އިސްރާއީލުން ފަލަސްތީނުގެ ޢައްޒާގައި ހިންގަމުންދާ ލާއީންސާނީ ޖަރީމާތައް އަނގަބަހުންނާއި ޓުވީޓުތަކުން ކުށްވެރި ކުރުމަށްފަހު, އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން އުފާ ހާސިލްކުރުމުގެ ފުރުސަތު އަދިވެސް މުއިއްޒު ގެންދަވަނީ ދެއްވަމުންނެވެ.
އަނިޔާވެރި ޔަހޫދީން ދަނީ ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ޢައްޒާއަށް މިސައިލާއި ބޮމުން ހަމަލާދީ, ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ކޮންމެ ދުވަހަކުވެސް ޝަހީދު ކުރަމުންނެވެ.
އެގޮތުން އިއްޔެރޭ, ޣައްޒާގެ ރަފަހައަށް ޔަހޫދީ ސިފައިން ދިން މިސައިލް ހަމަލާތަކުގައި ވަނީ ރަފަހަގައި ގެދޮރު ގެއްލިފައިތިބި 45 މީހަކު ޝަހީދު ކޮށްލާފައެވެ. މި އަނިޔާވެރި ހަމަލާގައި އެތަކެއް ކުޑަކުދިންނެއްވެސް ވަނީ ދިރިތިއްބާ އަނދާލާފައެވެ. މިހަމަލާއާއި ގުޅިގެންވެސް ދިވެހި ސަރުކާރުން ވަނީ ވަނީ ހަމަލާ ކުށްވެރިކޮށްފައެވެ. އެއީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މީގެކުރިންވެސް މި ސަރުކާރުން ނެރެމުންދާ ބަޔާނެވެ. އެ ބަޔާނުގައި އަބަދުވެސް ހުންނަނީ އެއް އިބާރާތެކެވެ. އެއްވާހަކަ އެކެވެ.
އިސްރާއީލުގެ ހަމަލާއެއް ކުށްވެރިކުރަންޖެހޭ ކޮންމެ ފަހަރަކު ފޮރިން މިނިސްޓްރީން ކުރަމުންދާ ކަމަކީ ހަމަ އެއް ބަޔާނެއް ”ކޮޕީ ޕޭސްޓް“ ކުރުމަށްފަހު އެކްސްގައި ޕޯސްޓު ކޮށްލުމެވެ.
އެގޮތުން ދިވެހިރާއްޖެއިން ކުރަމުންދާހާވެސް ކަމަކީ ޓުވީޓުތަކުންނާއި ނޫސް ބަޔާންތަކުން އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރި ކުރުމަށްފަހު, އިސްރާއީލާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ފަރުޖައްސާލުމެވެ.
ހަމަ އެއާއެކު, ރައީސް އޮފީހުން ބާއްވަމުންދާ ކޮންމެ ޕްރެސް ކޮންފަރެންސެއްގައިވެސް, އިސްރާއީލުގެ ޕާސްޕޯޓު ރާއްޖެއިން މަނާކޮށްފައި ނުވަނީ ކޮން ސަބަބަކާ ހެދިތޯ ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށްވެސް ހަމަ އެއް ޖަވާބެއް ދިނުމަށްފަހު, ސަރުކާރުގެ ތަރުޖަމާ ހީނާ ވަލީދު ވިދާޅުވަމުން ގެންދަވަނީ, އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާންޖެހުމުން ފިޔަވަޅު އަޅާނެކަމުގައެވެ.
އެގޮތުން, އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 36,000 ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއް ލަވައެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް, އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކޮށްފައި ނުވާ ސަބަބަކީ ކޮބައިތޯ ނޫސްވެރިޔާ ކުރި ސުވާލަށް ހީނާ ވަލީދު ޖަވާބު ދީފައެއް ނުވެއެވެ. އެސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ, އިސްރާއީލާއި ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް މިސަރުކާރުން އަޅާނެ ކަމުގައެވެ. އަދި އެއަށްފަހު ހީނާވަނީ, އެ ސުވާލަށް އިތުރަށް ޖަވާބު ދިނުމަކާ ނުލާ, ވަގުތުން ޕްރެސް ކޮންފަރެންސް ނިންމާލިކަން އިއުލާން ކޮށްފައެވެ.
ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ. އިސްރާއީލުގެ ފުޑްޗެއިން ކަމުގައިވާ ކޭއެފްސީއާއި ޕިއްޒާ ހަޓުވެސް ދަނީ ރާއްޖޭގައި އެއްވެސް ހުރަހެއްނެތި ވިޔަފާރި ކުރަމުންނެވެ.
ހަމައެއާއެކު, ފަލަސްތީނުގެ ރައްޔިތުންގެ ގަތުލު ކުރުމަށްފަހު, އިސްރާއީލުގެ ސިފައިންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. ދެމުންދަނީ ބީރު ކަންފަތެކެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ހަމައެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 6 މަސްވެގެންދާއިރުވެސް އެ ސިޓީއަށް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ. ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗައިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.