ޚަބަރު

ބުލީ ކުރާ ކޮންމެ ތަނެއް އޭސީ ކޮށްލުމުން ބުލީ ކުރުމުގެ މައްސަލައަށް ހައްލު އަންނާނެކަމަށް ދެކޭ, ތަސައްރަފް ނުފުދޭ ވަޒީރުން ތައުލީމީ ނިޒާމް ބައްޓަންކުރުމުގެ އިސް މޭސްތިރިންގެ ގޮތުގައި ތިބުމަކީ ޅަދަރިންގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއް!

ދިޔަވަރު
ބުލީ ކުރާ ކޮންމެ ތަނެއް އޭސީ ކޮށްލުމުން ބުލީ ކުރުމުގެ މައްސަލައަށް ހައްލު އަންނާނެކަމަށް ދެކޭ, ތަސައްރަފް ނުފުދޭ ވަޒީރުން ތައުލީމީ ނިޒާމް ބައްޓަންކުރުމުގެ އިސް މޭސްތިރިންގެ ގޮތުގައި ތިބުމަކީ ޅަދަރިންގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއް!

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" އާއިއެކު ދަރިވަރުންގެ އުޅުމަށް ބަދަލު އައިސް، ބުލީ ކުރުމާއި ދަރިވަރުން ދުރުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ސްކޫލްތައް އޭސީ ކޮށްލުމަކީ ބުލީ ކުރުމަށް އޮތް ހައްލުކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވެފައިވާއިރު, މާފުށީ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ކޫލް ސްކޫލް" މަޝްރޫއު އިފުތިތާހު ކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މި މަޝްރޫއުއާއެކު ކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ކޫލް ސްކޫލެއްގައި ބުލީ ކުރުން ނޯންނާނެ ކަމަށްވެސް އޭނާ ވަނީ މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

"ކޫލް ސްކޫލެއްގަ ހިތަށް ފިނިކަން އަންނާނެ، އުފާވެރިކަން އިހުސާސްވާނެ، ފިނިކަމާއެކުގަ ދަރިވަރުންގެ ސުލޫކާ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ، ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މިފަދަ މާހައުލެއްގަ ނޯންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް އޭސީ ކޮށްލުމުން ބުލީ ކުރުމުގެ މައްސަލަ ހައްލުވެގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއިރު, މިއީ ދުނިޔޭގެ އެއްވެސް ދިރާސައަކުންވެސް ދައްކާފަ އޮތް ގުޅުމެއްކަމެއް އެނގޭކަށް ނެތެވެ. އަދި ފިނި ކޮޓަރިއެއްގައި ދަރިވަރަކު ނުވަތަ މީހަކު އިނުމަކީވެސް ބުލީ ކުރުމުން އެމީހަކު ދުރުހެލިކޮށްދޭ ކަމެއްކަމެއްވެސް އެއްވެސް ދިރާސާއަކުންވެސް ދައްކާފައެއް ނުވެއެވެ.

ހަމައެއާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސްކޫލުތަކުގެ ކުލާސްރޫމްތައް އޭސީ ކޮށްފައި ހުންނައިރު އެ ގައުމުތަކުގައިވެސް އަދި ފިނި ގައުމުތަކުގައިވެސް ބިލީގެ މައްސަލަތައް ތަކުރާރުވަމުންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ގިނަ ބަޔަކު ބުނަމުންދަނީ, އެއްވެސް ދިރާސާއެއްގެ މައްޗަށް ބަރޯސާނުކޮށް, އަދި ބުލީ ކުރުންފަދަ ނުރައްކާތެރި މައްސަލައަކާއި ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަ އެޑިއުކޭޝަން މިނިސްޓަރު ދެއްކެވުމަކީ, މިހާރުވެސް ރާއްޖޭގެ ސްކޫލްތަކަށް ކުރުމަތިވެފައިވާ މި މައްސަލަ ހައްލުކުރުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއްކަމުގައެވެ.

ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވަނީ, މިއަހަރުގެ އެޕްރިލްމަހާއި ހަމައަށް ސްކޫލް މާހައުލުގައި ބުލީ ކުރުމުގެ 26 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއުގެ ދަށުން އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓު ކަރަންޓަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށް މިއަދުވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އަދި، އެ މަޝްރޫއު ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރެވޭނެ ކަމަށްވެސް މިއަދު ވަޒީރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކުރެ އެވެ.