އެންމެ ފަހުން، ކޫއްޑޫގައި ހިނގި މުޒާހަރާގައި، ކުޑަ ކުޑަ ލާރި ކޮޅެއް ދޭއިރަށް މަސްވެރިން މުޒާހަރާ ހުއްޓާލާފައި ދިޔައީއެވެ. މަސްވެރިންނަށް ސަރުކާރުން ދޭން ހުރި ފައިސާ ހަމަ އަށް ނުދެނީސް، މައިދާން ދޫކޮށް މަސްވެރިން ފިލީއެވެ. އެފަހަރުވެސް، އާންމުން ތިބީ އަންތަރީސް ވެފައެވެ. މަސްވެރިން ގަންނާނީ ހުސްބުޅީގައި ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ބުނެ އެފަހަރު ޖޯކު ޖަހައި ހެދިއެވެ.
މި ފަހަރު މުޒާހަރާ އަށް ނުކުތީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ. އެމީހުން މުޒާހަރާ އަށް ނުކުތް އިރު 82 މިލިއަން ރުފިޔާ އާންމު މަސްވެރިންނަށް ނުދީ ހުއްޓެވެ. އެ ފައިސާ ދެންދެން މުޒާހަރާ ދަންމާލަންވެސް ކަންނެލި މަސްވެރިކަން ކުރާ މަސްވެރިންނަށް ނުކެރުމަކީ އެމީހުންގެ ފިނޑި ކަމެވެ. އަދި އެމީހުންނާއި ގުޅިގެން އާންމު މަސްވެރިން އެ މުޒާހަރާގައި ބައިވެރި ނުވުމަކީ ވެސް ހިތާމަ ވެރި ކަމެކެވެ.
މަސްވެރިންގެ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:
- ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް ކަންނެލި ގަންނަ އަގު 80-100ރ.އާ ދެމެދަށް ހަމަނުޖެއްސުން
- މިފްކޯއިން ބޮޑު ކަންނެލި ގަންނާނެ ކަމަށް ވައުދުވެ ނުގަތުން
- އެ ވައުދުތައް ނުފުއްދައި ކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ބޭރުގެ ބޯޓު ފަހަރު ތަކަށް ހުއްދަ ދޭން އުޅުން
- ހުޅުމާލެއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިހާރު މާ ބޮޑުވުން
މިއިން ހާސިލް ކުރެވުނީ ހުޅުމާލެއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު އާންމު އަގަށް ކުޑަ ކުރުން އެކަންޏެވެ. އިތުރު އެއްވެސް ކަމެއް ހާސިލް ނުވެއެވެ. ލޭނު ނާޅާނެ ކަމަށް ވެސް ސަރުކާރުން އާންމު ކޮށް ނުބުނެއެވެ. މިއީ އާންމުކޮށް ނުކުރާނެ ކަމަށް ބުނާ ކަންކަން ވެސް ކުރާ ދޮގު ހެދުމުގައި ހައްދު ފަހަނަ އަޅާފައިވާ ސަރުކާރެކެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ހާސިލް ނުވެ، މުޒާހަރާގެ މަޤްޞަދަށް ވާސިލް ނުވަނީސް މަސްވެރިން އެދިޔައީ ހެއްލިގެންނެވެ.
މާދަމާ މި މީހުންނަށް ކަމެއް ދިމާވާއިރު، މި މީހުންނަށް އިތުބާރު ކޮށް، މުޒާހަރާއަކަށް ނުކުންނަށް އާންމު ރައްޔިތުންނަށް ކެރޭނީ ކޮން ގޮތަކުން ތޯއެވެ. ކިތަންމެ ފަދަ ބޮޑު ދޯކާއެއް ދީފައިވެސް މި މީހުން ފިލާފާނެއެވެ. މަސްވެރިންގެ ހައްޤުގައި ތިބި އާންމުންގެ އިތުބާރު މަސްވެރިން ދުއްވާލައިފިއެވެ. މިހާ ފިނޑި ބަޔަކު ރަނގަޅުވާނީ މުޒާހަރާ ނުކޮށް މުއިއްޒު ދިން ވަރަކަށް ރުހިލާގެން ތިބިއްޔާ ކަމަށް ސޯޝަލް މީޑިޔާގެ ޤުރޫޕެއްގައި މީހަކު ލިޔެފައި ވެއެވެ. އެއީ ހަމަ ރަނގަޅު ވާހަކަ އެކެވެ.