ސަރުކާރުން ފެށި " ކޫލް ސްކޫލް" ޕްރޮޖެކްޓުން ސްކޫލްތައް ފިނިވުމުން ސްކޫލްތަކުގައި ބްލީކުރުމެއް ނޯންނާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އެކަމަނިކުފާނު މިހެން ވިދާޅުވި އިރު، މިނިސްޓްރީ އާއި ގުޅިގެން، ސްކޫލްތަކުން ދަނީ ބުލީ ކުރުމުގެ ބޮޑެތި ހާދިސާތައް ފޮރުވަމުންނެވެ. އަދި ބުލީ ކުރާ ކުދިންގެ ކިބައިން، އަނިޔާ ލިބޭ ކުދިން ސަލާމަތް ކުރާނެ އެއްވެސް ނިޒާމެއްވެސް ނެތެވެ.
ތައުލީމާއި ބެހޭ ވަޒީރު ފަދަ ބޭފުޅަކު މިއީ ދައްކަން ވަރަށް ނާތަހުޒީބު އަދި ކަމުގެ ސީރިއަސް ކަން ނަގާލަން މަޖަލަކަށް ހަދާފައި ދައްކާފައިވާ ވާހަކައެކެވެ. މިއީ ވަޒީރެއްގެ ކިބައިން ފެނިގެން ނުވާނެ، އިލްމީ ގޮތުން ދަށް ފެންވަރުގެ އަމަލެކެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ ދިމާލެއްގައި ތިބީ މިފަދަ މީހުންނެވެ.
ވަޒީރު މިހެން ވިދަޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް 2 އަހަރު ދުވަހުގެ ތެރޭގައި އޭސީކުރުމަށް ސަރުކާރުން އިއުލާންކުރި މަޝްރޫއު މިއަދު ފައްޓަަވާ ދެއްވާ ވާހަކަދައްކަވަމުންނެވެ.
ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ " ކޫލް ސްކޫލް" ޕްރޮޖެކްޓް ފެއްޓިއިރު ހަމައެކަނި ސްކޫލްތައް ފިނިކުރުމުން މިކަން ނިންމާލުމުގެ ވިސްނުމެއް ނެތްކަމަށެވެ. މި މަޝްރޫއާއެކު ސްކޫލްގައި ހިތްތަކަށް ފިނިކަމާއި އުފާވެރިކަން އިހްސާސް ވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކްލާސްރޫމްތައް ފިނުވުމުން ދަރިވަރުންގެ އުޅުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި ވިޔާނުދާ ކަންތައްތަކުން ދުރުހެލިވެ، ހިތް އުފާވާނެކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ.
ސްކޫލްތައް އޭސީ ކުރުމަކީ ބޮޑެތި ހަފްލާތައް ބާއްވަން ޖެހޭ ވަރުގެ ކަންކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހަފްލާ ބާއްވައި މީހުން ނެރެ، އައްޖަހުވާ ހިސާބަށް ދިޔައީމާ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި ދިމާވާނީ މިފަދަ ކަންކަމެވެ.