ޗައިނާއިން ބަޖެޓް ސަޕޯޓުގެ ގޮތުގައި މިސަރުކާރުން ހޯދުމަށް އެދެމުން އައި މާލީ އެހީތެރިން ޗައިނާއިން ނުލިބޭނެކަން ޔަގީންވުމާއެކު, މުއިއްޒު މިހާރުވަނީ ބަޖެޓް ސަޕޯޓަށް އިންޑިއާގެ އެހީތެރިކަން ހޯދުމުގެ މަސައްކައް ފައްޓަވާފައެވެ.
އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ 3 ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު, ދެގައުމުގެ ދެމެދުގައި އޮތް އުދާސްތައް ފިލުވާލާ, އަދި އިންޑިއާގެ ކިބައިން އެހީތެރިކަމެއް ލިބޭތޯ މުއިއްޒު ގެންދަވަނީ އިންޑިއާގައި އެގައުމުގެ ވެރިންނަށް ކުރުނީސް ކުރައްވަމުންނެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން "އިންޑިއާ އައުޓު" ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހުންނެވި މުއިއްޒު މިއަދު ބޮޑުވަޒީރު މޯދީގެ އަރިހަށް ވަޑައިގެން އިންޑިއާއިން ފައިސާގެ އެހީއެއް ދެއްވާތޯ އިންޑިއާގެ ވެރިންނަށް ކުރުނީސް ކުރައްވަމުން ގެންދެވިއިރު, މުއިއްޒު ވަނީ "އެއް އަތުން ފިރުމުމަށްފަހު" އިންޑިއާގެ "ކަންކަށި މަތީގައި" އަނެއްއަތުން ވީއްލާލާފައެވެ.
އެގޮތުން, ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރުކުރާގޮތަށް މިދިޔަ ސަރުކާރުން އިންޑިއާއެކު ސޮއިކުރި ހަތަރު އެއްބަސްވުމެއްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި އެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.
އަޒާން ހުށަހެޅުއްވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ހިނގާފައިވާ ކަންކަން ބެލުމަށް ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށެވެ.
އަދި އެ އިންކުއަރީ ކުރިއަށް ދާނެ ގޮތް ރޭވުމަށް ހަތަރު މެންބަރުންގެ ސަބް ކޮމެޓީއެއް ނެގުމަށެވެ. އަޒާންގެ މި ހުށަހެޅުއްވުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ތާއީދު ކުރައްވާފައެވެ.
އަޒާން ފާހަގަކުރެއްވި ބައެއް މައްސަލަތައް:
- - ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ހޯދުމަށް
- - އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށް
- - ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް ވެސް ހޯދުމަށް
"އިންޑިއާ އައުޓު" ހަރަކާތްވެސް އެންމެ ބޮޑަށް ޕްރޮމޯޓުކޮށް އަދި އެގައުމުގެ ވެރިންނަށް އެންމެ ބޮޑަށް މައްލަވަކޮށް, އިންޑިއާގެ އަގުވައްޓާލުމަށް ފާއިތުވި 5 އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްވެސް ކުރެއްވި އެއް ފަރާތުގެ ގޮތުގައި ފާހަގަވެފައިވާ އަޒާން އިންޑިއާއެކު ހެދި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް 241 ކޮމިޓިއަށް ހުށަހަޅާ, އަދި އެހުށަހެޅުން އެ ކޮމިޓީން ފާސްކުރިއިރު, މަޖިލިހުގައި ސުޕްރ މެޖޯރިޓީގެ މެމްބަރަކު ކޮމިޓީއަށް މިމައްސަލަ ހުށަހެޅުއްވީ ސީދާ ރައީސް ތާއީދު އޮވެގެންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެގޮތުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި, މުއިއްޒު ލާހޫރޭ ޚާރިޖީ ސިޔާސަތުގެ ދަށުން, އިންޑިއާމެދު މިސަރުކާރުން މިހާރު ގެންގުޅެމުން ދަނީ "އެއްއަތުން ފިރުމާލުމަށްފަހު އަނެއް އަތުން ވީއްލާލުމުގެ" ސިޔާސަތު ކަމުގައެވެ.