ޚަބަރު

އައްޑޫ މަސްވެރިންގެ މުޒާހިރާއަށް 3 ދުވަސް: ފިޝަރީޒް މިނިސްޓަރު މުޒާހިރާގެ ބައިވެރިންނާއި ބައްދަލުކުރަން ދެކޮޅު ހައްދަވައިފި! ޕިއެންސީގެ މެމްބަރަކުވެސް, އެއްވެސް ވަޒީރަކުވެސް މިހާތަނަށް މަސްވެރިންނާއި ބައްދަލުކޮށްފައެއް ނެތް!

ދިޔަވަރު
އައްޑޫ މަސްވެރިންގެ މުޒާހިރާއަށް 3 ދުވަސް: ފިޝަރީޒް މިނިސްޓަރު މުޒާހިރާގެ ބައިވެރިންނާއި ބައްދަލުކުރަން ދެކޮޅު ހައްދަވައިފި! ޕިއެންސީގެ މެމްބަރަކުވެސް, އެއްވެސް ވަޒީރަކުވެސް މިހާތަނަށް މަސްވެރިންނާއި ބައްދަލުކޮށްފައެއް ނެތް!

80 ދުވަސް ވެގެންދާއިރުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދީގެން އައްޑޫ މަސްވެރިން މުޒާހިރާ ކުރަމުންދާތާ 3 ދުވަސް ވެގެން ދިޔައިރުވެސް, މުޒާހިރާ ކުރަމުންދާ އައްޑޫ މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ދެކޮޅު ހައްދަވައިފިއެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން ހުޅުމީދޫގައި މަސްވެރިން ކުރާ މުޒާހިރާ މެދު ނުކެނޑި އަދިވެސް މަސްވެރިން ގެންދަނީ ކުރިޔަށް ގެންދަމުންނެވެ. މަސްވެރިން މުޒާހިރާ ކުރަމުންދަނީ އައްޑޫ މިފްކޯ ބަނދަރުގައެވެ. އަދި މި ސަރަހައްދުގައި 80 ވަރަކަށް މަސްވެރިން މުޒާހިރާ ކުރަމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީން މިއަދު ބުނެފައިވަނީ މަސްވެރިންނަށް ދައްކަންޖެހޭ 120 މިލިއަން ރުފިޔާ އޮއްވާ އީދުގެ ކުރިން ދޫކޮށްފައިވަނީ އެންމެ 40 މިލިއަން ރުފިޔާ ކަމުގައެވެ. އެހެންކަމުން މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި, އެ ފައިސާ މަސްވެރިންނަށް ވަގުތުން ދެއްކުމަށް އެމްޑީޕީންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި އެމްޑީޕީން ބުނެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފުލުހުން މެދިވެރިކޮށް މަސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމުގައެވެ.

އައްޑޫގައި މުޒާހިރާ ކުރަމުންދާ މަސްވެރިންނާއި ބައްދަލުކުރުމަށް ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރަކުވެސް ދެކޮޅު ހައްދަވާފައިވާއިރު, މީގެކުރިން ކޫއްޑޫގައި މަސްވެރިން މުޒާހިރާ ކުރަން ފެށުމުން ފިޝަރީޒް މިނިސްޓަރު ޝިޔާމްވަނީ އެރަށަށް ވަޑައިގެން މުޒާހިރާކުރަމުންދާ މަސްވެރިންނާއި ބައްދަލުކޮށްފައެވެ.

ގިނަ ބަޔަކު މިއަދު ބުނަމުންދަނީ, މުޒާހިރާ ކުރަމުންދާ މަސްވެރިންނާއި އޭރު ވަޒީރު ބަައްދަލު ކޮށްފައިވަނީ އޭރު ކުރިޔަށް މަޖިލިސް އިންތިޚާބު އޮތުމުން ކަމަށާއި, މަކަރާއި ހީލަތުން މަސްވެރިންގެ ވޯޓު ހޯދުމުގެ ބޭނުމުގައި ކަމުގައެވެ.

މިސަރުކާރުގެ ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން, ފަސްޓު ކުލާހުގައި ދުނިޔޭގެ އެތަން މިތަނަށް އުދުހެމުންދާއިރު, މަސްވެރިންނަށް ހައްގުވާ އެތައް މިލިއަން ރުފިޔާއެއް ނުލިބި ގިނަ މަސްވެރިން މިހާރު ވަނީ ދަރަނިވެރިވެފައި ކަމުގައި, “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކި ގިނަ މަސްވެރިން ބުނެފައި ވެއެވެ.

އެގޮތުން ކަންމަތީ ފިހާރަތަކަށްވެސް ގިނަ މަސްވެރިން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިބާއިރު, ލޯނުތައް އަދާކުރުމާއި, ދަރިންގެ ސްކޫލް ޚަރަދުތައް ކުރުމުގައި މަސްވެރިން ބޮޑެތި އަދަދުތަކުން މިހާރު ދަރަނިވެރި ވެފައިވާކަމަށްވެސް ގިނަ މަސްވެރިން ވަނީ ބުނެފައެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުވަނީ, މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެ, ދޮގު ވައުދުވެފައެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް ފަހުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ އެ ވައުދު ފުއްދޭނޭ ގޮތެއް މިހާރު ނެތްކަމުގައެވެ.

ރައީސް މުއިއްޒުއަކީ އޭގެ އިތުރަށްވެސް, ރައީސް ޔާމިން މިވަންކުރާނޭކަމަށް ދޮގު ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.