ނިމިދިޔަ ހަފްތާގައި ފުލުހުންގެ ފައިނެންޝަލް ކްރައިމް ޑިޕާޓްމަންޓްގެ ޖޫނިއަރ ފުލުހުންތަކެއް އެމްއެމްއޭގެ ފައިނެންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ އިންޓެލިޖަންސް ރިޕޯޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ގިނަ އަދަދެއްގެ ފައިސާ ބަހާކަމަށް ބުނެ އެ އިމާރާތްް ރެއިޑް ކުރަން ވަދެފައިވާކަމަށް އިތުބާރު ހުރި ފުލުހުންގެ މަސްދަރުތަކުން "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކޮށްދީފިއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތުގައި ކުޑަކުދިން އުޅޭ ކަމަށް ބުނެ ފުލުހުން އެގެޔަށް ވަދެފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެސް އެހީތެރިކަމާއި އެކު އެވެ. ފުލުހުންގެ ޓީމު އެގެޔަށް ވަނުމާއި އެކު ރައީސްގެ އާއިލާ ބަޔަކު ވަނީ ރެއިޑް ކުރިޔަށް ނުގެންދެވޭނެހެން ފުލުހުންނަށް ހުރަސް އަޅައި، އެކަން އެވަގުތު ފުލުހުންގެ ވެރިންނަށް ގުޅައިގެން ހުއްޓުވާފައިއެވެ. އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިރެއިޑް އާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ގުޅައި ވަރަށް ބޮޑައް ހިތްހަމަނުޖެހުން ފާޅުކޮށް، ފުލުހުންގެ ކިބައިން މިފަދަ އަމަލުތައް ތަކުރާރު ވެގެން ނުވާނެކަމަށް އަންގަވާފައެވެ.
ރައީސް އިންޒާރު ދިނުމާއި އެކު މިނިސްޓަރު އިހުސާން ވަނީ ފުލުހުންގެ ވެރިންނާއި އަދި އެ ރެއިޑުގައި ބައިވެރިވީ ފުލުހުންނާއި ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ އެ މީހުން ރެއިޑު ކޮށްފައިވަނީ އެ އިމާރާތުގައި ހިނގަމުންދާ ހޮޓަލައް ކަމަށާއި އަދި ގަނޑުވަރުކޮޅައް ވަންނަން އުޅެފައިފައި ނުވާ ކަމަށް ބުނެފައިއެވެ.
މީގެ ފަހުން ރެއިޑްތައް ކުރިޔަށް ގެންދާއިރު ހުއްދަ ލިބި އަދި އަނގައިގެން ކުރިޔަށް ގެންދަން ޖެހޭނެކަމަށް މިނިސްޓަރު އިހުސާން ފުލުހުންނަށް އެންގެވުމުން، އެ އެންގެވުމާއި ދޭތެރޭ އޮޕަރޭޝަނަލް ލެވެލްގައި ހަރަކާތްތެރިވާ ފުލުހުންގެ މެދުގައި ހިންހަމަ ނުޖެހުމާއު ނުތަނަވަސްކަން އޮތްކަމަށް "ދިވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފުލުސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އަދި އެ މައްސަލާގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި ހޯމް މިނިސްޓަރ އިހުސާންއާ ދެމެދު ބަހުގެ ހަލަމާތައް ބަދަލު ކޮށްފައިވާކަމަށް ވަނީ އެނގިފައެވެ.
ފުލުހުން އޮޕަރޭޝަނަލް ކަންކަމަށް ގޮތްކިޔާ ހެދުމަކީ ގާނޫނީގޮތުން ހޯމް މިނިސްޓަރަށް ލިބިދީފައި އޮންނަ ބާރެއް ނޫނެވެ.