ޚަބަރު

އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅުގައި ކުރިއަށް ޖެހުނު ފިޗް ރޭޓް، މުއިއްޒުގެ ވެރިކަމުގައި C އަށް ވެއްޓި، ރާއްޖެ ބަނގުރޫޓު ވަމުން ދާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ބުނެފި

ދިޔަވަރު
އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅުގައި ކުރިއަށް ޖެހުނު ފިޗް ރޭޓް، މުއިއްޒުގެ ވެރިކަމުގައި C އަށް ވެއްޓި، ރާއްޖެ ބަނގުރޫޓު ވަމުން ދާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ބުނެފި

ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދު މުއިއްޒުގެ ސަރުކާރުގައި ދަށްވާނެ ކަމަށް ބަލައި، ރާއްޖޭޭގެ ކްރެޓިޑް ރޭޓިން “ބީ މައިނަސް” އިން “ސީސީސީ” އަށް ދަށްކޮށްފި އެވެ.

މި ރޭޓިންއަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. މި ރޭޓީން އާއި މި ރޭޓިން އަށްވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ނުދެ އެވެ.

ރާއްޖޭގެ އައިޑީއާރު 'CCC+' އަށް ދަށްކުރެވިފައިވަނީ ޤައުމުގެ ބޭރުގެ ފައިނޭންސިންގ އަދި ލިކުއިޑިޓީ މިންގަނޑުތައް ގޯސްވަމުންދިއުމާ ގުޅިގެން އިތުރުވެފައިވާ ނުރައްކާތަކުގެ ސަބަބުން ކަމަށް ފިޗް ސައިޓުގައި ވެއެވެ. ބޭރު ފައިސާގެ ރިޒާރވް ދަށްވަމުންދިއުމާއި ސަރުކާރުގެ ބޭރުގެ ދަރަނި އިތުރުވަމުންދިއުމުގެ ސަބަބުން، އަލަށް އައި ސަރުކާރަށް ކުރިއަށް އޮތް ބޮޑެތި ބޭރުގެ ދަރަނީގެ އަދާކުރުމުގެ ޒިންމާތައް އަދާކުރުމަށާއި އެމެރިކާ ޑޮލަރާ ގުޅުވާފައިވާ ރުފިޔާގެ އަގު ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ލިޔެފައި ވެއެވެ. އަދި މުއައްޒަފުން މަދުކުރުމާއި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އުއްމީދުކުރަނީ މި ސަރުކާރުން މެދުރާސްތާގައި ފިސްކަލް ހަރުދަނާކޮށް އޭގެ ތެރެއިން ބޭރުގެ ފައިނޭންސިންގ ބޭނުންވާ މިންވަރު މަދުކުރާނެކަމަށް ކަމަށް ފިޗް އިން ބުނެފައި ވެއެވެ. އެހެން ނަމަވެސް މިހާރު އޮތް ސަރުކާރަށް 2025 އަދި 2026 ގައި ބޭރުގެ ބޮޑެތި ދަރަނިތައް އަލުން ފައިނޭންސްކުރުމުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މުއިއްޒު އަށް 2025 އަދި 2026 ގައިވާ ދަރަނިތައް އަދާ ކުރެވޭނެ ކަމަށް ފިޗް އިން ގަބޫލެއް ނުކުރެއެވެ.

ސަރުކާރަށް ކުރިމަތިވެފައިވަނީ ކުރިއަށް އޮތްތާނގައި އަދާކުރަންޖެހޭ ބޮޑެތި ބޭރުގެ ދަރަނީގެ ޒިންމާތަކެކެވެ. ޖުމްލަ ބޭރުގެ ދަރަނި އަދާކުރުން 2025 ވަނަ އަހަރު 557 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި 2026 ވަނަ އަހަރު 1.0 ބިލިއަން އެމެރިކާ ޑޮލަރު އިތުރުވާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުން ހިމެނެއެވެ. 9 އޮކްޓޮބާރ 2023 ގައި B ގްރޭޑަށް ފިޗް ރޭޓް ޖައްސާފައި ވަނިކޮށް، މުއިއްޒު ވެރިކަމަށް އައިތާ 7 މަސް ފަހުން ފިޗް ރޭޓިން ބަދަލު ކޮށްފައި ވަނީ، މުއިއްޒުގެ ސަރުކާރުގެ ގާބިލް ކަން ބެލުމަށް ފަހުއެވެ. ކުރީ ސަރުކާރުގެ އިޤްތިޞާދީ އުސޫލުތައް ހުރި ގޮތުން އެ ސަރުކާރަށް މި ދަރަނި ދެއްކޭނެ ކަމަށް ފިޗް އަދި މޫޑީ އިން ވެސް ގަބޫލު ކުރިއެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރާއި މެދު އެ އިތުބާރު ނެތްކަން މި 7 މަސް ދުވަހު މުޅި ދުނިޔެއަށް ސާފުވެގެން ހިނގެއްޖެއެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް 2024 ވަނަ އަހަރު ޖީޑީޕީގެ 19.7% ގައި މަތީ މިންވަރެއްގައި ދެމިހުންނާނެކަމަށް ލަފާކުރެވެއެވެ. މިއީ އެހެން ގައުމުތަކުގެ މެދު މިންވަރަށްވުރެ 6 ގުނައަށްވުރެ އިތުރު އަދަދެކެވެ. މިކަން މި ގޮތަށް ދިމާވެފައިވަނީ މުއިއްޒުގެ ސަރުކާރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ނާގާބިލު މީހުން ލުމުގެ ސަބަބުން އަދި ފަތުރުވެރި ކަމުގެ ދާއިރާއަށް މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރު ބޮޑުވެ، މުޅި ސިނާއަތް ރާއްޖޭގައި ދުވަހަކު ނުދާހާ ނުރައްކާތެރި ފައްތަރަކަށް ގޮސްފައި ވާތީއެވެ.

ފިޗުން ވަނީ ޑޮލަރު ލިބުން ރާއްޖޭގައި އިތުރަށް ދަތިވެ، ފައިސާގެ އަގުވެސް ވެއްޓޭނެ ކަމަށް ލަފާކޮށްފައެވެ.

ސިޔާސީ މުއައްޒަފުންނަށް ކުރާ ޚަރަދު ބޮޑުވުމަކީ ރާއްޖޭގެ ފިޗްރޭޓަށް ވެއްޓުމުގެ އަނެއް ސަބަބެވެ. ސަރުކާރަށް ބޭނުން ނުވާ އެތައް ހާސް ބަޔަކަށް ވަޒީފާ ދީފައި ވުމުން، އަމިއްލަ ވިޔަފާރިތަކަށް ވަޒީފާއަށް ބޭނުންވާ މީހުން ނުލިބި، އިޤްތިޞާދީ ދުވެލި ލޮޑުވެ، ދައުލަތުގެ ޚަރަދަށް އޭގެ އަސަރު ދަނީ އިންތިހާއަށް ކުރަމުންނެވެ.

މުއިއްޒުގެ ސަރުކާރުގައި ރާއްޖޭ ބަނގުރޫޓުވެ، ބަނޑަށް ޖެހިދާނެ ކަމަށް ބޭރުގެ ފައިނޭންޝިއަލް އިދާރާ ތަކުން ދެކުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މިހާރުވެސް، މަސްވެރިންނަށް ދޭން ހުރި ފައިސާ ދެވެން ނެތެވެ. އަދި އޮގަސްޓް މަހު، މުސާރަ ދެވޭނެ ގޮތެއް ވެސް އަދި ނުފެނެއެވެ.