ޗައިނާގައި 1 މިލިއަން މުސްލިމުން ޖަލަށްލައި ދެމުންދާ އަނިޔާގެ ވާހަކަ ދިވެހިން ދައްކާތީ، އެކަން ފޮރުވަން ވަގުތުގެ ނޫސްވެރިޔާ ނަވާޒް ޗައިނާއަށް ގެންގޮސްފިއެވެ. އޭނާ ޗައިނާ އަށް ގެންގޮސް، ޗައިނާގައި މުސްލިމުން އީދު ފާހަގަ ކުރާ ކަމަށް ދެއްކުމަށް ޗައިނާއިން ވަނީ މަސައްކަތް ކޮށްފައެވެ.
ޗައިނާއިން ދަނީ ކޮންމެ އަހަރަކުވެސް ބޮޑު އީދާއި ދިމާކޮށް، ދުނިޔޭގެ އެކި ތަންތަނުން ނޫސްވެރިން ގެންގޮސް، އިސްލާމީ ދުވަސްތައް ޗައިނާގައި ފާހަގަ ކުރާކަން ދެއްކުމަށް އެކްޓަރުން މެދުވެރިކޮށް ރާވައިގެން ހިންގާ ޝޯތައް ދައްކަމުންނެވެ. މި ގޮތުން ވަގުތު އޮންލައިންގެ ނޫސްވެރިޔާ ނަވާޒަށް ވެސް ވަނީ މި ކުޅިވަރުތައް ދައްކާފައެވެ. އަދި އޭނާ ވަނީ އެތަންތަން ފޮޓޯ ނަގައި ޓްވީޓް ކޮށްފައެވެ.
ޗައިނާގެ ސިފަ ރީތި ކުރުމަށް ބަޔަކު ލައްވައި އިސްލާމީ ސަގާފަތް ދައްކަމުން ދާއިރު، 1 މިލިއަނަށް ވުރެ ގިނަ މުސްލިމުން މިހާރުވެސް ތިބީ، ޗައިނާގެ ޖަލު ތަކުގައެވެ. މި މީހުން ޖަލަށް ލާފައި ވަނީ އެއްވެސް ކޯޓު މަރުހަލާއެއް ކަނޑައްދު ނުކޮށެވެ. ހަމަ އެކަނި ކުށަކީ އިސްލާމް ދީނަށް އުޅޭ ކަމެކެވެ. އަދި ނަމާދު ކުރާ ކަމެވެ.
ޗައިނާގެ ވީގަރ މުސްލިމުންނަކީ ތުރުކީ ނަސްލުގެ ބަޔެކެވެ. އެމީހުންގެ ދަރިން އެމީހުން އަތުން އަތުލައި ޔަތީމު ހާނާތަކަށް ފޮނުވައި، އެކުދިންނަށް އިސްލާމީ ތައުލީމް ދިނުމުން މަހުރޫމް ކުރަން ފަށަނީ އެންމެ 3 އަހަރުން ފެށިގެންނެވެ.
މިކަންކަން އދ އާއި، އަލްޖަޒީރާއާއި ދުނިޔޭގެ ބޮޑެތި ހުރިހާ ނޫސްތަކުން ރިޕޯޓް ކޮށްފައިވާއިރު، މިކަންކަން ރާއްޖޭގެ ނޫސްތަކުންވެސް މިހާރު ދަނީ ގެންނަމުންނެވެ. މިކަންކަން ފޮރުވުމަށް ޗައިނާއިން ދަނީ ދިވެހި ނޫސްވެރިންނަށް ފައިސާ ދީ، އީދަށް ޗައިނާއަށް ގެންދަމުންނެވެ.
ޗައިނާ އިން މުސްލިމުންނަށް ދެމުންދާ އަނިޔާއަކީ މިވަގުތު ފަލަސްތީނުގެ ހިނގަމުންދާ ގަތުލުއާންމު ނަގާފައި އެންމެ ބޮޑު އަދި އެންމެ އަނިޔާވެރި، އެންމެ އިންސާނިއްޔަތާއި ޚިލާފަށް ހިންގަމުންދާ ޖަރީމާއެވެ. މިއީ އިސްލާމީ ވީގަރ ނަސްލުގެ މުސްލިމުން ނައްތާލުމަށް ހިންގާ ކުށްތަކެއް ގޮތުގައި އދ. ފާހަގަ ކޮށްފައިވާ އަނިޔާވެރި އަމަލު ތަކެކެވެ.