ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ "ދެތިން މަސްތެރޭ" ހައްލުވާނެކަމަށް, މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފިނިފެންމާ ސައީދުވިތާ މިމަހުގެ 13 ވަނަ ދުވަހަށް 4 މަސް ފުރިގެން ދާނެއެވެ.
ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހައްލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވީ ދުބާއީގައި ފާއިތުވި ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު ފެށި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އެ އިންޓަރވިއުގައި އޭނާ ވިދާޅުވީ ޑޮލަރުގެ ތާށިކަން ކުރިމަތިވުމުގައި ދެކަމެއް ދިމާވެގެން އުޅޭ ކަމަށެވެ.
އެ މައްސަލަ އަޅުގަނޑުމެން ހައްލުކޮށް ކުރިއަށް އޮތް ދެތިން މަސްް ތެރޭގައި ހައްލަކަށް އެޅިގެންދާނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ.
ސައީދު ވިދާޅުވި އެވެ.
އެ އިންޓަރވިއުގައި ސައީދު އިތުރަށް ވިދާޅުވީ މިސްމެނޭޖްވެފައިހުރި ހުރިހާކަމެއް ހައްލަކަށް އަޅުވާ, މިއަހަރުގެ ފެބްރިއަރީމަހު ވަރަށްގިނަ ކަންކަން ޓްރެކަށް މިސަރުކާރުން އަޅުވާނެކަމަށެވެ.
ކުރަން ބޭނުންވާ ހުރިހާ ކަމެއްގެ ގްރައުންޑް ވޯކް މި ހުރީ ނިމި ބިންގާ އަޅައި ނިމިފައި. ދެން އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުން.
ސައީދު ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް, ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކޮށް, ދެތިންމަސްތެރޭ އެއްކޮށް ހަމަޔަކަށް އަޅުވާނެކަމަށް ސައީދު ވިދާޅުވިތާ 4 މަސް ފާއިތުވެގެންދާއިރުވެސް, ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް އަދިވެސް ހައްލެއް އައިސްފައެއް ނުވެއެވެ. މައްސަލަ އަދިވެސް އޮތީ އޮތްތާއެވެ.
އަދިވެސް ވިޔަފާރި ވެރިން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭތާގަ, ސަރުކާރުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިކަމުގައިވާ އެމްޕީއެލްއިން އެކުންފުންޏަށް ދައްކަންޖެހޭ ޕޭމަންޓްތައް ޑޮލަރުން ދައްކަން އެންގުމާއި ގުޅިގެން ވިޔަފާރިވެރިން ބްލެކް މާރކެޓުން އަގުބޮޑުކޮށް ޑޮލަރު ގަންނަންޖެހި, ތަކެތީގެ އަގުވަނީ އިތުރަށް އުފުލިގެން ގޮސްފައެވެ.
ހަމައެއާއެކު, ފިނޭންސް މިނިސްޓްރީން ރާއްޖޭގެ އަސްލު އިގްތިސާދީ ހާލަތު ސިއްރު ކުރާކަމަށް ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ތުހުމަތުތަކާއެކު, ރާއްޖޭގެ އަސްލު އިގްތިސާދީ ހާލަތު މިސަރުކާރުން ބޮޑު ސިއްރަކަށް ހަދާފައިވާކަން މިވަނީ ހާމަވެގެން ގޮސްފައެވެ.
އަދި ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅެއްގެ ތުންފަތްމަތީގައި އޮތްއިރުވެސް, މި ސަރުކާރުން ދަނީ ވިޔަފާރި ވެރިންނަށާއި, އާންމު ރައްޔިތުންނަށް ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ހަގީގަތް އޮޅުވާލަމުންނެވެ.