ޚަބަރު

އަލީ އާދަމްގެ އިތުރު މައްސަލައެއް މަޖިލިހަށް ހުށަހަޅައިފި

ދިޔަވަރު
އަލީ އާދަމްގެ އިތުރު މައްސަލައެއް މަޖިލިހަށް ހުށަހަޅައިފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖްކޮށް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެފަދަ ދެ ވަނަ މައްސަލައެއް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅައިފިއެވެ.

އަލީ އާދަމް ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީން ނިންމީ މިދިޔަ ޖުލައި މަހުއެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ނިންމީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއް އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ގަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް އަލީ އާދަމް، ދައުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހެޅި ކަމަށް ބުނާ ވާހަކަތައް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވުމުންނެވެ.

އަދި އަލީ އާދަމް ކޮށްފައިވާ މެސެޖުތަކުން އެއީ ނުނިޔަތެއްގައި ނުބައި މަގްސަދެއް ހާސިލް ކުރުމަށް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

އެގޮތުން އަލީ އާދަމްގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ޚިލާފު އަމަލުތަކެއް ވާތީ، ޖޭޢެސްސީގެ ގާނޫގެ ދަށުން އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.