ސިޔާސީ

އެއްވެސް ސަބަބެއް ނެތި، 4 ވަޒީރަކު ޗައިނާގައި ރައްޔިތުންގެ ފައިސާއިން ނާޗަރަންގީ ކުޅުމުގައި!

ދިޔަވަރު
އެއްވެސް ސަބަބެއް ނެތި، 4 ވަޒީރަކު ޗައިނާގައި ރައްޔިތުންގެ ފައިސާއިން ނާޗަރަންގީ ކުޅުމުގައި!

އެއްވެސް ސަބަބެއް ނެތި، 4 ވަޒީރަކު ރައްޔިތުންގެ ފައިސާއިން ނާޗަރަންގީ ކޮށް މަޖާ ނެގުމުގައި މި ވަގުތު ޗައިނާގައި އެބަތިއްބެވެ. ރާއްޖެއިން ބޭރަށް ކުރީ ސަރުކާރުގެ ވެރިން މާގިނައިން ދަތުރު ކޮށް، ދައުލަތުގެ ފައިސާ އިސްރާފް ކުރާ ވާހަކަ ދައްކައިގެން އެކަން ނުކުރާނެ ކަމަށް ބުނެ، ވެރިކަމަށް އައި ސަރުކާރުގެ ވަޒީރުން، އެމީހުންގެ ވުޒާރާއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމުގައި މަޖާ ނެގުމުގައި ޗައިނާގައި ތިބުމަކީ މުއިއްޒުގެ ސަރުކާރު ލަދުގަންނަން ޖެހޭ ކަމެކެވެ.

އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް ޗައިނާއަށް ވަޑައިގެންނެވީ ކޮން ކަމަކާއި ކަމަށް ޚުދު އެ މިނިސްޓްރީގެ ބޭފޫޅުންނަށްވެސް އެނގި ނުލައްވައެވެ. މުސްލިމުންނާއި އެންމެ ދެކޮޅު އެއް ޤައުމަށް ޝަހީމް ދަތުރު ކުރެއްވި ސަބަބެއް ހާމަ ނުކުރައްވައެވެ. ނަމަވެސް ދައުލަތުގެ ފައިސާއިން ކުރާ ޚަރަދެއް ނަމަ، އެކަމުގެ ތަފްސީލް ރައްޔިތުންނަށް އެނގެން ޖެހެއެވެ.

ހެލްތް މިނިސްޓަރ ޚަލީލް ވަޑައިގަތީ، ޗައިނީސް މެޑިސިން އާއި ބެހޭ ފޯރަމަކަށް ކަމަށް ހާމަ ކޮށްފައިވާއިރު، ޗައިނީސް މެޑިސިންގ އަކީ ޚުދު ޗައިނާގައިވެސް، ފަރުވާއެއް ގޮތުގައި ބަލައިގަނެފައިވާ ބޭސްވެރިކަމެއް ނޫނެނެވެ. އަދި އެފަދަ ފޯރަމަކުން އެ މިނިސްޓްރީއަށާއި ދިވެހި ރައްޔިތުންނަށް ވާނެ އެއްވެސް ފަދާއެއް ނެތެވެ.

އެޓޯލް މިނިސްޓަރ ޝަރީފް ޗައިނާއަށް ވަޑައިގެން ކޮމިއުނިކޭޝަން ދާއިރާއާއި ގުޅޭ ފޯރަމެއްގައި ބައިވެރިވެފައިވާއިރު، ޗައިނާ އަކީ، ވަޓްސްއެޕް، ވައިބަރ، ޓްވިޓަރ، ފޭސް ބުކް އާއި ދުނިޔޭގައި ހުރިއްޔާ ހުރި، މިނިވަން ކޮމިއުނިކޭޝަން ވަސީލަތްތައް ބްލޮކް ކޮށްގެން އުޅޭ ޤައުމެކެވެ. ޗައިނާގައި ވެއިބޫ އާއި ވީ ޗެޓަކީ ޗައިނާ ސަރުކާރުން އޭގައި ޖަހާ އެއްޗެހި ފިލްޓަރ ކޮށްގެން ސެންސަރު ކުރާ ތަނެކެވެ.

