20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް މިއަދު އައްޔަން ކުރެވުނު, މުއިއްޒުގެ ރޯލް މޮޑެލް އަބުދުއްރަހީމަށް, ސޫޓު (ކޯޓު) ލުމަށްފަހު ކޯޓުގައި ގޮށް އަޅުވަންވީގޮތް ނޭގޭކަން ހާމަ ވެއްޖެއެވެ.
ރަސްމީ ހަފްލާތަކަށް ބޭނުންކުރާ ރަސްމީ ކޯޓުތަކުގައި ތަފާތު ބާވަތްތައް ހުރެއެވެ. އެގޮތުން 1 ގޮށުގެ ކޯޓާއި, 2 ގޮށުގެ ކޯޓުގެ އިތުރުން 3 ގޮށުގެ ކޯޓުތައްވެސް ހުރެއެވެ. މީގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ބޭނުންކުރަމުންދަނީ 2 ގޮށުގެ (ކޯޓުގެ ކުރިމަތީ އަޅުވާގޮތަށް ހުންނެ ދެ ގޮށް ހުންނަ) ކޯޓުތަކެވެ. އަދި މިއަދު އަބުދުއްރަހީމް މަޖިލިހުގެ ޖަލްސާއަަށް ވަޑައިގެންނެވިއިރު އަބުދުއްރަހީމް ލައިގެން ހުންނެވީ 2 ގޮށުގެ ކޯޓެކެވެ.
ދެގޮށުގެ ކޯޓުތައް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ ރަސްމީ ހަމައަކީ ކޯޓުގެ ކުރިމަތީގައި ހުންނަ ދެ ގޮށުގެ ތެރެއިން މަތީގޮށް އަޅުވާފައި ތިރީ ގޮށް ނާޅުވާ ބެހެއްޓުމެވެ. ދެގޮށްވެސް ނާޅުވާ ބަހައްޓަނީ އިށީންނަ ވަގުތުތަކުގައެވެ.
ކޯޓުތައް ލުމުގައި މި އުސޫލު ބޭނުން ކުރަމުން އަންނަނީ ތިރީ ގޮށް އަޅުވާފައި ބެހެއްޓުމުން ކޯޓު ސިފަ ގެއްލި, ކޯޓުގެ ފޮތީގައި ހުންނަ ފެބްރިކްގެ ސަބަބުން ކޯޓު ރީއްޗަށް ގަޔަށް ފެތިފަ ހުރުމަށް ހުރަސް އަޅާތީއެވެ. އަދި ދެގޮށް އަޅުވާފަ ހުރުމުން ކޯޓެއްގެ ބަދަލުގައި އުނަގަޑުން މަތީގައި މުންޑެއް އަނދެފައި ހުރުންފަދަ ގޮތަކަށް ބަނޑާއި ދިމާލުގައި ހުންނަ ކޯޓުގައި ބައި ސިފަ ކުރެވިގެން ދާތީއެވެ.
2 ގޮށް ހުންނަ ކޯޓުތައް ލައިގެން ހުންނައިރު ތިރީ ގޮށް ނާޅުވާ ބެހެއްޓުމުގެ އާދަ ފެށިގެން އައީ އިނގިރޭސި ރަސްގެފާނު ކިންގ އެޑްވާޑް VII ކޯޓު ތުރުކުރެއްވުމުގައި ކޯޓުގެ ތިރީ ގޮށް ނާޅުވާ ބަހައްޓަވަން ފެއްޓެވި ފަހުންނެވެ. ރަސްގެފާނު އެ ގޮށް ނާޅުއްވާ ބަހައްޓަވަމުން ގެންދެވީ އެ ގޮށް އެޅުވުމުން ރަސްގެފާނަށް އުދަގޫފުޅުވާކަމަށް ވިދާޅުވެއެވެ. އެއަށްފަހު ކޯޓު ލުމުގައި ގެންގުޅޭ އާންމު އުސޫލެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ކޮންކޮޅެއްގައިވެސް މިއުސޫލުވަނީ ބަލައިގެންފައެވެ.
ކިންގ އެޑްވާޑް VII އިނގިރޭސިވިލާތުގަ ރަސްކަން ކުރެއްވީ 1901 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 22 އިން ފެށިގެން އެމަނުކުފާރު އަވަހާރަވަންދެން 1910 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހާއި ހަމައަށެވެ.
މިހާރު ފަހާފަ ހުންނަ ގިނަ ކޯޓުތައް ޑިޒައިންކޮށްފަ ހުންނަނީވެސް, ތިރީ ގޮށް ނާޅުވާ ދޫކޮށްފަ ބެހެއްޓުމުން ކޯޓުގެ އަސްލު ރީތިކަމާއި ސިފަ ހަށިގަޑުގެ ބައްޓަމަށް ފެތި ގުޅިލާ މެހިގެންދާ ގޮތަށެވެ. ކޯޓުގެ ދެގޮށް އެއްފަހަރާ އަޅުވައިފިނަމަ, ކޯޓު އޮންނާނީ އޮރިއަކަށް ދަމާފަ, ކަރާ ދިމާލަށް މައްޗަށް އުފުލިގެން ގޮސްފައެވެ.
އެހެންނަމަވެސް މިއަދު މަޖިލިސް ރައީސްކަމާއި ހަވާލުވި އަބުދުއްރަހީމް ދެ ދައުރު މަޖިލިސް ރައީސްކޮށް ކޮށް, އެތައް ރަސްމީ ޖަލްސާއެއްގައި ބައިވެރިވެ, ރަސްމީ އެތައް ދަތުރެއް ރާއްޖެއިން ބޭރަށް ކުރައްވާ, އަމިއްލައަށް ވިދާޅުވާ ގޮތުން ސިޔާސީ އެތައް ތަޖުރިބާއެއް ހާސިލް ކޮންގެން ހުރިއިރުވެސް, އަބުދުއްރަހީމަށް އަދިވެސް ކޯޓުގައި ގޮށް އަޅުވަންވީގޮތް ދަސްވެފައެއް ނުވެއެވެ.
އަބުދުއްރަހީމްގެ މި ނޭގުމަށް ދޭންވީ ގަމާރުކަމާއި ތަންދޮރު ނުފިލުން ނޫން ދެން އެހެން ކޮން ނަމެއްތޯއެވެ.