ރާއްޖޭގެ ނައިބު ރައީސްކަމުގެ މަގާމްގައި މިވަގުތު ހުންނެވި ހުސެއިން މުހައްމަދު ލަތީފްއަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ނަމުގެ ކުރިޔަށް "އުސްތާޒު"ގެ ލަގަބު ބޭނުން ކުރަމުން އަންނަ ފަރާތެއްކަން ޔަގީން ކުރެވިއްޖެއެވެ.
މިކަން ޔަގީން ކުރެވިފައިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސެމްބެގެ ތައުލީމީ ފެންވަރު އެގެންހުރި އޭނާގެ ވަނަވަރުގައި ހުރި މައުލޫމާތުތަކަށް ބަލާލުމުންނެވެ.
އެގޮތުން އޭނާގެ ވަނަވަރުގައި ވާގޮތުން ސެމްބެ ވަނީ މިސުރުގެ އަޒްހަރު ޔުނިވަރސިޓީން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑޮވެލޮޕްމަންޓް އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައެވެ. އަދި އޭނާގެ ވަނަވަރުގައި ވާގޮތުން އެއަށްފަހު އޭނާވަނީ އެމްބީއޭގެ ޕްރޮގްރާމެއް "އެންގލިއާ ރަސްކިން" ނަމަކަށްކިޔާ ޔުނިވަރސިޓީއަކުން ހާސިލް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ސެމްބެ އޭނާގެ ވަނަވަރުގައި އޭނާ އެމްބީއޭ ހާސިލްކުރީ ޔޫކޭގެ ޔުނިވަރސިޓީއަކުންކަމަށް ބުނެފައިވި ނަމަވެސް އޭނާއަކީ ތައުލީމު ހާސިލްކުރުމަަށް ދުވަހަކުވެސް އިނގިރޭސިވިލާތަށް ދިޔަ މީހެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ "ފޭކް" އެމްބީއޭއެއް ހަދާފައިވަނީ, ދުވަހަކު ރަސްމީ ތައުލީމެއް ހާސިލްކުރުމަކާ ނުލާ އެތައް ދިވެހިންނެއް އެންބީއޭ ސެޓްފިކްޓް ސްރީލަންކާއިން ހޯދަމުންދާގޮތަށް, ސްރީލަންކާގެ ކޮންމެވެސް އިސްޓިޓިއުޝަންއަކަށް އެސައިންމަންޓްތަކެއް ހުށަހަޅައިގެންނެވެ.
މި ގޮތަށް ހުށަހަޅާ އެސައިންމަންޓްތަކަކީ ސައްހަ, ނުވަތަ ސެޓްފިކެޓް ހޯދާ ފަރާތުން ތައްޔާރުކުރާ އެސައިންމަންޓްތަކެއްތޯވެސް އެ އިންސްޓިޓިއުޝަންތަކުން ނުބަލައެވެ. މިގޮތަށް އެމްބީއޭ ހާސިލްކޮށްގެން ތިބި އެތައް ސަތޭކަ ދިވެހިންނެއް މިހާރު ރާއްޖޭގައި އެބަތިއްބެވެ.
އެގޮތުން ރާއްޖޭގެ ނައިބު ރައީސް ސެމްބެގެ ވަނަވަރަށް ބަލާލުމުން އޭނާގެ ނަމުގެ ކުރިޔަށް "އުސްތާޒު" ކިޔޭނެ އެއްވެސް ހަމައެއް ނެތްކަަން ސާފުކޮށް އެގެން އެބަހުއްޓެވެ. އެއީ ހަމެޖެހިފައި އޮންނަ އުސޫލަށް ބަލާއިރުވެސް "އުސްތާޒު"ގެ ލަގަބު ދީ އަދި އެ ލަގަބުން މުޚާތަބް ކުރާގޮތަށް ހަމަޖެހިފައި އޮންނަނީވެސް ޝަރުއީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް ކަމަށް ވާތީއެވެ.
ހަމައެއާއެކު ސެމްބެއަކީ މާބޮޑު އިލްމީ ފެންވަރެއް ހުރި މީހެއް ނޫންކަންވަނީ, ނައިބު ރައީސްކަން ލިބުމަށްފަހު ބޭރުގެ ބައެއް ފޯރަމްތަަކަށް ވަޑައިގެން އިނގިރޭސިބަހުން ބަލައިގެންވެސް ޖުމްލަތައް ކިޔަން އޭނާއަށް ނޭގޭކަން ސާބިތުވެގެން ދިއުމުންނެވެ.
މި ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި ގިނަ ފަރާތްތަކަކީ "ފޭކް" ސެޓިފިކެޓްތަކުގެ ބޭނުންކޮށްގެން މަގާމްތައް ކަށަވަރު ކުރުމުގެ އިތުރުން އެކި ލަގަބްތައްވެސް ފޭކް ސެޓިފިކެޓްތަކުގެ ބޭނުން ކޮށްގެން ހޯދާ, އަނެކުންލައްވާ އެ ލަގަބުތަކުން މުޚާތަބް ކުރުވަމުންދާ ފަރާތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.