މެނިންޖައިޓިސް ވެކްސިން މަޖުބޫރު ކޮށްފައި ވަނިކޮށް، ސަރުކާރުން ހައްޖުވެރިން ސައުދީ އަށް ފޮނުވީ، ސައުދީއަށް އޮޅުވާލައިގެން ވެކްސިން ނުދީކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ސައުދީ އަށް ހައްޖު ވެރިންނަށް ވަދެވޭނީ މަދުވެގެން 10 ދުވަސް ކުރިން މެނިންޖައިޓިސް ވެކްސިން (ކޮޑްރިވެލެންޓް (ACYW) ޕޮލިސެކަރައިޑް ވެކްސިން) ޖަހައިގެން ކަމަށް ސައުދީ އިން ވަނީ އާންމު ކޮށް އަންގާ އިއުލާން ކޮށްފައެވެ.
މި ގޮތުން ސައުދީއިން ވަނީ އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި 2024 ނުވަތަ 1445 ވަނަ އަހަރު ހައްޖުވާން އަންނަ ހުރިހާ ގައުމެއްގެ ހުރިހާ އެންމެން މި ވެކްސިން ޖަހަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ޖަހަން ޖެހޭ ވެކްސިންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީވެސް މެނިންޖައިޓިސް ވެކްސިން އެވެ. ލަސްވެގެން 10 ދުވަސް ކުރިން، ގިނަވެގެން 3 އަހަރު ކުރިން މި ވެކްސިންގ ދީފައި ނުވާނަމަ ހައްޖަށް ސައުދީއަށް ވަނުން ވަނީ މަނާ ކޮށްފައެވެ. ލިސްޓް ބައްލަވާލެއްވުމަށް https://www.moh.gov.sa/en/HealthAwareness/Pilgrims_Health/Documents/Health-Regulations-En.pdf ސައުދީ ހެލްތް މިނިސްޓްރީގެ ވެބްސައިޓް ބައްލަވާލައްވާށެވެ.
މީގެ ސަބަބުން އެކަކު މަރުވެ، މުޅި ޤައުމު ނުރައްކަލަކަށް ވަނީ ވެއްޓިފައެވެ. މުއިއްޒުގެ ސަރުކާރުން (ހައްޖު ކޯޕަރޭޝަނުން) ހައްޖުވެރިންނަށް މި ވެކްސިން ދިންކަން އޮޅުވާލާފައިވަނީ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ތޯ ނުވަތަ ނޫންތޯ އަދި ދިޔަވަރު ނޫހަށް ވަނީ ޔަގީން ނުކުރެވިއެވެ. އެ މައުލޫމާތު ހޯދުމަށް ދިޔަވަރު ނޫހުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
މެނިންޖައިޓިސް އަކީ ގައިގައަށް އަރަން އެހާ ފަސޭހަ ބައްޔެއް ނޫން ކަމުގައި ވިޔަސް، ހައްޖުގައި ދިވެހިން ތިބެން ޖެހުނީ އިންސާނުން ތިބެން އެކަށީގެން ނުވާ ހާލަތެއްގައި ގައިގޯޅި ކަންމަތީގައި ކަމުން، އެކަކު އަނެކަކު ގަޔަށް މި ބަލި އަރައި ދިވެހި ގިނަ ހައްޖުވެރިންނަށް މި ބަލި ޖެހިފައި ވުމަކީ އެކަށީގެން ވާ ކަމެކެވެ.
އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ.
މެނިންގޮކޯކޮލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:
ގަދައަށް ހުން އައުން
އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުން
ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
ބޮލުގައި ރިއްސުން
ކަނދުރާ މައްޗަށް ބާރުވެފައި ހުރުން
ގަދަ އައްޔަށް ބަލަން އުނދަގޫވުން
ބޯއެނބުރުމާއެކު ހޮޑުލެވުން
ބޭރަށް ހިންގުން
ރަތް ނުވަތަ ގަދަ ދަނބުކުލައިން ނޫފައިގަނެފައި ހުންނަ ގޮތަށް ގައިގެ އެތަން މިތަނުގައި ހުރުން
އަތްތިލައާއި ދެފައިތިލަ ފިނިވުން
މާބޮޑަށް ނިދިއަންނަ ގޮތްވުން
ވާނުވާ ނޭނގޭ ގޮތްވުން
މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.
އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ މިއީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ސަރުކާރުގެ އިހުމާލުން، ހައްޖުވެރިންނަށް ނިކަމެތި ކަމަކަށްފަހު ނިކަމެތި ކަމެއް ދަނީ ކުރިމަތި ވަމުންނެވެ. ރާއްޖޭގައި އޮތް އިސްލާމީ ވެރިކަމުގައި ހައްޖުވެރިންނަށް މިހާ ބޭއިންސާފާއި، އަނިޔާވެރިކަމާއި، އަޅާ ނުލުމުގެ ސަބަބުން ލިބޭ ގެއްލުން މިހާ ބޮޑުވި ސަރުކާރެއް އަދި ނާދެއެވެ.