ޚަބަރު

ޗައިނާއިން ރާއްޖެއާއި މެދު އަމަލު ކުރަނީ، އެފްރިކާ ބައްރުގެ ފަގީރު ނިކަމެތި ޤައުމެއް ގޮތުގައި! ކިޔު ޖައްސައި ފިޔާއަށް ސަލާން ޖަހުވައި، ދިވެހިންގެ އަބުރުވެރިކަން ގެއްލުވާލައިފި!

ދިޔަވަރު
ޗައިނާއިން ރާއްޖެއާއި މެދު އަމަލު ކުރަނީ، އެފްރިކާ ބައްރުގެ ފަގީރު ނިކަމެތި ޤައުމެއް ގޮތުގައި! ކިޔު ޖައްސައި ފިޔާއަށް ސަލާން ޖަހުވައި، ދިވެހިންގެ އަބުރުވެރިކަން ގެއްލުވާލައިފި!

ޗައިނާއިން ރާއްޖެއާއި މެދު އަމަލު ކުރަނީ، އެފްރިކާ ބައްރުގެ ފަގީރު ނިކަމެތި ޤައުމެއް ގޮތުގައެވެ. ދިވެހިން ކިޔުގައި ބައިތިއްބައިގެން، ފިޔާ ބަހުވައި، ނިކަމެތި ބައެއް ގޮތުގައި މުޅި ދުނިޔެއަށް ދައްކައިފިއެވެ. ދިވެހިންގެ އިއްޒަތާއި، ޝަރަފު ވެއްޔާއި މޮޑެލާފިއެވެ. އެފްރިކާ ބައްރުގައި ނިކަމެތިން، ފެނަށް، ކާޑަށް ކިޔު ޖައްސައި، ޗައިނާއިން އެތަކެތި ބަހާ އުސޫލުން، ރާއްޖޭގައި މިކަން ދިވެހިންތަކެއް މެދުވެރި ކޮށްގެން ޗައިނާއިން ކޮށްފިއެވެ.

ކޮވިޑަށް ފަހު، މުޅި ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވެ، ރާއްޖެއަށް ތަކެތި ލިބޭ އަގު ބޮޑުވުމުން، އެމްޑީޕީ ވެރިކަމުގައި ނިންމީ 2024 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސިވިލްސަރވިސްގެ އެންމެންގެ މުސާރަތައް ބޮޑު ކުރުމަށެވެ. އަބުރުވެރި ކަމާއި އެކު ރައްޔިތުންނަށް، ހަލާލު މަސައްކަތުން ހޯދާ ފައިސާއިން ދިރިއުޅުމުގެ ފަހުރުވެރިކަން ހޯދައި ދިނުމަށެވެ.

ނަމަވެސް މި ސަރުކާރުން ނިންމީ މުސާރަ ބޮޑު ނުކުރުމަށެވެ. މަސްވެރިންނަށްވެސް ފައިސާ ނުދީ ބިކަ ހާލުގައި ބޭތިއްބުމަށެވެ. ދެން ފެނުނީ، ދިވެހިންގެ އަބުރުވެރިކަން ނަގާލާ، ޗައިނާއިން ދިވެހިންނަކީ ނިކަމެތި ބައެއް ގޮތުގައި ދެއްކި މަންޒަރެވެ.

މީގެ ކުރިން ބޭރުގެ އެހެން ޤައުމުތަކުން ރާއްޖެއަށް އެހީވެފައި އެބަހުއްޓެވެ. މި ގޮތުން ރާއްޖެ ފެނަށް ޖެހުމުން، އިންޑިޔާއިން ރައީސް ޔާމީނުގެ ސަރުކާރުގައި އެހީ ވެދެއްވިއެވެ. އެފަހުން ކޮވިޑުގެ ހާލަތުގައި ރާއްޖެއަށް އެހީވެދިނެވެ. އެއީ އެފަދަ ހާލަތަކަށް ޤައުމު ދިޔުމުން އެހީއަށް ސަރުކާރުން އެދުމުންނެވެ. ނަމަވެސް އެއާއި ޚިލާފަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ހާލަތަކީ އެފްރިކާގެ އެންމެ އާދައިގެ ޤައުމެއްގެ ހާލަތުކަމަށް ޗައިނާއިން ދެކި، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް އޮތް ފުރުޞަތު ރާއްޖޭގައި އުޅޭ ސީސީޕީ އެޖެންޓުންނާއި، ޗައިނާ އެމްބަސީއާއި، ޗައިނާގެ ޗެމްބަރ އިން ގުޅިގެން މިވަނީ ނަގާލާފައެވެ.

އެހެން ޤައުމުތަކުން ސަރުކާރަށް ވާ އެހީއަށް ކިޔަނީ "އެސިސްޓަންސް" އެވެ. ނަމަވެސް ޗައިނާއިން ރާއްޖެ ދަށްކޮށްލުމަށް ކިޔަނީ "ޑޮނޭޝަން" އެވެ. ޑޮނޭޝަން އަކީ ހަނގުރާމާގައި ވީރާނާ ވެފައިވާ ޤައުމުތަކާއި، އެފްރިކާގެ ނިކަމެތިކަން އިންތިހާއަށް ގޮސްފައިވާ ފަދަ ޤައުމުތަކަށް ދޭ މަދަދަށް ކިޔާ ނަމެކެވެ. މިވަރަށް ދިވެހިންގެ އަބުރުވެރިކަން ޗައިނާއިން ދަނީ ނަގާލަމުންނެވެ. އަދި ދިވެހިންނަކީ ސީދާ ޗައިނާގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ތަނެއް ކަމަށް ދެއްކުމުގެ ފަލްސަފާ ޗައިނާއިން ދަނީ ހުއްޓުމެއް ނެތި ބޭނުން ކުރަމުންނެވެ.

ޗައިނާއިން ދިވެހި ރައްޔިތުންނަށް އެހީ ވާން ބޭނުން ނަމަ، އަވަށްޓެރި ޤައުމުތަކަށް ވުރެ، އަގު ހެޔޮކޮށް ރާއްޖެއަށް ފިޔާ އެތެރެ ކޮށް ދޭށެވެ. ދިވެހިންނަށް ހެޔޮ އެދޭނަމަ، އެހެނިހެން ކާބޯތަކެތިވެސް، މިހާރު ލިބޭ ވަރަށް ވުރެ އަގުހެޔޮކޮށް ރާއްޖެ ގެނެސްދީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ނިޒާމެއް އެކުލަވާ ދޭށެވެ. އޭގެ ބަދަލުގައި ކިޔު ހަދުވައިގެން މިހާ ވަރަށް ދިވެހިން ދަށް ކޮށްލުމަކީ ވަރަށް އަނިޔާވެރި ކޮށް ސީސީޕީ (ޗައިނީސް ކޮމިއުނިސްޓް ޕާޓީއިން) ކޮށްފައިވާ ހުތުރު އަމަލެކެވެ.