ޚަބަރު

އެމްޕީއެލްގެ ވެރިންނާއި، މުއިއްޒު ހިމެނޭހެން ރާއްޖޭގެ މައި ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ރިޝްވަތު ނަގައިގެން އެމްއޯޔޫގައި ސޮއެކޮށްފި! މިއީ އެއަރޕޯޓް ވިއްކާ ލުމަށްވުރެ، 100 ގުނަ ނުރައްކާތެރި ކަމެއް!

ދިޔަވަރު
އެމްޕީއެލްގެ ވެރިންނާއި، މުއިއްޒު ހިމެނޭހެން ރާއްޖޭގެ މައި ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ރިޝްވަތު ނަގައިގެން އެމްއޯޔޫގައި ސޮއެކޮށްފި! މިއީ އެއަރޕޯޓް ވިއްކާ ލުމަށްވުރެ، 100 ގުނަ ނުރައްކާތެރި ކަމެއް!

އެމްޕީއެލްގެ ވެރިންނާއި، ރައީސް މުއިއްޒު ހިމެނޭހެން ރާއްޖޭގެ މައި ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ރިޝްވަތު ނަގައިގެން އެމްއޯޔޫ އެއްގައި ސޮއެކޮށްފިއެވެ. މިކަން ސޯޝަލް މީޑިޔާއަށް ލީކު ކޮށްފައިވާ ލިޔެކިޔުންތަކުން ކަށަވަރު ވާއިރު، ދިޔަވަރު ނޫހަށް ވެސް ވަނީ މި ލިޔެކިޔުންތައް ލިބިފައެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، މުއިއްޒު ރިޝްވަތު ނަގައިގެން، ރާއްޖޭގެ މައި ދޮރާށި، ރާއްޖޭގެ އެއަރޕޯޓަށް ވުރެވެސް މުހިންމު މި ބަނދަރު، ވިއްކާލުމަށް ހަދާފައިވާ ޑީލް އާއި، ސޮއެ ކޮށްފައިވާ އެމްއޯޔޫގައި ހުރި ފާހަގަ ކޮށްލެވޭ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ.

  1. ރިޝްވަރުގެ ކަޅު ފައިސާ ނަގައިގެން އެމްޕީއެލް ވިއްކާލުމަށް އެމްއޯޔޫގައި ސޮއެ ކޮށްފައި ވަނީ، ICTSI ކިޔާ ފިލިޕީންސްގެ ކުންފުންޏަކަށެވެ.
  2. މި ކުންފުނިން، ދިވެހި ސަރުކާރަށް ދެނީ ކުޑަ ކުޑަ ފީއެކެވެ. އެއްވެސް ޓެކްސް އެއް ނުދައްކާނެއެވެ.
  3. މުދަލަށް ނަގާ ޓެކްސް ނަގާ މިންވަރާއި، ބޯޓު ފަހަރު ތަކަށް ތެޔޮ އެޅުމާއި، ދޭ ހުރިހާ ޚިދުމަތެއްގެ އަގު ކަނޑައަޅުމުގެ ބާރު ސަރުކާރުން ނަގައި، އެ ބާރު މިކުންފުންޏަށް ދިނުމަށް އެމްއޯޔޫގައި އެއްބަސް ވެފައި ވެއެވެ.
  4. މި އެމްއޯޔޫ، ނުވަތަ މި ފަހުމުނާމާ، ނުވަތަ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން އަކީ ދުނިޔޭގައި މިފަދަ އެއްވެސް އެމްއޯޔޫއެއްގައި ނުހިމެނޭ މާއްދާއެއް ހިމަނައިގެން ހަދާފައިވާ އެމްއޯޔޫއެކެވެ. އެއީ އެމްއޯޔޫ އަކީ މަސައްކަތުގެ އެއްބަސް ވުމަކަށް ނުވާއިރު، އެމްއޯޔޫއަކީ އެއްބަސް ވުމަކާއި ހަމަ އަށް ދިޔުމުގެ ކުރިން، ދެފަރާތުން މަޝްވަރާ ކުރާ އިރު، ހިމާޔަތް ކުރަން ބޭނުންވާ ބައެއް ހައްޤުތަކާއި، ސިއްރުތައް ހިފެހެއްޓުމަށް ދެފަރާތުން ޤަބޫލު ކުރާ ކަންކަން ބަޔާންކޮށް ސޮއެ ކުރާ ލިޔުމެކެވެ. ނަމަވެސް މި ލިޔުމުގައި، އެމްއޯޔޫ ކުރިއަށް ނުގެންދާ ނަމަ، 5 މިލިއަން ޑޮލަރަށް ދިވެހި ސަރުކާރު ޖޫރީމަނާ ކުރާނެ ކަމަށް ލިޔެފައި ވެއެވެ. މި ފަދައިން އެއްބަސްވުން އޮތް އެއްބަސްވުމެއް އެޖީގެ ލަފާ ނުނަގައި ސޮއެ ކޮށްފައި ވަނީ މުއިއްޒު ކޮންމެހެން ބޭނުން ވެގެންނެވެ.
  5. މާލޭގެ ކަނޑުގުގެ ބަނދަރަކީ ރާއްޖޭގެ އެންމެ ބޮޑު ދޮރާއްޓެވެ. މަސްތުވާތަކެތި އެތެރެ ކުރުމާއި، ވަގަށް މުދާ އެތެރެ ކުރުމާއި އިންސާނީ ވަގު ވިޔަފާރި ފަދަ ބޮޑެތި އެންމެހާ ކުށްތައް ހިނގަނީ މި ފަދަ މައި ބަނދަރުތައް ބޭނުން ކޮށްގެންނެވެ. ދުނިޔޭގައި މެކްސިކޯ ނަގާފައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ކޮށް ކުރާ ޤައުމަކީ ފިލިޕީންސްއެވެ. ފިލިޕީންއަށް ދިވެހިންގެ ޤައުމުގެ ދޮރު ދިނުމަކީ، އެއަރޕޯޓް ޖީއެމްއާރު އަށް ވިއްކާލުމަށް ވުރެ، ބޮޑު އަނިޔާވެރި މާ އަނިޔާވެރި އަމަލެކެވެ.
  6. މިތަނުން ލިބޭ އެއްވެސް ބޭރު ފައިސާއެއް ރާއްޖެ ނުވަންނާނެ އެވެ. އެފައިސާ ދާނީ ރާއްޖެއިން ބޭރަށެވެ. ގޯސްވެފައިވާ ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެއެވެ.

