ޚަބަރު

ސަރުކާރަށް ޚަރަދު ބޮޑުވާތީ، ގުރައިދޫ މަރުކަޒުން ރަނގަޅުވާ މުސްކުޅި ބަލިމީހުން، ގަދަކަމުން އަނިޔާވެރި ދަރިންނާއި ހަވާލު ކުރަން ސަރުކާރުން ނިންމައިފި!

ދިޔަވަރު
ސަރުކާރަށް ޚަރަދު ބޮޑުވާތީ، ގުރައިދޫ މަރުކަޒުން ރަނގަޅުވާ މުސްކުޅި ބަލިމީހުން، ގަދަކަމުން އަނިޔާވެރި ދަރިންނާއި ހަވާލު ކުރަން ސަރުކާރުން ނިންމައިފި!

ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާދީ ރަނގަޅުވިޔަސް އާއިލާތަކުން އެ މީހުންނާ ހަވާލުނުވާ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ފަރުވާއަށް ފަހު މަރުކަޒުގައި ބޭތިއްބޭނެ މުއްދަތެއް ކަނޑައެޅުން ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަމަވެސް މައްސަލައިގެ އަސްލަށް ބަލާލާއިރު، ގުރާދޫ މަރުކަޒުގައި ރަނގަޅުވެފައި ތިބި ގިނަ މުސްކުޅި މައިން ބަފައިންނަކީ އެމީހުންގެ އާއިލާއިން އަޅާލަން ބޭނުން ނުވާ ފަރާތްތަކެވެ. އާއިލާއިން އެމީހުން އެނބުރި އާއިލާތެރެއަށް ގެންދަން ބޭނުން ނުވެއެވެ. ގިނަ ފަހަރު އެއީ އަނިޔާވެރި ދަރިންގެ ސަބަބުންނެވެ. އަމިއްލަ މައިންބަފައިން ބޭނުން ނުވާ އަނިޔާވެރި ބައެއްގެ މައްޗަށް، ސަރުކާރުން އެމީހުން ބެލުމަށް ދޫކޮށްލުމީ އިންސާނިއްޔަތާއި ޚިލާފު ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.

ބައެއް މުސްކުޅި ފަރާތްތައް ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދަނީ އާއިލާގެ އަޅާލުމާއި ލޯބި ނުލިބިގެންނެވެ. އެފަދަ ހާލަތްތަކުގައި އެމީހުންނަށް ފަރުވާ ލިބުމަށް ފަހު، އަލުން ނަފްސާނީ ގޮތުން ހިތާމައާއި ކެކުޅުމުގެ ތެރެއަށް ވެއްދުމަށް އެއްވެސް އިންސާނިއްޔަތު ކަމެއް، ލޯތްބެއް ނެތް ބަޔަކަށް އަލުން އަނބުރާ މައިންބަފައިން ހަވާލު ކުރުމަކީ މި ސަރުކާރުގެ ތިބި މީހުންގެ ވިސްނުމުގެ ކޮށި ކަމާއި، ނާގާބިލު ކަން ހާމަކޮށްދޭ ކަމެކެވެ. އަދި އެފަދަ ސަބަބަކާއި ހުރެ، އެ ފަރާތްތަކަށް ކުރިމަތިވާ އިތުރު އަނިޔާގެ ޒިންމާ، މިފަދަ ނިންމުމެއް ނިންމާ ޖެންޑަރ މިނިސްޓަރެއްގެ ބޮލުގައި އެޅޭނެ ކަމާއި ޝައްކެއް ނެތެވެ.

މުއިއްޒު އަކީ އޭނާގެ ދޮން މަންމަ މުސްކުޅިވެ، ހާލުގައި ޖެހުމުން ރާއްޖެ ނުވަދެވޭ ގޮތް ހަދާ އަނިޔާވެރި ކަމާއި އެކު ލަންކާގައި ބިކަ ވުމަށް ދޫކޮށްލި ރަހުމެއް ނެތް އިންސާނެކެވެ. ޤައުމުގެ މުސްކުޅިންނަށް މުއިއްޒުގެ ސަރުކާރުން އަޅާލައި، ގުރައިދޫއިން ރަނގަޅުވާ ފަރާތްތައް ތިބުމަށް، ކެއަރ ފެސިލިޓީއެއް ޤާއިމު ކުރުމަކީ އޭނާގެ މިނިސްޓްރީއަކުން ކުރާނެ ކަމެއް ނޫނެވެ.

ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް، މީގެ އިތުރަށް މި ބައްދަލުވުމުގައި ހާމަ ކޮށްފައިވަނީ އެ މިނިސްޓްރީން ބެލިބެލުމުގައި އެންމެ މުހިންމު ކަމަކަށް ފާހަގަވީ އެ ތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމެވެ. މާނަ އަކީ މި ސަރުކާރުން އެ ތަނުގައި ތިބި ފަރާތްތަކަށް ބޭނުންވާ އެންމެ ޒަރޫރީ ޚިދުމަތްތައް ވެސް ނުދެވޭކަމަށް އެތަނާއި ހަވާލުވެ ހުރި މިނިސްޓްރީއިން އިއުތިރާފު ވެވުމެވެ.

އެ މީހުންނަށް ބޭނުންވާ އެނދާއި ސާފު ބޯފެން ތިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި މިތަކެތި ހަމަޖައްސާފައި ވަނީ، ޕްރެސް ކޮންފެރަންސްއަށް ތައްޔާރުވުމަށް މީގެ ކުޑަ ދުވަސް ކުރީގައެވެ. ނަފްސާނީ ބަލި މީހުން ރާއްޖޭގައި ގެންގުޅޭ ގުރައިދޫ މަރުކަޒަކީ އިންސާނުން އަދި ޖަނަވާރުން ތިބުމަށް އެކަށީގެންވާ ވަރަށްވުރެ ހާލު ދެރަ ތަނެކެވެ. އަދި އެއީ ފާއިތުވި ހުރިހާ ސަރުކާރަކުން އެންމެ ބޮޑު އިހުމާލެއް ވެފައިވާ އެއްތަނެވެ.

އާމިނަތު ވިދާޅުވީ މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަނީ "ޓްރީޓްމެންޓް ރިހިބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން" މޮޑެލަށެވެ. އޭގެ ދަށުން ފަރުވާގެ ހުރިހާ ކަންކަމާއި އެ މީހުންނަށް ބޭނުންވާ ތަމްރީނުތަކާ އެކު ވަކި މުއްދަތެއް ވުމުން އާއިލާތަކާ ހަވާލުކުރުން ހިމެނޭނެ ކަމަށެ އެވެ.