ފާމަސީތަކުން ބޭސް ސިޓީއަށް މަކަރު ހެދުން ހުއްޓުވުމުގެ ގޮތުން ކަސްޓަމަރުންނަށް ހާއްސަ ކޯޑެއް ދީ އެ ކޯޑު ފާމަސީއާ ހިއްސާ ކުރުމުން ނޫނީ ބޭސް ނުދެވޭ ގޮތް ހަދަން ފަށައިފިއެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އާސަންދައިގެ ދަށުން ބޭސް ނަގަންދާ އިރު އައިޑީ ކާޑު ނަންބަރާއި އަދި މޮބައިލް ނަންބަރު އަހާނެ ކަމަށެވެ. އަދި ފާމަސީން އާސަންދަ ޕޯޓަލްއަށް ވަދެ އެ ދެ މައުލޫމާތު އެންޓާ ކުރުމުން ކަސްޓަމަރުގެ ފޯނަށް ޑިސްޕެންސިން ކޯޑެއް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެ ޑިސްޕެންސިން ކޯޑު ކަސްޓަމަރު ފާމަސީއާ ހިއްސާކުރުމުން އާސަންދައިގެ ޓްރާންސެކްޝަން އެޕްރޫވްވާނެ ކަމަށާއި އޭރުން ބޭސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ އަދި އެކަން ކުރަމުން ދަނީ ޓްރަޔަލްއެއްގެ ގޮތުގައި މާލޭގެ ބައެއް ފަމަސީތަކުގައި ކަމަށެވެ.
"މެއި މަހު އަޅުގަނޑުމެން ފެށީ. މިހާރު މާލޭގެ ވަރަށް ގިނަ ފާމަސީތަކުގައި އެކަން އެބަކުރަން" އާސަންދައިން ވިދާޅުވިއެވެ.
އާސަންދައިން ވިދާޅުވީ އެ އުސޫލަށް އަމަލުކުރަން ފެށީ ބޭސް ސިޓީއަށް ބިލު ކުރަނީ ބޭސް ނަގަން ދިޔައީމަ ކަން ކަށަވަރުކުރުން ކަމަށެވެ.
ފޭކް ބޭސް ސިޓީތަކަށް ބިލު ކުރުމުގެ މައްސަލަ މީގެ ކުރިން ފެންމަތިވެފައި ވެއެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން ބައެއް ފާމަސީތަކަށް އާސަންދަ ކަނޑާވެސް ލައިފައި ވެއެވެ.