ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަ ހައްލު ކުރުމުގެ އެއްވެސް އިހްލާސްތެރިކަމެއް ސަރުކާރުގައި އޮތް ނަމަ ފަށާނީ، މިހާތަނަށް ހިއްކާފައިވާ ތަންތާގައި ނަރުދަމާ އެޅުމާ އަޅައި، މަގުތައް ހަދައި ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އޭރުން ކުރިއަށް އޮތް 3 އަހަރު ތެރޭ އެތަންތަނަށް މީހުންނަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ނަމަވެސް މުއިއްޒު ބޭނުންވީ ދެކަމެކެވެ. ކޮންޓްރެކްޓަރ އަތުން ރިޝްވަތެވެ. އެއީ މަޖިލީސް އިންތިހާބަށް ޚަރަދު ކުރުމަށެވެ. ދެން ބޭނުންވީ ގޯއްޗަށް ވުރެ ބޮޑަށް އަމިއްލަ ނަން ދެމިގެން ދާނެ ފަދަ ކަމެއް ކޮށްލުމުގެ ބޭނުމުގައި ފުށި ދިއްގަރު ފަޅު ހިއްކުމެވެ. ނަތީޖާއަކަށްވީ ރައްޔިތުންނަށް ނިކަމެތިކަން ލިބުމުވެ.
އެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި ނިންމައިނުލެވޭނެ ކަމަށާއި، އެހެންކަމުން އެ މަޝްރޫޢު އާއި މެދު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެ މަޝްރޫއަށް ޚަރަދުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި 70 ހެކްޓަރުގެ ބިން އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދީގެން އެ މަސައްކަތް ނިންމުމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިން އެ މަޝްރޫޢުގެ މަސައްކަތް ކުރާ ކުންފުންޏަށް ދޭން ނިންމިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ދިވެހިރާއްޖެއަށް މިހާ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ފެށި ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ހުޅުމާލޭގެ އެންމެ މުހިންމު ހިސާބުން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރު މުޅި އުމުރަށް ދިވެހިންގެ އަތުން ދިވެހިންގެ ބިން ގެއްލިގެން ދެއެވެ.
ދިޔަވަރު ނޫހުން ބެލި ބެލުމުގައި މި މަސައްކަތް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ނުނިމޭނެއެވެ.