ޚަބަރު

އެމްއެމްޕީއާރުސީ ޖަނާގެ މުށުތެރެއިން ސަލާމަތެއް ނުވި! އެ ކުންފުނި ދެފުށް ފެންނަ ގޮތަށް ހިންގުމުގެ އެއްވެސް ޝައުގުވެރިކަމެއް ސަރުކާރުގަ ނެތް!

ދިޔަވަރު
އެމްއެމްޕީއާރުސީ ޖަނާގެ މުށުތެރެއިން ސަލާމަތެއް ނުވި! އެ ކުންފުނި ދެފުށް ފެންނަ ގޮތަށް ހިންގުމުގެ އެއްވެސް ޝައުގުވެރިކަމެއް ސަރުކާރުގަ ނެތް!

ކޮންމެ ސަރުކާރަކަށްވެސް އިންވެސްޓަރުން ހޯދާދިނުމުގެ ނަމުގައި, ރައީސުންގެ ބޮލަށް ސަވާރުވެގަންނަ ވިޔަފާރަވެރިޔާ ޖަނާހުގެ މުށުތެރެއިން އެމްއެމްޕީއާރުސީއަކަށް ސަލާމަތެއް ނުވެވުނެވެ.

އެގޮތުން, އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެކުންފުނީގެ އެމްޑީގެ މަގާމުން ވަކި ކޮށްފައިވަނިކޮށް, އިއްޔެ ރައީސް މުއިއްޒު ވަނީ ކުންފުނީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު ހަޖަސަވާފައެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތު އިސްތިހާރު ކުރުމަށް އުފައްދާފައިވާ މި ކުންފުނީގެ އެމްޑީކަމުގެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވަނީ ކުރީގެ ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީއެވެ.

މީގެ މަހެއްހާ ދުވަސްކުރިން އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ކަމުގެ މަގާމުން, ޖަނާގެ ދަރިފިރުޅު ނޫރައިން އިސްތިއުފާ ދީ އަދި އޭގެ ދެ ދުވަސްފަހުން އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި, ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެންދިޔަ ފާތިމަތު ތައުފީގު ކުންފުނީގެ އެމްޑީގެ މަގާމުން ރައީސް މުއިއްޒު ވަކިކުރުމުން ގިނަބަޔަކަށް އެ ބަދަލު ސިފަވެގެން ދިޔައީ އެކުންފުނި އިސްލާހު ކުރުމުގެ މަގުސަދުގައި މުއިއްޒު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

އަދި ކުންފުނީގެ އިސް މަގާމްތަކުގައި ތިބި ބަޔަކު މަގާމުން އިސްތިއުފާދީ އަދި ވަކިކުރުން ވެގެންދިޔައީ, މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެ އެކަށީގެންވާ ގޮތެއްގައި އިސްތިހާރުކުރުން ހުއްޓުމަކަށް އައިސް, އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކުން އެ ސިނާއަތު ސަލާމަތް ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއްގެ ގޮތުގައިވެސް އެ ފުރުސަތު ގިނަ ބަޔަކަށް ސިފަވެގެން ދިޔައެވެ.

އެހެންނަމަވެސް, އެމްއެމްޕީއާރުސީގެ އެންމެ އިސް މަގާމް ހުސްކޮށް އޮންނަތާ މަހެއްހާ ދުވަސްފަހުން މުއިއްޒު ކުންފުނީގެ އެމްޑީގެ މަގާމަށް ބޭފުޅަކުން އައްޔަން ކުރި ކުރުން މިއަދު ވެގެން ގޮސްފައިވަނީ އުނބަށް ޖެހި ޖެހުމެއްގެ ގޮތުގައެވެ. އާ ބޭފުޅަކު އެ ކުންފުނީގެ އެމްޑީގެ މާގަމަށް މުއިއްޒު އައްޔަން ކުރެއްވިއިރު, މި ބަދަލުން އެއްވެސް ތަފާތެއް މިއަދު ފެންނާކަށް ނެތެވެ. ހަމައެކަނި ފެނިގެންދިޔަ ބަދަލަކީ މުޅި ކުންފުނި ވިޔަފާރިވެރިއެއްގެ މިލްކު މުދަލަކަށް ވެގެން ދިއުން އެކަންޏެވެ.

އެގޮތުން އިއްޔެ ރައީސް މުއިއްޒު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އިބުރާހިމް ޝިއުރީއަކީ, ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރަމުންދާ އަމިއްލަ ކުންފުންޏެއް ކަމަށްވާ މަޓާޓޯގެ ސީއީއޯގެ މަގާމާ ދާދިފަހުން ހަވާލުވި އާމިނަތު ސޫޒަންގެ ފިރިމީހާއެވެ.

އާދޭހެވެ! އާމިނަތު ސޫޒަންއަކީ ކާކުކަން އެއީ އެއްވެސް މީހަކަށް އޮޅުން އަރާފައިވާ ކަމެއް ނޫނެވެ. އޭނާއަކީ އެތައް ދުވަހެއް ވަންދެން ޖަނާހުގެ ޕާސަނަލް ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރި, ޖަނާހުއާއި ގާތް ގުޅުމެއް ބާއްވަމުން އައި ފަރާތެއްވެސް މެއެވެ. އެ "ގާތް ގުޅުމުގެ" އިތުރު ތަފްސީލަކަށް ދިއުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. އެއީ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާގަ މަސައްކަތް ކުރާ އެންމެވެސް ދަންނަ ބޮޑު ސިއްރަކަށް ވާތީވެސްމެއެވެ.

ހަމައެއާއެކު, އިސްލާހީ އެތައް ހެޔޮ ބަދަލަކަށް ބޭނުންވެފައިވަނިކޮށް, އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވުނު, އިބުރާހިމް ޝިއުރީ އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވިގެންދިޔައިރު, ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު އެއްބައި ކަމުގައި ފަތުރުވެރިން ރާއްޖެއަށް ގެނެސްދޭ ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރާ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން ފިރިމީހާ, މަސްލަހަތު ފުށުއަރާގޮތަށް އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވިގެން ދިޔަ ދިއުމަކީވެސް ކުންފުނި އިސްލާހު ކުރުމުގެ ބަދަލުގައި, ވިޔަފާވެރިއެއްގެ މަސްލަހަތުގައި ކުންފުނި ގުރުބާން ކުރުމުގެ ވިސްނުން އިސްކޮށްފައިވާކަމަށް ދަލީލުކޮށްދޭ ކަމެއްވެސް މެއެވެ.

އަދި އެއީ ކުރިޔަށް އޮތް ތަނުގައިވެސް މި މުހިންމު ކުންފުނި ހިންގުމުގައި އެއްވެސް ޓްރާންޕޭރެންސީއެއް ނޯންނާނޭކަމުގެ އަލިގަދަ ހެއްކެވެސް މެއެވެ. ހަމައެއާއެކު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވިގެންދިޔަ އިބުރާހިމް ޝިއުރީއަކީ މިހާތަނަށްވެސް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އަދި ވިޔަފާރިއާއި ގުޅުންހުރި މިފަދަ އެއްވެސް ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ލިބިފައި ނުވާ ފަރާތަކަށް ވުމުގެ އިތުރުން އޭނާގެ މުޅި ހަޔާތް އޭނާ ހޭދަ ކޮށްފައިވަނީ ކުޅިވަރުގެ ދާއިރާގައިކަން ފާހަގަ ކޮށްލެވެއެވެ.

އެހެންކަމުން އެމްއެމްޕީއަރުސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރިކުރިން ވެގެން މިދިޔައީ އެކުންފުނި އެންމެ ފިޔަފާރިވެރިއަކަށްޓަކާ ގުރުބާން ކޮށްލި ކޮށްލުމެއްގެ ގޮތުގައެވެ. މިއަދު ސާފުވާން އޮތް އެއް ހަގީގަތަކީ އެމްއެމްޕީއާރުސީއަށް އައި ހުރިހާ ބަދަލަކީވެސް ޖަނާހުގެ އަމިއްލަ މަސްލަހަތުގައި, އޭނާގެ ވިސްނުމާއި އެއްގޮތަށް ކުންފުންޏަށް އައިސްފައިވާ ބަދަލުތަކެއް ކަމެވެ. އެކުންފުނި އިސްލާހު ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތްކަމެވެ.

މުހައްމަދު އަލީ ޖަނާހުއަކީ އަބަދުވެސް އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން “ހަދިޔާ” ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. އަދި އޭނާއަކި އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި، އަންނަ ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަދެގަންނަ މީހެއްވެސް މެއެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުގެ އިކޮނޮމިކް އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައެވެ.

އެހެންނަމަވެސް އެއްވެސް ސަރުކާރަަކަށް އެނާ ހޯދާދިން އިންވެސްޓަރެއްގެ ކިބައިން ގައުމަށް ހޯދާ ދެވުނު ފައިދާއެއް ފެންނާކަށް ނެތެވެ. ގައުމަށް މިއަދު ހިންދެމިލެވެން އޮތީ މިފަދަ ކޮރަޕްޓް ވިޔަފާރިވެރިން ނުފޫޒުން ގައުމު ސަލާމަތް ކުރެވުނު ދުވަހަކުންނެވެ.