ލިޔުނު ނޫސްވެރިޔާ ލީޑް ނަގައިގެން, ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ މިންގަޑުތަކާއި ޚިލާފު ދަށު ދަރަޖައިގެން އަމަލެކެވެ.

އެހެންކަމުން, ބޮސްނިއާގެ ގަތުލުއާންމުގެ ގަރާރަކީ, ޗައިނާއިން މި ސަރުކާރަށް ނުފޫޒު ފޯރުވައިގެން, މުސްލިމުންގެ އިހުސާސްތަކާއި ދެކޮޅަށް, އަދި ދުނިޔޭގެ ތާރީޚުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުއާންމު އެއީ ނުވާކަމެއް ކަމަށް ހަދާ, އެކަން ދުނިޔޭގެ ތާރީޚުން ފޮހެލުމަށް, ރާއްޖެއިން ކުރި ތާއީދެއްކަން ވަރަށްވެސް ސާފުކޮށް އެގެން އެބައޮތެވެ.

އެހެންނަމަވެސް, ކަންބޮޑުވާންޖެހޭ މައްސަލައަކީ, ދިވެހިރައްޔިތުންގެ އިހުސާސްތަކާވެސް ގުޅުންހުރި ހައްސާސީ މިމައްސަލާގައި ސަރުކާރު އަދިވެސް ހަނު އޮތުމެވެ. ޚާރިޖީވަރުވެސް ހަނު ހުންނެވުމެވެ. އަދި މިމައްސަލާގައި ސަރުކާރުގެ ވެރިން ހަނު ތިއްބެވުމަށްފަހު, ނޫސްވެރިންނަށް ރިޝްވަރު ދީގެން, މިފަދަ ހައްސާސީ މައްސަލަތަކުގެ އަސްލު އޮޅުވާލުމަށް, ދޮގު މައުލޫމާތޫ ނޫސްތައް މެދުުވެރިކޮށް ރިޕޯޓު ކުރުވަމުން ދިއުމަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

1995 ވަނަ އަހަރުގެ ޖުލައިމަހު ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް އޭރުގެ ބޮސްނިއަން ސާބު ލީޑަރުން އިސްވެތިބެ ހިންގި ގަތުލު އާންމުގައި 8,000 މުސްލިމުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރެއިން 2000 މުސްލިމުން ޝަހީދު ކޮށްލާފައިވަނީ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. ޔޫއެންގެ ގަރާރަކުން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 11 ވަނަ ދުވަހަކީ އެ ގަތުލްއާންމު ބައިނަލްއަގްވާމީގޮތުން ފާހަަގަކުރާ ދުވަސް ކަމުގައެވެ.