އެކޮނޮމިކް މިނިސްޓަރ ސައީދުގެ ފަރާތަކުން ރާއްޖޭގެ އިޤްތިޞާދަށް މި ސަރުކާރުން މިހާތަނަށް ޗައިނާ މެދުވެރިކޮށް ހިންގާފައިވަނީ އޭނާ އާއި އަދި މުއިއްޒު އާއި މެދު ދައުވާ ކުރާނެ ފަދަ ބޮޑެތި ޖަރީމާތަކެވެ. ޗައިނާއިން ދިވެހި ޤައުމަށް ރައްޔިތަކަށް ފައިދާވާ އެއްވެސް މަޝްރޫއެއް ކަމެއް، މިވެރިކަމުގައި ގެނެވިފައި ނުވާއިރު، ރާއްޖޭގެ ބޮޑުބައެއް މިހާރު ވަނީ ޗައިނާއަށް ހިބަ ކޮށްދީފައެވެ. ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލް ގެއްލޭ ވަރަށް ގައުމުގެ އެކި ހިސާބުން 99 އަހަރަށް ޗައިނާގެ ޕްރައިވެޓް ކުންފުނިތަކަށް ތަންތަން ދިނުން ފިޔަވާ އިތުރު ކަމެއް ސައީދެއް ނުކުރެއެވެ. އިތުރަށް ޤައުމު ވިއްކަން ނޫނީ ސައީދު ޗައިނާއަކަށް ނުދާނެއެވެ.

ފާއިތުވި ތާގައި މި ސަރުކާރުން ކޮށްފައިވާ މިފަދަ ދަތުރުތަކަށް ބަލާއިރު، މިއިން ކޮންމެ ވަޒީރެއްގެ މިއިން ކޮންމެ ދަތުރަކަށް 1.5 މިލިއަން ރުފިޔާ ހޭދަ ކުރެއެވެ. މިއިން ދަތުރަކުން ދިވެހި އާންމު ރައްޔިތުންނަށް ސީދާކޮށް އަދި ނުސީދާކޮށް، ލިބޭ އެއްވެސް ފައިދާއެއް ނެތް އިރު، މި ދަރުރުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޮތީ ގެއްލުމެވެ. މަސްވެރިން މިވަގުތު ތިބީ އެމީހުންނަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ބިކަ ކޮށްފައެވެ. އެތައް ކޮންޓަކްޓަރުންނެއް އެތިބީ ފައިސާ ނުލިބި މަސައްކަތް ހުއްޓިފައެވެ. ނަމަވެސް މުއިއްޒުގެ ކެބިނެޓް މިނިސްޓަރުން ޗައިނާގައި އާޗާ ތަޅައި މިލިއަނުން ޚަރަދު ކޮށް ނަގަނީއެވެ.

ތަކެތީގެ އަގު އަދި ރާއްޖޭގައި ހެޔޮ ނުވެއެވެ. ރައީސް ސޯލިހް ސަރުކާރުގައި ބޮޑުވި ތަކެތީގެ އަގު މިހާރު އިތުރު %7 އަށް އިތުރުވި އިރު، އާމްދަނީއަކަށް އެބަދަލު ގެންނަން އަދި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ބައި އަހަރުވެގެން ދިޔަ އިރު ނުކުރެއެވެ.

ނެތް ފައިސާއިން އިސްރާފު ކުރާއިރު، މި ވަޒީރުންގެ ވަޒީފާގެ މަސްއޫލިއްތު ކޮބައިތޯއެވެ؟ ރައްޔިތުންގެ ކަންކަމުގައި އުޅުމުގެ ބަދަލުގައި ފެނިގެން މިދަނީ ޗައިނާ ސަރުކާރު ރުއްސަން، ޗައިނާގައި ތިބި މަންޒަރެވެ. ޚިދުމަތް ކުރަމުން މިދަނީ ޗައިނާގެ ސަރުކާރަށް ތޯ ނުވަތަ ދިވެހި ރައްޔިތުންނަށްތޯ މިއަދު ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ.