ކުންފުނިތަކަށް ސަރުކާރުން ދޭން ހުރި ފައިސާތައް ހިފަހައްޓައި، ކުންފުނިތައް ބަނގުރޫޓާއި ހަމައަށް ގެންގޮސް، މުއިއްޒަށް ރިޝްވަތު ނަގާ ދިނުމަށް ޝުޖާޢު ދަނީ މަސައްކަތް ކުރަމުންނެވެ. ޕްރައިވެޓް ކުންފުނިތަކަށް ލިބޭ ފައިދާ އަށް ވެސް މުއިއްޒު ދަހިވެތިވެ، ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިދާ އަށް އެ ކުންފުންޏަކަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ހުރިހާ ފައިސާއެއް ޝުޖާޢު އާއި އަދި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ދަނީ ނަގަމުންނެވެ.
މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އެ ފައިސާ ނެގުމަށް ފަހު، ވިޔަފާރި ބަންދު ކުރަމުން ދާ ކަމަށާއި، އިޤްތިޞާދު ހީނަރުވެފައިވާއިރު، މުއިއްޒުގެ ފަރާތުން އާންމު ރައްޔިތުން ފޭރުމަކީ ޤައުމު ދޫކޮށް ވިޔަފާރިވެރިން ދިޔުމަށް ވިސްނަމުން ދާ ކަމެކެވެ.
މުއިއްޒުގެ ފަރާތުން މި ފައިސާ ނަގާކަމަށް ލިޔެން ޖެހިފައިވަނީ، މި މޭރުމުން ޝުޖާޢު އެކި ވިޔަފާރިތަކާއި ވާހަކަ ދައްކާފައި ވާތީއެވެ. މިއީ ޕާޓީ ހިންގުމަށް ރައީސް އަށް ނަގާ ފައިސާ ކަމަށް ޝުޖާޢު ވަނީ ކުންފުނިތައް ކައިރީ ބުނެފައެވެ. އަދި ހަމަ މިފަދައިން ރައީސް އޮފީހަށް ކަނޑައަޅާފައިވާ ބައެއް ވަޒީރުންވެސް މިއީ ރައީސް މުއިއްޒަށް ދާ ފައިސާ ކަމަށް ބުނެ ފައިސާ ނަގާފައި ވެއެވެ.
އެމްޓީސީސީ އިން 3.4 މިލިއަން ރުފިޔާ ފިލާ ސްޓޯރަށް ދަރާފައި ވާއިރު، މި ފައިސާ ލިބޭނީ ފައިސާގެ %15 ދީގެން ކަމަށް ޝުޖާޢު ވަނީ އެ ކުންފުންޏަށް އަންގާފައެވެ. 3.4 މިލިއަން ރުފިޔާއިން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ އެންމެ %8 އެވެ. ނަމަވެސް، އެފައިސާ ލިބެން އޮތީ އެކުންފުންޏަށް ނުވާ ފައިދާ އަށް ވާވަރަށް މުއިއްޒަށް ފައިސާ ދީގެންނެވެ.
މުއިއްޒުގެ ސަބަބުން 3.8 ބިލިއަން ޑޮލަރުގެ ގެއްލުން މިއަހަރު ޓުއަރިޒަމް އަށް ކުރާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިދަނީ މިސަރުކާރުން އިނދަ ޖައްސަމުންނެވެ. އަނިޔާވެރި ކަމުގައި މުއިއްޒުގެ ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައެވެ.