ޚަބަރު

ހަމާސްގެ އޮޕަރޭޝަންތައް ހިންގަނީ ޝިފާ ހޮސްޕިޓަލް އަޑީގައި: އިސްރާއީލް

ދިޔަވަރު
ހަމާސްގެ އޮޕަރޭޝަންތައް ހިންގަނީ ޝިފާ ހޮސްޕިޓަލް އަޑީގައި: އިސްރާއީލް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށް ބުނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން އާ ތިއަރީއެއް މިއަދު ނެރެފިއެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ ހަމާސްގެ މައިގަނޑު ބޭސް ހުންނަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށެވެ. އެ ތަނުގައި ބައެއް ކޮމްޕްލެކްސްތައް ހުންނަ އިރު، ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުން ކުރަނީ އެ ތަން ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރުމެން އަތުގައި ހެކި އެބަހުރި، އެތައް ސަތޭކަ ޓެރަރިސްޓުން (މުޖާހިދުން) އެބަތިބި ހޮސްޕިޓަލަށް ފިލަން ގޮސްފައި،" އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަތުމަށް ފަހު، އެނބުރި ޣައްޒާ އަށް ވަތް ހަމާސްގެ މުޖާހިދުންނަށް އިޝާރާތް ކުރަމުން ހަގާރީ ބުންޏެވެ.

ހަގާރީ ބުނީ ހޮސްޕިޓަލް ބޭރުގައި ބިންގަރާތަކެއް ހުރި ކަމުގެ އިންޓަލިޖެންސް މައުލޫމާތު ވެސް އިސްރާއީލަށް ލިބިފައިވާ ކަމަށެވެ. އަދި އެ ކޮމްޕްލެކްސްތަކަށް ވަނުމަށް ހަމާސްގެ މުޖާހިދުން ބޭނުން ކުރަނީ ހޮސްޕިޓަލަށް ވަންނަ ދޮރުތަކުގެ ބަދަލުގައި އެ ބިންގަރާސްތައް ކަމަށް ވެސް ހަގާރީ ބުނެފައިވެއެވެ.

ހަގާރީ ބުނި ގޮތުގައި ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޝިފާ ހޮސްޕިޓަލްގެ ވޯޑަކުން ވަދެގެން ގޮސް، ބިންގަރާސް ތެރެއަށް ދެވޭނެ މަގެއް ވެސް ހަދާފައިވެއެވެ.

"ހަމާސް އިން އޮޕަރޭޓް ކުރަމުން ދަނީ ޝިފާ ހޮސްޕިޓަލް ތެރޭގައި އާއި އެ ތަނުގެ އަޑީގައި. އަދި ޣައްޒާގެ އެހެން ހޮސްޕިޓަލްތަކުގައި ވެސް އެކަން ކުރޭ. އެކަން ކުރަނީ ބިންގަރާސްތަކެއްގެ ބޭނުން ހިފައިގެން. ޝިފާ ހޮސްޕިޓަލް އެކަންޏެއް ނޫން، ހާމާސް އިން ބޭނުން ކުރާ އެއް ތަން އެއީ،" ހަގާރީ ބުންޏެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ޝިފާ ހޮސްޕިޓަލުގެ ތެރޭގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ވެސް ހުރެއެވެ. އެއީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވުމަށާއި ހަތިޔާރު ބަހައްޓަން ހަދާފައި އޮންނަ ކޮމާންޑް ސެންޓަރެއް ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.