ދިޔަވަރު ނޫހުން ދަނީ މިކަމުގައި މުއިއްޒު ނަގާފައިވާ ކޮރަޕްޝަންގެ މިންވަރު ބެލުމަށް އިތުރު މައުލޫމާތު އެއްކުރަމުންނެވެ. މައުލޫމާތު ލިބުމުން ކިޔުންތެރިންނަށް އެ މައުލޫމާތު ގެނެސްދެވޭނެ ކަމަށް ދަންނަވަމެވެ.

ޕީޕީއެމް މެމްބަރުންނަކީ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާ ލައިގެން ރާއްޖޭގެ ޤައުމިއްޔަތާއި، އިސްލާމް ދީން ނެތި ދާނެ ކަމަށް ބުނެ މުޒާހަރާ ކުރި ބައެކެވެ. ރާއްޖޭގެ އެއަރޕޯޓަށް ވުރެ މުހިންމު ހަމައެކަނި އިތުރު އެސެޓަކީ ރާއްޖޭގެ މައި ބަނދަރެވެ. އެއަރޕޯޓް ވިއްކާލުމަށް ވުރެ، 100 ގުނަ ނުރައްކާތެރި ކަމެއް ކުރާތީ އެކަމަށް އަޅާވެސް ނުލާ އެތިބީ ހަމަ އެމީހުންނެވެ. ނަމަވެސް ޕީޕީއެމްގައި މިހާރު ތިބީ ވަޒީފާގެ އަޅުންނެވެ. ޤައުމަށް ހެޔޮ އެދޭ ބަޔަކު އެތާގައި ނެތެވެ. މުއިއްޒުގެ ކޮރަޕްޝަން ދަމަހައްޓައި މިކަހަލަ ހުރިހާ ކަމެއް މިހާރު އެއްކަލް އިލްމުވެރިންގެ ގުޅުމަށާއި، ސަލަފަށް އެންމެ ރަނގަޅެވެ. ދީނީ ތާކިހާ އަޅައިގެން މި މީހުންވެސް ކުރާ މަސައްކަތަކީ ހަރާން ފައިސާ މުއިއްޒު އަތުން ހޯދައިގެން، މުއިއްޒުގެ މުންކަރާތްތައް ހުއްދަ ކޮށްގެން ތިބުމެވެ.

މިފަދަ އެތައް އެއްބަސްވުމެއް ޗައިނާގެ ޕްރައިވެޓް ކުންފުނިތަކާއި އެކު ހަދައި، ޗައިނާއަށް ރާއްޖޭގެ އެތައް ތަނެއް ވިއްކާ ލުމަށްވެސް، މުއިއްޒު އަންގައިގެން ވަނީ އެތައް އެއްބަސް ވުމެއްގައި ސޮއެ ކޮށްފައެވެ.